ރާއްޖޭގެ އެކި ރަށްރަށުގައި އަލަށް އިމާރާތްކުރާ 39 ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ. 

ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ އަތޮޅު ވެރިކަން ކުރާ ރަށްރަށުގައި ހުރި އަތޮޅު ހޮސްޕިޓަލްތަކާއި އެހެން ހެލްތު ފެސިލިޓީތައް ތަރައްގީ ކުރަން އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެއް ފަށާފައިވާ ކަމަށެވެ.

އެ މައުލޫމާތުތަކުގެ ތަފްސީލު ދެއްވަމުން ނާޒިމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަތޮޅުތަކަށް ކުރެއްވި ދަތުރުތަކުންނާއި ހިދުމަތްފުޅާ ކުރަން ސަރުކާރުން ކުރި މަސައްކަތުން އަތޮޅު ތެރޭގެ ހެލްތު ފެސިލިޓީތައް ވަރަށް ބޮޑަށް ވީރާނާވެ، ޖާގަ ކުޑަވެ، ހަލާކުވެފައިވާކަން ފާހަގަވި ކަމަށެވެ.

އަދި އެ ތަންތަނުން ހިދުމަތް ނުދެވޭ ވަރަށް ބާވެ، ވާރޭ ވެހުންފަދަ ކަންކަން ވެފައި ހުރުމުން ރާއްޖޭގައި މިހާތަނަށް ނުހިންގާ ފަދަ އުމްރާނީ ތަރައްގީގެ ބޮޑު މަޝްރޫއެއް ފަށާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލަތައް ހައްލު ކުރަން ރާއްޖޭގެ އެކި ރަށްރަށުގައި 39 ހޮސްޕިޓަލް އަންނަނީ އަޅަމުންނެވެ. 

"އޭގެ ތެރެއިން ބައެއް ތަންތަނަކީ މިހާރު ހޮސްޕިޓަލް ހުރި ތަންތަން. އަނެއްބައި ތަންތަން އަޕްގްރޭޑް ކުރުން އަދި އަނެއް ތަންތަނަކީ މިހާރު ހޮސްޕިޓަލު ހުރި ތަންތަން. އެ ތަންތަނަކީ މިހާރު ހުރި ހޮސްޕިޓަލުގެ ޖާގަ ނެތުމުން މުޅިން އާ އިމާރާތެއްގައި ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ކުރާ ތަންތަން،" މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން މިހާރު އަލަށް 19 ސިއްހީ މަރުކަޒު އެޅުމުގެ މަސައްކަތާއި އިމާރާތް އެކްސްޓެންޝަން އަދި އަޕްގްރޭޑިންގެ 89 އިމާރާތުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

ޖުމްލަ 22 ޕްރޮޖެކްޓެއް ކުރިއަށް ރާވާފައި ހުރިއިރު އޭގެ ތެރޭގައި އަލަށް، އަށް ހޮސްޕިޓަލެއް އެޅުމާއި ފަސް ސިއްހީ މަރުކަޒު އިމާރާތް އެޅުމުގެ މަސައްކަތުގެ އިތުރުން އެކްސްޓެންޝަން އަދި އަޕްގްރޭޑިންގެ ނުވަ އިމާރާތުގެ މަސައްކަތް ވެސް ވަނީ ރާވައިފަ އެވެ.

މި ސަރުކާރުން މިދިޔަ ދެ އަހަރު ތެރޭ މުޅިން އަލަށް ނުވަ ރަށެއްގައި ވަނީ ޑައިލަސިސް ހެދުމުގެ މަސައްކަތް ފަށައިފަ އެވެ. އެއީ:

- ބ. ދަރަވަންދޫ

- ނ. ވެލިދޫ

- ށ. އަތޮޅު ހޮސްޕިޓަލް

- ހއ. އިވަންދޫ

- އދ. އަތޮޅު ހޮސްޕިޓަލް

- އއ. އަތަޮޅު ހޮސްޕިޓަލް

- މ. މުލީ ހޮސްޕިޓަލް

- ތ. އަތޮޅު ހޮސްޕިޓަލް

- ގއ. އަތޮޅު ހޮސްޕިޓަލް

މި މިދިޔަ ދެ އަހަރު ވަނީ ޑައިލަސިސްގެ އެނދު އިތުރުކޮށް އިތުރު ހަ ރަށެއްގައި ލެބޯޓަރީގެ ހިދުމަތް ވެސް ފަށައިފަ އެވެ.