ހދ. ހިރިމަރަދު އަށް "މިހާރު" ގެ ޓީމު ފޭބި ވަގުތު ދިމާވީ ފެރީ އައިސް ރަށުގެ ބަނދަރަށް ގާތްކޮށްލި ވަގުތާވެ. ގިނަ ބަޔަކު ފޮށިތައް ހިފައިގެން އެ އައީ ރަށާ ވިއްސަކަށް މިނިޓު ދުރުގައި އޮތް އެ އަތޮޅުގެ ވެރިކަން ކުރާ ކުޅުދުއްފުށިން ޝޭމްޕޫ އާއި ސައިބޯނި ފަދަ ބޭނުންވާ އެހެން ވެސް އަސާސީ ތަކެތި ގަނެގެންނެވެ.
ހިރިމަރަދޫގައި ދިރިއުޅޭ މީހުންގެ އާބާދީ އިންތިހާ އަށް މަދުވެ، އެ ރަށުގައި ދިރިއުޅެވޭނެ ފަސޭހަ އިންތިޒާމުތަކެއް ނެތެވެ. ހދ. އަތޮޅުގައި އާބާދީ އެންމެ މަދު ރަށް ކަމަށްވާ ހިރިމަރަދު އަށް ބޭނުންވާ ހުރިހާ އެއްޗެއް ކަހަލަ ގޮތަކަށް ގަންނަން ޖެހެނީ އެހެން ރަށްރަށުންނެވެ. ރަށުގައި އަމިއްލަ ފުދުންތެރިކަމަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.
މީގެ 14 އަހަރު ކުރިން ހިރިމަރަދޫ މީހުން އެ ރަށާ މެދު ކުރި އުއްމީދުތައް ގިނަ އެވެ. ބަނދަރަކާ އެކު، ރަށުގެ ލަފާފުރުމުގެ މައްސަލަ ހައްލުވެ، ރަށަށް ދިރުމެއް އަންނާނެ ކަމަށް އެ މީހުން އުންމީދުކުރި އެވެ. އެހެންވެ، ސަރުކާރުން އޭރު އެ މީހުން އެހެން ރަށަކަށް ބަދަލުކުރަން އުޅުމުން ވެސް އެ ކަމަށް ނޫނެކޭ ބުނީ އެފަދަ ފޮނި އުއްމީދުތަކާ އެކު އެވެ.
އެކަމަކު މިއީ އޭގެ 14 އަހަރު ފަހެވެ. އަދިވެސް އެ ރަށުން ފެންނަނީ ހިމޭން ކަމާއި ފަޅުކަމެވެ. ނިކަމެތިކަމެވެ.
"ގޭގައި ސައިބޯނި މި ތަނަކުން [ހިރިމަރަދޫ] އިން ނުލިބޭނެ. ކުޅުދުއްފުށިން ގެންނަން ޖެހޭނީ. މި ފެރީ ނާންނަންޏާ އެ ވެސް ނުލިބޭނެ،" ފެރީގެ އިންތިޒާރުގައި ހިރިމަރަދޫގެ ބަނދަރުމަތީގައި ހުރި ޖޯއްޗެއްގައި އިށީނދެލައިގެން އިން މެދުއުމުރުގެ އަންހެނަކު ބުންޏެވެ.
އާބާދީ މަދުވެ ތަރައްގީ މަޑުޖެހިފައިވާ ހިރިމަރަދޫ ރައްޔިތުން، ހދ. ހަނިމާދު އަށް ބަދަލުކުރަން ނިންމައި ފެބްރުއަރީ، 1، 2025 ގައި ސަރުކާރުން ވަނީ އެކަން އިއުލާނުކޮށްފަ އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހިރިމަރަދު އަށް ވަޑައިގެން، އެ ރަށުން ހަނިމާދު އަށް ބަދަލުވާން ބޭނުންވާ ރައްޔިތުންގެ ބޯހިޔާވަހިކަމާއި މުނިސިޕަލް ހިދުމަތްތައް ދޮޅު އަހަރުގެ ތެރޭގައި ގާއިމްކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލު ކޮށްފަ އެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި ހިރިމަރަދޫގައި ހުރި ކޮންމެ ގޯއްޗަކަށް ހަނިމާދޫން ގެއެއް ލިބޭނެ އެވެ. އަދި 18 މަސް ތެރޭގައި އެ ތަނުގެ ތަޅުދަނޑި ހަވާލުކުރާނެ އެވެ. ނަމަވެސް ހަނިމާދު އަށް ބަދަލުވާން މަޖުބޫރު ކުރުމެއް ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެހެން ރައީސް ވިދާޅުވިޔަސް ގެތައް އިމާރާތް ކުރުމުގެ މަސައްކަތް މިހާތަނަށް ފެށިފައި ނުވާތީ އެ މުއްދަތުގައި އެކަން ކުރެވިދާނެތޯ ވެސް ހިރިމަރަދޫ މީހުން ސުވާލު އުފައްދަ އެވެ.
