ރަށްރަށަށް ތަރައްގީ ކުރުމަށް އުމްރާނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުން އައި ނަމަވެސް ތަފާސްހިސާބުތައް ބުރަވަނީ މުޅިން ދިމާ އިދިކޮޅަށެވެ. އެއިން ކޮންމެ ނަމްބަރެއް ވެސް ގޮސް ހުއްޓެނީ މާލެ ސަރަހައްދުގެ އާބާދީ އެތައް ގުނައަކަށް މައްޗަށް ދާ ގޮތަށެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މި ފަހުން އާންމުކުރި ރިޕޯޓުގެ ބައެއް ނަމްބަރުތަކަށް ބަލާއިރު ވެސް ފެންނަނީ އެ މަންޒަރެވެ. އެ ރިޕޯޓު ތައްޔާރު ކޮށްފައި ވަނީ 2062 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ހާލަތު ބަޔާން ކޮށްދިނުމަށް ކަމަށް ވާއިރު އެ މުއްދަތުގައި އާބާދީގެ 53 ޕަސެންޓު މާލެ އަށް ހިޖުރަ ކުރާނެ އެވެ. މާލޭގައި ދިރިއުޅޭ އާބާދީ 361،576 އަށް އިތުރުވާނެ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
މާލެ ފިޔަވަައި އެހެން ރަށްރަށުގެ އާބާދީ ދަށްވެ، އެ ރަށްރަށް ދާނީ ފަޅުވަމުންނެވެ.
އެންމެ ފަހުގެ ބޯހިމެނުމުގެ ނަތީޖާ އިން ވެސް ދައްކަނީ ބަލަން ބޭނުންވާ މަންޒަރެއް ނޫނެވެ. އާބާދީގެ 41 ޕަސެންޓު މީހުން މާލޭގައި ދިރިއުޅެމުން އަންނައިރު 37 ޕަސެންޓު މީހުން މާލެ ހިޖުރަކުރީ ތައުލީމު ހޯދުމަށެވެ.
މިދިޔަ އަހަރުގެ ތަފާސްހިސާބަށް ބަލާއިރު ރާއްޖޭގައި ކިޔަވާ އުމުރުފުރައިގެ އާބާދީއަކީ 80،930 ކުދިންނެވެ. އޭގެ ތެރެއިން 53،533 ކުދިން ކިޔަވަނީ މާލެ ފިޔަވައި އެހެން އަތޮޅުތަކުގަ އެވެ. އެއީ 27،437 ފިރިހެން ކުދިންނާއި 26،096 އަންހެން ކުދިންނެވެ. އެންމެ އެންމެ ގިނަ ކުދިން ކިޔަވަން އަންނަނީ މާލެއަށެވެ.
ކުރިއަށް އޮތް ދިރާސީ އާ އަހަރުގެ ކިޔެވުން މި މަހުގެ 27 ގައި ފަށާއިރު މި ބަހުސް އިތުރަށް ބޮޑުވާ މައިގަނޑު ސަބަބަކީ މާލޭގެ ސްކޫލްތަކުގެ ޖާގަ ފުރުމެވެ. މާލެ އާއި ހުޅުމާލޭގެ ސްކޫލްތައް ފުރި، އެއް ސެޝަނަށް ކިޔެވުމަށް ގެންގުޅެމުން އައި ވިސްނުން ދެ ސެޝަނަށް ބަދަލުވުމުގެ ފުރުސަތު ބޮޑެވެ. މާލެ ސަރަހައްދުގައި އެންމެ ބޮޑަށް އާބާދުވަމުން އަންނަ ހުޅުމާލެ 2 ގައި އެންމެ ފަހުން އިމާރާތްކޮށް، ދިރާސީ އާ އަހަރާ އެކު ކިޔަވައިދޭން ފަށަން ތައްޔާރުވަމުން އަންނަ ސްކޫލްގެ ޖާގަ ވެސް ފަތުއަތުކިޔާފައި ދަނީ ފުލްވަމުންނެވެ.
