ޖެނެރޭޝަނަލް ބޭން ބިލް ތަސްދީގު ކުރައްވަނީ: އެ ބިލުގެ ދަށުން 2007 ވަނަ އަހަރުގެ ފަހުން އުފަންވި އެންމެންނަށް ދުންފަތް މަނާވާނެ --- ފޮޓޯ/ރައީސް އޮފީސް
01 ޖެނުއަރީ 2026 - 14:04
ދުޅަހެޔޮ ޖީލެއް ބިނާކުރުމުގެ އަމާޒު ހާސިލްކުރުމަށް ފާއިތުވި އަހަރުތަކުގައި އެކި ފިޔަވަޅު އެޅި އެވެ. އެކަމަކު، މި ނިމުނު 2025 ވަނަ އަހަރަކީ ރާއްޖޭގެ ތާރީހުގައި، ދުންފަތާ ގުޅޭ އެންމެ ވަރުގަދަ އެއް ނިންމުން ނިންމައި ތަންފީޒުކުރަން ފެށި އަހަރެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އެންމެ ފަހުން ގެނައި ބަދަލު، 2007 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ ކުދިންނަށް އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރުމަށް ގެނައި އިސްލާހު ތަންފީޒުކުރަން ފަށައި މިދިޔަ ނޮވެމްބަރު 1 އިން ފެށިގެން "ޖެނެރޭޝަން ބޭން" އަށް އަމަލުކުރަން ވަނީ ފަށައިފަ އެވެ.
އެ ގާނޫނަށް 2024 ގެ ފަހުކޮޅު ގެނައި ބަދަލުގައިވާ ގޮތުން، ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރު ވެސް ވަނީ 18 އަހަރުން 21 އަހަރަށް މަތިކޮށްފަ އެވެ. އަދި އެ އުމުރާ މެދު ޝައްކުވާ ނަމަ ދުންފަތުގެ ބާވަތްތައް ވިއްކޭނީ އުމުރު ކަށަވަރު ކުރުމަށް ފަހުގަ އެވެ.
ނަމަވެސް، ޖެނެރޭޝަން ބޭންގެ އިސްލާހާއެކު، 2007 ގެ ފަހުން އުފަންވެފައިވާ ކުދިންނަށް އެއްވެސް ހިސާބެއްގައި ދުންފަތުގެ ބާވަތެއް ނުވިއްކޭނެ އެވެ.
ދުންފަތާ ދެކޮޅަށް ތާރީހީ ދުވަހެއް، ޖެނެރޭޝަނަލް ބޭން އަށް ރާއްޖެ އިން އަމަލުކުރަން ފަށައިފި https://t.co/7c2BaQ4rqx
— Mihaaru (@Mihaarunews) October 31, 2025
މިއީ، މެޑިކަލް އެސޯސިއޭޝަނުން ފާހަގަކުރިގޮތުގައި، އާއްމު ސިއްހަތު ރައްކާތެރިކުރުމުގައި ސަރުކާރުން އެޅި ވަރަށް މުހިއްމު ފިޔަވަޅެކެވެ. އަދި އަންނަން އޮތް ޖީލުތަކުގެ ސިއްހަތު ރައްކާތެރިކޮށް، ދުޅަހެޔޮ ގައުމެއްގެ ތަސައްވުރު ކުރިއެރުވުމަށް މުހިންމު އިންވެސްޓްމަންޓަކަށް ވެގެންދާނެ ކަމަށް ވެސް، މިދިޔަ އޮކްޓޯބަރު މަހު ނެރުނު ބަޔާނުގައި އެ ޖަމިއްޔާއިން ބުންޏެވެ.
ޖެނެރޭޝަނަލް ބޭން އަށް އަމަލުކުރަން ފެށުން ފާހަގަކުރަން ބޭއްވި 24 ގަޑިއިރުގެ ދުވުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ މި ސަރުކާރުގެ ސިއްހީ ދާއިރާގެ ސިޔާސަތަކީ، ދުޅަހެޔޮ ފަރުދެއް، ދުޅަހެޔޮ އާއިލާއެއް އަދި ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުން ކަމަށެވެ. ރާއްޖޭގައި ދިމާވާ ސިއްހީ ގިނަ މައްސަލަތައް ގުޅިފައިވަނީ ދިރިއުޅުމުގައި ގެންގުޅޭ ސިއްހަތާ ބީރައްޓެހި އަދި ބޮޑެތި ބަލިތަކަށް ހުށަހެޅޭ އާދަތަކަށް ކަމަށް ވާތީ އެ ފަދަ ކަންކަމުން މުޖުތަމައު ރައްކާތެރިކޮށް އަދި ދުޅަހެޔޮ އާދަތަކަށް އާއްމުން އަހުލުވެރިކޮށް ސިއްހީ ގޮތުން ދުޅަހެޔޮކަމަށް މަގުފަހިވާނެހެން ކަންކަން ތަރުތީބު ކުރުމަކީ އެންމެ ސަމާލުކަން ދޭންޖެހޭ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޖެނެރޭޝަނަލް ބޭން ފާހަގަކުރަން އެކުވެނި ޓްރެކްގައި ބޭއްވި ދުވުން، ހެލްތު މިނިސްޓަރު ނާޒިމް ފައްޓަވައިދެއްވަނީ.--ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ދުންފަތުގެ ވަބާއިން ދިވެހިން ސަލާމަތްކޮށް، ދުޅަހެޔޮ ޖީލަކަށް ކުރާ މަސައްކަތުގެ އަގުވަޒަންކޮށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ރާއްޖެއަށް އެވޯޑެއް ވެސް އަރުވައިފަ އެވެ.