"އެންމެ ގިނަވެގެން 18 މަސް ދުވަސް، ދޮޅު އަހަރު ތެރޭ ނިންމައި ހަވާލުކުރާނަން. ގޯތި ހަވާލުކުރާނީ އެއްކޮށް ނިންމައި ރައްޔިތު މީހާ އަށް ތަޅުދަނޑި ހަވާލުކުރާ ގޮތަށް. އަޅުގަނޑުމެން އެއްވެސް ރައްޔިތަކަށް މަޖުބޫރެއް ނުކުރާނަން ބަދަލުވާކަށް، ދާން ބޭނުން ރައްޔިތުންނަށް އެ ފުރުސަތު ދެނީ"
ހިރިމަރަދޫން ބަދަލުވާ ރައްޔިތުންނަށް އެލަވަންސެއް ދިނުމުގެ އިތުރުން އިގްތިސާދީ ނަފާއެއް ހޯދޭނެ މަގު ތަނަވަސް ކޮށްދޭނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.
ހިރިމަރަދުއަކީ ހދ. އަތޮޅުގެ 13 ރަށުގެ ތެެރެއިން އެންމެ އާބާދީ ކުޑަ ރަށެވެ. އެންމެ ފަހުން ހެދި ބޯހިމެނުމުން އެނގޭ ގޮތުގައި ރަށުގެ ދިރިއުޅޭ އާބާދީއަކީ 293 އެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.
އަމިއްލަ ރަށް ދޫކޮށް ދިއުން ހިތްދަތިި، އެކަމަކު އެ ނޫން ގޮތެއް ނެތް!
އެ ރަށުން ވާހަކަ ދެއްކި މީހުން ބުނީ އެ މީހުންނާއި މައިންބަފައިންނާއި ދަރިންނާ އެކު ދިރިއުޅުނު ވަޒަން ދޫކޮށް ދިއުމަކީ ހިތްދަތި ކަމެއް ކަމަށެެވެ. އަމިއްލަ ރަށުގައި ދިރިއުޅުމެއް ބިނާކުރުމަށް ކުރި ބުރަ މަސައްކަތްތައް ދޫކޮށް، ބީރައްޓެހި ރަށެއްގައި ވަޒަންވެރިވުމަކީ ދުވަހަކު ދެކެން ބޭނުން ނުވި ކަމަކަށް ވިޔަސް އިތުރު ގޮތެއް ނެތެވެ.
ދަރިންނާއި ދަރިންގެ ދަރިންގެ މުސްތަގުބަލަށް ވިސްނައި ރަށް ދޫކޮށްލަން އެ މީހުން އެއްބަހެވެ.
ހިރިމަރަދޫ މީހަކު ބުނީ 2014 ގައި އެ ރަށުން މީހުން ބަދަލުކުރަން އުޅުމުން ބަނދަރެއް ބޭނުންވީ، އެއީ ހުރިހާ ކަމެއްގެ ހައްލު ކަމަށް ދެކިގެން ކަމަށެވެ. އެކަމަކު ރަށުގައި ހިދުމަތްތަކާއި ވަޒީފާ ނެތި، ދަރިން ރަށް ދޫކޮށް ދިއުމުން ލިބުނު އެކަނިވެރިކަމާ އެކު މި ފަހަރު "ދޫދިނީ" އެވެ.
"އޭރު ނުވިސްނުނަސް ދަރިންތައް ބޮޑެތިވެ، ރަށުން ދިޔައިމަ މި އިހްސާސް ކުރެވެނީ ރަށުން ބަދަލުވާން ޖެހޭކަން. ކުދިން ވެސް ދާނީ ވަޒީފާ އޮތް ތަނަކަށް ކަން،" އެ މީހާ ކިޔައިދިނެވެ.
އެހެންވެ، ހަނިމާދު އަށް ބަދަލުވުމުން، ކިޔަވާފައި ތިބި ކުދިންނަށް ވަޒީފާ ލިބުމާއި ރިސޯޓުތަކުގައި އުޅޭ މީހުންނަށް ވެސް ސީދާ ރަށަށް އަންނަ ގޮތަށް ގެއަށް އާދެވޭނެ ކަމަށް އޭނާ ބުންޏެެވެ.