މާލޭގައި މިހާރު އޮތް ސްކޫލު އަބާދީގެ ބޮޑު ބަޔަކީ ރަށްރަށުން ހިޖުރަ ކޮށްފައިވާ އާއިލާތަކުގެ ކުދިންނެވެ. ސިއްހީ ބޭނުމާއި އެހެން ކަންކަމަށް ބަދަލުވި ނަމަވެސް އެންމެ ގިނަ ވާނީ ތައުލީމަށް، ސްކޫލުގެ ވަކި ގްރޭޑަކުން ފެށިގެން ބަދަލުވާ އާއިލާ ތަކެވެ. ނުވަތަ ގްރޭޑް 10 ނިންމައި މަތީ ތައުލީމު ހާސިލް ކުރުމަށް ބަދަލުވާ ކުދިންނެވެ. އެއީ އިއްޔެ، މިއަދަކު ފެށިގެން އުޅޭ ކަމެއް ނޫނެވެ. ޒަމާނުއްސުރެ ފެށިފައިވާ އެ އާދަ ނުހުއްޓުވި ރަށްރަށުގެ ސްކޫލުތައް ފަޅުވަންދެން މާލެ ހިޖުރަ ކުރުން ނޫން ގޮތެއް ހަމަ ނެތީ ހެއްޔެވެ؟
މާލެ ހިޖުރަކުރުން ހުއްޓޭނީ ސްކޫލުތަކަށް ރަނގަޅު ވަސީލަތްތާއި ސިއްހީ ހިދުމަތް ލިބިގެން
ކިޔެވުމުގެ ބޭނުމުގައި މާލެ އަށް ހިޖުރަކުރާ ކުދިންގެ އަަދަދު ގިނަވާ މައްސަލާގައި ޕްރިންސިޕަލުން އެކިއެކި މައްސަލަތައް ފާހަގަކުރައްވަ އެވެ. ސިޔާސަތުތައް އެއްގޮތެއްގައި ހިފަހައްޓާނުލުމާއި ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް ނެތުމެވެ. މޮނީޓަ ނުކުރެވުމެވެ.
ރަށްރަށުގެ ސްކޫލްތަކަށް ދޭން ޖެހޭ އިސްކަން ނުދެވުމެވެ. ކިޔަވައި ނިންމައިގެން ރަށުގައި ހުރެ ވަޒީފާ އަދާކުރެވޭނެ ގޮތެއް ނެތުމާއި ގްރޭޑް 10 އިން މައްޗަށް ރަށުގައި ހުރެގެން ކިޔެވޭނެ ގޮތެއް ނެތުމެވެ.
"ރާއްޖޭގެ ގިނަ ކުދިން މިހާރު ކިޔަވަން ބޭނުންވަނީ ސައިސް ސްޓްރީމް. އެކަމަކު ރަށްރަށުގައި މި ކިޔަވައިދެނީ މިކްސް ސްޓްރީމް. އެހެންވެ އެއްކަލަ ކުއްޖާ ކިޔަވައި ނިންމައި މަތީ ތައުލީމު ހާސިލް ކުރާއިރު އެ ކުއްޖާ ދާން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދެވޭކަށް ނެތް ގިނަ ރަށްރަށުގައި ފިޒިކްސް ނުކިޔަވައިދޭތީ،" ތައުލީމީ ދާއިރާގައި 30 އަށް ވުރެ ގިނަ އަހަރު ހޭދަ ކުރައްވާފައިވާ ޕްރިންސިޕަލަކު ވިދާޅުވި އެވެ.
"އެހެންވެ ކުއްޖާ ކުރިއަަށް ދާން ބޭނުންވާ ދާއިރާ އިން ރަށުގައި ކިޔެވެން ނެތުމުން މި ބަދަލުވަނީ މާލެ."