ކަސްޓަމްސް އިން މީގެ ކުރިން ހިއްސާކުރި މައުލޫމާތުތައް ދައްކާ ގޮތުން، ރާއްޖެ އަށް އެވްރެޖުކޮށް އަހަރަކު 500 މިލިއަނެއްހާ ސިނގިރޭޓް އެތެރެކުރުމަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޭދަކުރެ އެވެ. އަދި ނޭޝަނަލް ހެލްތު އެކައުންޓްސްގެ ހިސާބުތައް ދައްކާ ގޮތުން، ސިއްހީ ހިދުމަތްތައް ދެމެހެއްޓުމަށް އެވްރެޖު ގޮތެއްގައި ޖީޑީޕީގެ 9.7 ޕަސެންޓު ނުވަތަ ބަޖެޓުގެ 19 ޕަސެންޓް ހޭދަކުރެ އެވެ.
ނަމަވެސް، އެކަށީގެންވާ ގޮތެއްގައި ދުންފަތުން މީހުން ރައްކާތެރިކޮށް ދުންފަތާ ދުރު ޖީލެއް ބިނާކުރެވިއްޖެ ނަމަ ބަލިތަކަށް ސަރުކާރުން މިހާރު ކުރާ ބޮޑު ހޭދަ އެތައް ތަނުން ކުޑަވެ އަދި އާއްމުންގެ ދުޅަހެޔޮކަން އިތުރުވެގެންދާނެ ކަން ހެލްތު މިނިސްޓްރީން ފާހަގަކުރެ އެވެ.
މީގެ ހަތަރު އަހަރު ކުރިން އާއްމުކުރި ސްޓެޕްސް ސާވޭ ދައްކާ ގޮތުން ވެސް ރާއްޖޭގެ ކޮންމެ ހަތަރު މީހަކުން އެކަކު ދުންފަތުގެ އިސްތިއުމާލް ކުރެ އެވެ. ސްކޫލު އުމުރުގެ ކުދިންގެ ގާތްގަނޑަކަށް 45 ޕަސެންޓް ކުދިން ދުންފަތުގެ ކޮންމެ ވެސް ބާވަތެއް ބޭނުން ކުރާ ކަމަށް 2019 ގައި ހެދި ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭއިން ދައްކަ އެވެ.
ދުޅަހެޔޮ ޖީލެއް ބިނާކުރަން ކުރާ މަސައްކަތުގައި ރާއްޖެ އަށް ވޭޕާއި އީ-ސިނގިރޭޓު އެތެރެކުރުން ވެސް މިދިޔަ އަހަރުގެ ނޮވެމްބަރު 15 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.
Copyright © 2026 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސްޓީކް
01 January 2026
މިހާރުވެސް ސިނގިރޭޓް ނުލިބޭ ފިހާރައެއް ނެތް. ވިއްކާ އިރު އައިޑީ ކާޑު ނުވަތަ ޢުމުރު އެނގޭނެ އައިޑީ އެއް އޮތްތޯ އެހި ފިހާރައެއް އެބަހުރިތަ. ޢަމަލީ ގޮތުން ތަންފީޒު ނުކުރެވޭނެ ގާނޫނު ހެދުމުގެ ބޭނުމެއް ބުނެބަލަ.
އަފްރާސިޔާބު
01 January 2026
އާނ. ތިބުނި ބަސް ވަރަށް ތެދުވެއްޖެ. ކުރީގާވިއްޔާ ސަރުކާރަށް އިމްޕީޓް ޑިއުޓީ ލިބޭ އެތެރެވާ ދުންފަތުގެ ބާވަތްތަކަށް. މިހާރު ކަސްޓމް ޑިއުޓީއެއްނެތި ޕޯޓްސް އޮތޯރިިޓީއަށް ދައްކާ ފައިސާއއެއްނެތި އެތައްބިލިއަން ރުފިޔާއެެއްގެ ދުންފަތުގެ ބާވަތް ވިއްޔާ ސަރުކާރަށް ދައްކާ އެއްވެސް ފައިސާއެެއްނެތި އެތެރެ އެވަނީ. ހުންނާނީ ޖެނެރޭޝަން ބޭން ރަނގަޅަށް ކުރެވިފައި.
ހުސެންބެ7556
01 January 2026
މުއިޒު ކުރިޔަަސް ރަގަޅުކަމެއް...ދެކެންބޭނުމީ ދުންފައްމަނާ ދުވަހަކައް..
ވިސްނާށޭ
01 January 2026
ދުންފަތް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި އެއްކޮށް މަނާކުރަންވީ އަދި އެނަރޖީ ޑްރިންކް ވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ވިއްކުން މަނާކުރަންވީއޭ އެއީ ވެސް ސިއްހަތަށް ވަރަށް ގެއްލުންވާ އެއްޗެެކޭ...