އެހެން މީހަކު ބުނީ ސިއްހީ މަރުކަޒުގައި ރަނގަޅު ޑޮކްޓަރުން ތިއްބަސް ރަށުން ބޭސް ނުލިބޭ ކަމަށެވެ. އެހެންވެ، އެ އުނދަގޫތައް ވެސް ހަނިމާދު އަށް ދިއުމުން ހައްލެއް ލިބޭނެ ކަމަށް އެ މީހުން އުއްމީދުކުރެ އެވެ.
"ދައްތަ ބޭނުންވަނީ ރަށުން ފައިބާން. އަޅުގަނޑުން މާ ރަނގަޅު އެ ރަށް [ހަނިމާދޫ]. ހަމަ ގައިމު ވެސް މި ރަށަށް ވުރެ ރަނގަޅުވާނެ. ތައުލީމު ރަނގަޅުވާނެ. އެއާޕޯޓެއް އެބަ އޮތޭ. މި ރަށު މީހުން ދާންޖެހޭނީ ކަނޑުފަޅު ފީނާފައި،" ހިރިމަރަދޫގެ އުމުރުން ދުވަސްވީ މީހަކު ހަނިމާދު އަށް ބަދަލުވުމުން އަންނާނެ ކުރިއެރުމާ މެދު ކުރާ އުންމީދު ކިޔައިދިނެވެ.
"އަޅުގަނޑުގެ ދަރިން ކިޔަވައި ނިމިއްޖެ. އެކަމަކު ދަރިންގެ ދަރިންގެ މުސްތަގުބަލަށް ވިސްނަން ބޭނުން. އެކަން މުއިއްޒު ކޮށްދީފިއްޔާ ނިކަން ރަނގަޅު. މިރަށަކުން ނުލިބޭ އެއްވެސް ހިދުމަތެއް. ގޭސް އެއްޗެހި މިހާރު މި ރަށުން ލިބޭ. އެކަމަކު ސައިބޯނިކޮޅާއި ކާޑާ ދައްތަމެން ގެންނަނީ ކުޅުދުއްފުށިން."
އޭނާ ބުނި ގޮތުގައި ރަށުގެ އާބާދީ ކުޑަވެ، ވިޔަފާރިތައް ވެސް ރަނގަޅަކަށް ނުހިނގަ އެވެ.
"ހެދިކާ ކަހަލަ އެއްޗެއް ހަދައިގެން އަތުރައިގެން ތިއްބަސް ކާކު ގަންނާނީ؟ އަހަރެމެން ވީ ގަންނަން ވެސް. މިކަހަލަ ކަންކަމާ ހުރެ ބޭނުން މިހާރުން މިހާރަށް ވެސް ބަދަލުވާން. މި ތަނުގައި ނެތް ކުރިއެރުމެއް ވެސް،"
ރަށުގައި ހުރި އުނދަގޫތައް ކިޔައިދެމުން އެ މީހާ ބުނީ ދިޔަވަރު ހިކި ދުވަސްވަރު ފެރީ އަށް ބަނދަރާ ގާތް ނުކުރެވިގެން އަނބުރާލާފައި ދާންޖެހޭ ދުވަސްތައް ވެސް ކުރިމަތިވާ ކަމަށެވެ. އެފަދަ ދުވަސްވަރެއްގައި ރަށުގައި ބަންދުވެފައި ތިބެން ޖެހުން ފަދަ ދަތިތައް އެ މީހުންނަށް އެބަ ހުއްޓެވެ.
"ފެރީ ވެސް އައިސް ނުވަދެވިގެން އެބަ އަނބުރާ ލާފައި ދޭ. އެފަދަ ހާލެއްގައި އަހަރެމެން މި ތިބެނީ. ރައީސް ވަޑައިގެންނެވި ދުވަހު ވެސް ލޯންޗުކޮޅު ބީހުނު. އެ މަނިކުފާނަށް ވެސް އެކަން ފެނިވަޑައިގެންފައި ހުންނާނީ،" ހިމަރަދޫ މީހުން ދިރިއުޅޭ ދަތިހާލު ކިޔައިދެމުން އެ ރަށުގެ މީހަކު ބުންޏެވެ.