ރަށްރަށު ސްކޫލުތަކުގައި ލެބޯޓަރީތައް ނެތުމާއި އަމަލީ ތަކުރިބާ ލިބޭނެ ގޮތް ނެތުމަކީ ދަރިވަރުން މާލެ ބަދަލުވާން ޖެހޭ އެންމެ ބޮޑު އެއް ސަބަބުކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އެހެން ޕްރިންސިޕަލަކު ފާހަގަކުރެއްވީ ރަށްރަށުގެ ސްކޫލުތަކާއި މާލެ ސްކޫލުތަކުގެ މެދުގައި ޒަމާނުއްސުރެ ގެންގުޅޭ ތަފާތު ކުރުމެވެ. މާލެ ފިޔަވައި އެހެން ރަށްރަށް ކަމަށް ވިޔަސް އެއްވެސް ކަމެއްގައި ހަމަހަމަ ކަމެއް ނެތް ކަމަށް އެ ޕްރިންސިޕަލް ވިދާޅުވި އެވެ. ހުރިހާ ރަށަކަށް އެއް ފެންވަރެއްގެ ހިދުމަތް ނުދީ، މާލެ އަންނަން މަޖުބޫރު ކުރުވަނީ ކަމަށް ދެކެވަޑައިގަންނަވަ އެވެ.
"މާލެއަށް މީހުން ހިޖުރަ ކުރަނީ ދަރިންނަށް ރަނގަޅު ތައުލީމެއް ދިނުމަށް. ތައުލީމާއި ސިއްހަތަކީ ވަރަށް ބޮޑަށް ގުޅިފައި އޮންނަ ދެ ބައި. ރަނގަޅު ސިއްހަތެއް ހުރެގެން ކިޔެވޭނީ، ރަށްރަށުގައި ގިނަ ފަހަރަށް ރަނގަޅު ސިއްހީ ފަރުވާ ލިބޭކަށް ވެސް ނުހުރޭ،" އޭނާ ވިދާޅުވި އެވެ.
އެ ދެ ކަންތައް ރަށްރަށުން ލިބޭ ނަމަ މާލެ ބަދަލުވާ ކުދިންގެ އަދަދު ވަރަށް ބޮޑުތަނުން ރަނގަޅުވާނެ ކަމަށް މި ރިޕޯޓަށް ވާހަކަ ދެއްކެވި އެހެން ޕްރިންސިޕަލަކު ވިދާޅުވި އެވެ.
އެހެން ރަށެއްގެ ޕްރިންސިޕަލަކު ވިދާޅުވި ގޮތުގައި، ރަށްރަށަށް ދާނެ ރަނގަޅު ޓީޗަރުން ނެތުމުން ރާއްޖެއިން ބޭރުން ގެންނަ ޓީޗަރުންގެ ފެންވަރު ވެސް އެހާ ރަނގަޅެއް ނޫނެެވެ.
މާލެ ހިޖުރަކުރާ އާބާދީ ހުއްޓުވޭނެ ކަމަށް އެހެން ޕްރިންސިޕަލަކު ވިދާޅުވީ ފެންވަރު ރަނގަޅު ތައުލީމު ރަށްރަށުން ދިނުމާއެކު މާލެ ސްކޫލުތަކަށް ކުދިން ވެއްދުމުގެ ގަވައިދު ހަރުދަނާ ކުރުމެވެ.
"ކުރިން މާލެ ސްކޫލުތަކަށް ވެއްދުމުގައި އިސްކަން ދޭނީ މާލޭގައި ކަމުވޮށިގެންވާ ކުދިންނަށް. އޭރު ރައީސް މައުމޫނު ވެރިކަމުގައި ތައުލީމީ މަރުކަޒުތައް ވެސް އުފައްދަން ފެށި ރަށްރަށުގައި. މާލޭގައި އޭރު ހުންނަނީ ޕްރައިމަރީ ސްކޫލުތައް. ރަށްރަށުން ވަރަށް ނާންނާނެ އޭރު ގްރޭޑް އެކަކަށް ވަންނަން ކުދިންނެއް. ގްރޭޑް 8 އަށް ދިނުމުން ފުރުސަތު ލިބޭ މާލެ ސްކޫލަކަށް ވަނުމުގެ،" ތައުލީމީ ދާއިރާގައި ވަރަށް ގިނަ ދުވަހު އުޅުއްވާފައިވާ ބޭފުޅަކު ވިދާޅުވި އެވެ.
