މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގައި ކުރިން އަބަދުވެސް ފޯކަސްއަކީ ޑްރަގު ބޭނުންކުރާ މީހުންނަށް އަދަބު ދިނުމެވެ. އެކަމަކު މި ސަރުކާރުގެ ސިޔާސަތަކަށް ވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރީގައި އިސްކޮށް އުޅޭ މީހުންގެ ފަހަތުން ގޮސް އެ މީހުން ހުއްޓުވުމެވެ.
މިދިޔަ އަހަރު ނިންމާލީ މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ ބަޔަކު ހައްޔަރުކުރުމާ އެކު މަސްތުވާތަކެއްޗާ ދެކޮޅަށް ގާނޫނީ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް ވެސް އަޅަމުންނެވެ. މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރީގައި އިސްކޮށް އުޅޭ ބައެއް މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެސް އަދަބު ދިނުން އެއީ މިދިޔަ އަހަރު އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަންތަކެވެ.
މަސްތުވާތަކެތި އެތެރެކުރުން ނުވަތަ އޭގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެއްޗާބެހޭ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހަކީ ރާއްޖޭގައި މީހުން މެރުން ފިޔަވައި އެހެން ކުށެއްގައި މަރުގެ އަދަބު ދޭން ގާނޫނެއްގައި ހިމެނި ފުރަތަމަ ފަހަރެވެ. އަދި އެ ބަދަލާ އެކު، ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން މަސްތުވާތަކެތީގެ ކުށްތަކަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނުގައި ހިމެނި ތިން ވަނަ ގައުމަށް ރާއްޖެ ވަނީ ވެފަ އެވެ.
ގާނޫނާ ގެނައި އިސްލާހު ބުނާގޮތުން މަރުގެ އަދަބު ދެވޭނީ ޑައިމޯފިންގެ ބާވަތަކުން 250 ގްރާމް ނުވަތަ ކެނަބިސް ނަމަ 350 ގްރާމް ނުވަތަ އެ ނޫން ބާވަތަކުން ނަމަ 100 ގްރާމަށް ވުރެ އިތުރަށް މަސްތުވާތަކެތި އެތެރެކުރުން ނުވަތަ ވިޔަފާރި ކޮށްފި ނަމަ އެވެ. ނަމަވެސް އެފަދަ ކުށްތަކަށް މަރުގެ އަދަބު ދިނުމުގައި ހަރުކަށި އުސޫލުތަކެއް ގާނޫނަށް ގެނައި އިސްލާހު ކަނޑައަޅާފައިވެ އެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ މައްޗަށް ކުށް ސާބިތުވާ މިންވަރު ރާއްޖޭގައި ނިސްބަތުން މަދެވެ. އަދި ކުށް ސާބިތުވާ މީހުންގެ ތެރެއިން ވެސް ގިނަ ބަޔަކަށް އެކި ގޮތްގޮތުން މާފުދީ އަދި އަދަބު ލުއިކޮށްދިނުމުގެ ސަބަބުން މިނިވަންވުމަކީ އަބަދުވެސް އާންމު ކަމެކެވެ. އެކަމަކު، އެކަމަށް ވެސް ހައްލެއް ގެނައުމުގެ ގޮތުން އެފަދަ ކުށް ސާބިތުވާ މީހުންނަށް މާފު ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ދޮރު މިދިޔަ އަހަރު ގާނޫނަށް ގެނައި އިސްލާހާ އެކު ވަނީ ބަންދުވެފަ އެވެ.
ހަމަ އެހެންމެ، އުމުރަށް ޖަލަށްލުމަކީ 25 އަހަރަށް ޖަލަށްލުން ކަމަށް ރާއްޖޭގެ ނިޒާމުގެ ތެރެއިން ބަލަމުންދާ ދިއުން ވެސް ބަދަލުކޮށްލީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުގެ ދަށުންނެވެ. އެ އިސްލާހުގެ ދަށުން މަސްތުވާތަކެތީގެ ކުށްތަކުގައި އުމުރަށް ޖަލަށްލުމަކީ އެ މީހަކު މަރުވަންދެން ޖަލުގައި ބޭއްވުމެވެ. އަދި ކުރިން ވެސް ފާހަގަކުރި ފަދައިން، މާފު ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ފުރުސަތު ނޯންނާނެތީ އެއީ އެފަދަ ބޮޑެތި ކުށްވެރިން މުޖްތަމައުގެ ތެރެއަށް ދޫވުން ހުއްޓުވަން އެޅި ބޮޑު ފިޔަވަޅެކެވެ.
މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކެއް މިދިޔަ އަހަރު ކޯޓުތަކުން ނިންމި އެވެ. އެގޮތުން 2020 ވަނަ އަހަރު ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުވި ގއ. ވިލިނގިލީ ލައިޓްހައުސް، ޝަހީބް އިބްރާހިމާއި އިތުރު ފަސް މައްޗަށް ކުރި ދައުވާތައް ސާބިތުވެ އެ ދެ މީހުންގެ މައްޗަށް 50 އަހަރުގެ ޖަލު ހުކުމްތަކެއް ކްރިމިނަލް ކޯޓުން މިދިޔަ އަހަރު އިއްވި އެވެ.
އެ މައްސަލާގައި ބޮޑު ޖަލު ހުކުމެއް އިއްވުމުގެ އިތުރުން ޝަހީބާއި އިތުރު މީހެއްގެ މައްޗަށް 10 މިލިއަން ރުފިޔާގެ ޖޫރިމަނާގެ އަދަބެއް ވެސް ކްރިމިނަލް ކޯޓުން ކަނޑައެޅި އެވެ. އެއީ އެހާ ގިނަ އަދަދެއްގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ރާއްޖޭގައި ބަޔަކަށް ކުށް ސާބިތުވި ފުރަތަމަ މައްސަލަ އެވެ. އަދި 2011 ވަނަ އަހަރު އަމަލުކުރަން ފެށި މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން ކަނޑައެޅޭ އެންމެ ބޮޑު ޖޫރިމަނާ ކަނޑައެޅި ފުރަތަމަ މައްސަލަ ވެސް މެ އެވެ.
މީގެ އިތުރުން 2020 ވަނަ އަހަރު ކަނޑުމަގުން އައްޑު އަށް އެތެރެ ކުރަނިކޮށް އަތުލައިގަތް 78 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި އަދި އައްޑޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރި ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވީ މިދިޔަ އަހަރު އެވެ.
މިދިޔަ އަހަރު ފުލުހުންގެ އޮޕަރޭޝަންތަކުގައި 500 އެއްހާ ކިލޯގެ މަސްތުވާތަކެތި އަތުލައިގަތްއިރު، ކަސްޓަމްސް އިން ހިންގި އޮޕަރޭޝަންތަކުގައި 239 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތެވެ. އެއީ މަގުމަތީ އަގުން ބަލާނަމަ 1.1 ބިލިއަން ރުފިޔާގެ މަސްތުވާތަކެއްޗެވެ. އަދި ދިވެހި ސިފައިން ހިންގި ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ޑްރަގް ސިފައިން އަތުލައިގަތީ ވެސް މިދިޔަ އަހަރު އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އުޅުނު ސްރީ ލަންކާގެ މަސް ބޯޓެއް ހުއްޓުވުމަށް ފަހު، 300 އަށް ވުރެ ގިނަ ކިލޯގެ މަސްތުވާތަކެއްޗާ އެކު ސްރީ ލަންކާގެ ބަޔަކު ހައްޔަރުކުރި އެވެ. އެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި އެ ގައުމުގެ ފުލުހުން ވެސް ދިވެހި ފުލުހުންނާ ގުޅިގެން މަސައްކަތް ކުރި އެވެ. އަދި ލަންކާ ފުލުހުންގެ ޓީމެއް ވެސް އެކަމަށްޓަކައި ރާއްޖެ އައިސްފައިވެ އެވެ. ނަމަވެސް އެ އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލުތައް މިހާތަނަށް ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަންގެ ތެރެއިން އެއް ވަގުތެއްގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 100 އަށް ވުރެ ގިނަ ތަންތަން ބަލައި ފާސްކުރަން 500 ފުލުހުންނާ އެކު ހާއްސަ އޮޕަރޭޝަނެއް މިދިޔަ އަހަރު ކުރިއަށް ގެންދިޔަ އެވެ.
އޮޕަރޭޝަން "އަލިމަގު" ގެ ނަމުގައި ފެށި އެ އޮޕަރޭޝަންގައި އެކަނި ވެސް 29 ކިލޯގެ މަސްތުވާތަކެތި ހޯދައި، 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރި ނަމަވެސް ގިނަ މީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އަދި މިދިޔަ އަހަރު އެހެން އޮޕަރޭޝަންތަކުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ފުލުހުން ވެސް ހިމެނެ އެވެ.
މިދިޔަ އަހަރަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގައި މުހިންމު ނަތީޖާތަކެއް ފެނުނު އަހަރެކެވެ. އެގޮތުން މިދިޔަ އަހަރަކީ މަސްތުވާތަކެތި އެތެރެކޮށް އަދި އޭގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ގެނައި ބަދަލުގެ އިތުރުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތުމާއި ކޯޓުތަކުގައި ނުނިިމި ހުރި އެފަދަ ބޮޑެތި މައްސަލަތައް ވެސް އެތައް އަހަރުގެ އިންތިޒާރަކަށް ފަހު ދައުލަތަށް ކާމިޔާބު އަހަރެކެވެ.