"އައްޑޫ ހައި ސްކޫލަށް މިހާރު އަޅުގަނޑުގެ އިތުބާރެއް ނެތް. އައްޑޫގައި ތިބި އާއިލާގެ މީހުން ވެސް އެ ބުނަނީ އިތުބާރެއް ނެތޭ. ދެން އެ ސްކޫލްގެ ކިޔެވުން ކިތަންމެ މޮޅަށް ދާނެ ގޮތެއް ނުވިސްނޭ. ހިތް ބިރުގަނޭ،---
އޭނާ ވިދާޅުވީ މާލޭގެ އަވަށު މަދަރުސާތައް، ކުރީގެ މައުމޫންގެ ވެރިކަމުގައި އުފެއްދީ ވެސް ދޮށީ އުމުރުގެ ކުދިންތަކެއް ނުކިޔަވާ އުޅޭތީ އެ ކުދިން އިސްލާހު ކުރުމަށް ކަމަށެވެ. އެކަމަކު، ޒަމާނަށް އައި ބަދަލާ އެކު، މާލޭގެ ކޮންމެ ސްކޫލަކަށް ވެސް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވުމުން ދެން އެ ޒަމާނުގެ ގޮތަށް ކަންކަން ބައްޓަން ކުރަން އުނދަގޫވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ރިޕޯޓަށް ވާހަކަ ދެއްކި، މެދުރާއްޖެތެރޭގެ ރަށެއްގެ މީހަކާ އިނދެގެން އުޅޭ އަންހެން ބެލެނިވެރިއެއްގެ ހާލަތަށް ބަލަމާ ހިނގާށެވެ. އޭނާގެ ދަރިފުޅު މި އަހަރު އޯ ލެވެލް އިމްތިހާނު ނިންމާފައި އޭ ލެވެލަށް ކިޔެވޭނެ ފުރުސަތެއް އެ ރަށަކު ނެތެވެ. މިދިޔަ މަހާ ހަމައަށް އޭނާ ވިސްނަމުން އައީ އުފަން ރަށް އައްޑޫގައި ހުންނަ އައްޑޫ ހައި ސްކޫލްގައި ދަރިފުޅުގެ މަތީތައުލީމު ފުރިހަމަ ކޮށްދޭށެވެ.
އެކަމަކު، އެ ސްކޫލުގައި ދާދި ފަހުން ފެންމަތިވި އަހުލާގީ މައްސަލަތަކާ ހެދި އެ ހިޔާލު ދޫކޮށްލައި، މިހާރު ވިސްނަމުން އެ އަންނަނީ އަންނަ އަހަރު މާލެ ބަދަލުވާށެވެ.
"ދަރިފުޅުގެ އޭ ލެވެލް ފުރިހަމަ ކޮށްދެވެން އޮތީ އެހެން. އައްޑޫ ހައި ސްކޫލަށް މިހާރު އަޅުގަނޑުގެ އިތުބާރެއް ނެތް. އައްޑޫގައި ތިބި އާއިލާގެ މީހުން ވެސް އެ ބުނަނީ އިތުބާރެއް ނެތޭ. ދެން އެ ސްކޫލްގެ ކިޔެވުން ކިތަންމެ މޮޅަށް ދާނެ ގޮތެއް ނުވިސްނޭ. ހިތް ބިރުގަނޭ،" އެ ބެލެނިވެރިޔާ ކިޔައިދިނެވެ.
މިފަދަ އެތައް މަޖުބޫރުކަމަކާ ހެދި ކޮންމެ އަހަރެއްގެ ވެސް ހާލަތަކީ މިއެވެ. އެ ބެލެނިވެރިޔާ ދެން މާލެ ބަދަލުވެ، އެއްކަލަ އާބާދީ ތޮއްޖެހި، ފިތިބާރުވަމުންދާ ހުޅުމާލެ 2 ގެ ފްލެޓެއްގައި ދިރިއުޅެން ފަށާނީ އެވެ.
ރަށްތައް ފަޅުވެ މީހުން ބަދަލުކުރާ ހިސާބަށް!
މިހާރު ފަޅުވެފައިވާ ވ. ރަކީދޫއަކީ ވެސް ރަނގަޅު އާބާދީއެއް އޮތް ރަށެކެވެ. ނަމަވެސް މިހާރު އެ ރަށުގައި ދިރިއުޅެނީ ފަސްދޮޅައެއްހާ މީހުންނެވެ. މިހާރު އެންމެ އަސާސީ ހިދުމަތް ނުލިބޭ ރަކީދޫގައި 2007 ވަނަ އަހަރުން ފެށިގެން ވަނީ ސްކޫލު ބަންދުކޮށްފަ އެވެ. އާއިލާތައް ދަރިންނަށް ކިޔަވައި ދިނުމަށް، އެންމެ އަސާސީ ހިދުމަތް ހޯދުމަށް އުފަން ރަށް ދޫކޮށް މާލެ ބަދަލުވެފަ އެވެ.
އެ ރަށުގައި މިދިޔަ ސަރުކާރުން ސެޓްލައިޓް ސްކޫލެއް ހުޅުވައި ތިން ކުދިންނާ އެކު ކިޔެވުން ފެށި ނަމަވެސް އެ ކުދިން ވެސް މިހާރު ބަދަލުވެ ރަށުގައި ކިޔަވާނެ އެއްވެސް ކުއްޖަކު ނެތެވެ.
ދެން ވެސް އޮތީ ވ. އަތޮޅު ރަށެއް ކަމަށްވާ ތިނަދޫ އެވެ. ރަށުގައި ދިރިއުޅެނީ 50 އެއްހާ ދިވެހިންނެވެ. ކިޔަވާނެ ދަރިވަރަކު ނެތި އެ ސްކޫލު ވެސް ވަނީ ބަންދު ކޮށްފަ އެވެ.
ހދ. ހިރިމަރަދޫ އެވެ. އެ ރަށުގައި ވެސް ދިރިއުޅޭ އާބާދީ ކުޑަވެ، ލިބެން ޖެހޭ އެންމެ އަސާސީ ހިދުމަތްތައް ލިބެން ނެތުމުން ރަށް ދޫކޮށް ގިނަ އާއިލާތައް އެހެން ރަށްރަށަށް ބަދަލުވީ އެވެ. އެންމެ ފަހުން ހެދި ބޯހިމެނުމުން އެ ރަށުގައި 2،500 އަށް ވުރެ ގިނަ މީހުން ތިއްބަސް މިހާރު އާބާދީގައި އުޅެނީ 200 އެއްހާ މީހުންނެވެ.
އެ ރަށު މީހުން މިހާރު އެ އަތޮޅު ހަނިމާދު އަށް ބަދަލު ކުރުމަށް ނިންމައިފައިވާއިރު އެ ރަށު ސްކޫލުގައި މިހާރު ކިޔަވާނީ ސާޅީހަކަށް ދަރިވަރުންނެވެ.
މި ވަގުތު 80 ވަރަކަށް މީހުން މީހުން ދިރިއުޅޭ އާބާދީއެއް އޮންނަ މ. ރަތްމަންދޫގެ ގިނަ މީހުން ވެސް ބޭނުން ވަނީ އެ ރަށުން އެންމެ އަސާސީ ހިދުމަތް، ތައުލީމު އެ މީހުންގެ ދަރިންނަށް ނުލިބޭތީ މާލެ ކައިރި ރަށަކަށް ދިރިއުޅުން ބަދަލުކުރާށެވެ. ސްކޫލު އާބާދީގައި ތިބީ އެންމެ ހަތް ކުދިންނެވެ.
އުނގެނުމުގެ ހައްގު ލިބިގެންވާ ކަމަށް ގާނޫނުއަސާސީގައި ވެސް ބަޔާން ކޮށްފައިވާއިރު ރަށުން ތައުލީމު ނުލިބޭތީ މާލެ ބަދަލުވުން ނޫން ގޮތެއް "ރާއްޖެތެރެ" މީހާއަށް ހަމަ ނެތީ ހެއްޔެވެ؟
އެންމެ ފަހުން މިނިސްޓްރީން އާންމުކުރި ތަފާސްހިސާބަށް ބަލާއިރު 2020/2021 ވަނަ އަހަރު 480 ދަރިވަރުން މާލެ ބަދަލުވި އެވެ. އަދި 2021/2022 ގައި 716 ދަރިވަރުން، 2022/2023 ގައި 780 ދަރިވަރުން އަތޮޅުތަކުން މާލެ ބަދަލުވި އެވެ. އޭގެ ޖެހިގެން އައި 2023/2024ގައި 1،500 ދަރިވަރުން ބަދަލުވެ އަހަރުން އަހަރަށް މާލެ ބަދަލުވާ ދަރިވަރުންގެ އަދަދު އިތުރުވަމުން ދަނީ ކަންބޮޑުވާ މިންވަރަށެވެ.
"މާލެއަށް މީހުން ހިޖުރަ ކުރަނީ ދަރިންނަށް ރަނގަޅު ތައުލީމެއް ދިނުމަށް. ތައުލީމާއި ސިއްހަތަކީ ވަރަށް ބޮޑަށް ގުޅިފައި އޮންނަ ދެ ބައި. ރަނގަޅު ސިއްހަތެއް ހުރެގެން ކިޔެވޭނީ، ރަށްރަށުގައި ގިނަ ފަހަރަށް ރަނގަޅު ސިއްހީ ފަރުވާ ލިބޭކަށް ވެސް ނުހުރޭ،"
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ތައުލީމު ހޯދުމަށް މާލެ ހިޖުކުރުމުގެ މައްސަލައަކީ ހަމަ އެކަނި އެ މިނިސްޓްރީން މަސައްކަތް ކޮށްގެން ނިިންމާލެވޭ ވަރަށް ވުރެ، ބޮޑު މައްސަލައެއް ކަމަށެވެ. ގައުމީ ފެންވަރުގައި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށް އިސްމާއިލް އޭރު ވިދާޅުވި އެވެ.
މާލެ އަށް ތައުލީމު ހޯދަން އަންނަ ކުއްޖާ ސްކޫލަށް ނުވައްދައި އަނބުރައި ފޮނުވާ ލުމަކީ ވެސް މިނިސްޓްރީއަށް ވެސް އަދި ސަރުކާރަށް ވެސ ކުރެވޭނެ ކަމެއް ނޫން ނަމަވެސް އެކަމަށް ހައްލެއް ލިބެން ޖެހޭނެ ކަމަށް އޭނާ ވެސް ގަބޫލު ކުރައްވަ އެވެ.
ރަށްރަށުގައި ރީތި ސްކޫލް އިމާރާތްތައް އެޅި ނަމަވެސް، އެ ސްކޫލުތަކުން ރަނގަޅު ފެންވަރެއްގެ ތައުލީމު ނުލިބި، ފެންވަރު ރަނގަޅު ޓީޗަރުން ނެތި މާލޭގައި "ގަނަތެޅެން" އައުން ނޫން ގޮތެއް ނެތް ކަމަށް އޮތް އޮތުމަށް ހައްލެއް ހޯދަން ޖެހެ އެވެ. ނޫން ނަމަ ރަށުގައި އެޅި ރީތި ސްކޫލުތައް ފަޅުވަންދެން މާލެ ހިޖުރަކުރުން ނޫން ގޮތެއް ނެތެވެ.