ހިރިމަރަދުއަކީ ގާމަތީ ރަށަކަށް ވާތީ މޫދަށް އެރިލާނެ ރަނގަޅު ސަރަހައްދެއް ވެސް އެ ރަށުގައި ނެތް ކަމުގެ ކަންބޮޑުވުން ވެސް އެ މީހުން ފާޅުކުރި އެވެ.
އެންމެން ފޭބުމުން ދެން ފައިބާނީ!
"އަޅުގަނޑު އެހާ ބަދަލުވާކަށް ބޭނުމެއް ނޫން. އެކަމަކު އެންމެން ދާ ތަނެއްގައި ނުހުރެވޭނެތާ،" އެ ރަށުން ވާހަކަ ދެއްކި މެދުއުމުރުގެ މީހަކު ބުންޏެވެ.
ރަށުން ދާން ބޭނުން ނުވާ ސަބަބުތަކެއް ވެސް އޭނާގެ އެބަހުއްޓެވެ.
އާބާދީގައި 3،000 އެއްހާ މީހުން އުޅޭ ހަނިމާދު އަށް ހިރިމަރަދޫ މީހުން ބަދަލުކުރާ ވާހަކަ ދައްކާއިރު، އެ ރަށް އޮތީ ވަރަށް ބޮޑަށް ފުރިފަ އެވެ. ހަނިމާދު އަށް ވެސް ބޯހިޔާވަހިކަމުގެ މައްސަލަ ދިމާވެ، އެ ރަށުގައި 500 ހައުސިން ޔުނިޓް އެޅުމަށް ރައީސް މުއިއްޒު ވަނީ އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި ވައުދުވެވަޑައިގެންފަ އެވެ.
އެހެންވެ، ހަނިމާދޫގެ ރައްޔިތުންނަށް އެކަން ނުކޮށްދީ، ހިރިމަރަދޫ މީހުންނަށް އެ ރަށުގައި ގެ އަޅައި ބަދަލު ކޮށްފި ނަމަ ހަނިމާދޫ މީހުންގެ ހިތްހަމަޖެހުން ބޮޑުވެދާނެތީ އެ ކަންބޮޑުވުން އެބައޮތެވެ. އަދި އެ ރަށުން ގޯތިތަކެއް ދީ، ރައްޔިތުން ބަދަލުކުރިޔަސް އެ މީހުންގެ ދަރިން ބޮޑެތިވެ، ދިރިއުޅުމެއް ފެށުމުން ވެސް ފުރިފައި އޮތް ރަށަކުން ބޯހިޔާވަހިކަން ލިބިދާނެތޯ ސުވާލު އުފައްދަ އެވެ. އެހެންވެ، ހިރިމަރަދޫން ބަދަލުކުރުން ފަދަ ފިޔަވަޅެއް ސަރުކާރުން އަޅާ ނަމަ ބިން ބޮޑު ތަނަކަށް ބަދަލުކުރުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ބައެއް މީހުން ދެކެ އެވެ.
އަނެއް ކަމަކީ އެ ރަށު މީހުން ބަދަލުކުރަން ނިންމުމުގެ ކުރިން ރަށު ކައުންސިލުން ބައެއް މީހުންނަށް ގޯތި ދޫކޮށްފައި ހުރުމެވެ. އެ ގޯތިތަކުގައި ގެ ނޭޅިފައި ތިބި މީހުންނަށް ހަނިމާދޫން ގެ ލިބޭނެ ކަމެއް އެ މީހުންނަކަށް ނޭނގެ އެވެ.
"މިހާރު ވެސް އެއް ގެއެއްގައި އެބައުޅޭ ތިން ހަތަރު އާއިލާ. ބައެއް ގޭގޭގައި އެބަ ހުރި ފަސް ކޮޓަރި ހަ ކޮޓަރި ހަދާފައި ހުރި ގޭގޭ ވެސް. ބަދަލުވާއިރު މި ހުންނަނީ ތިން ކޮޓަރި ގޭގައި ހަދާފައި، އެއީ އިންސާފެއް ހެއްޔޭ އެ މީހުންނަށް،" ހިރިމަރަދޫގެ މީހަކު ބުންޏެވެ.
ހިރިމަރަދޫ މީހުން ހަނިމާދު އަށް ބަދަލުކުރާއިރު، އަދި ޖަވާބު ބޭނުންވާ މިފަދަ އެތައް ސުވާލުތަކެއް އެބަހުރި ކަމަށް އެ ރަށުގެ މީހުން ބުންޏެވެ. އޭގެ ތެރޭގައި ހިރިމަރަދޫން ދޫކޮށްފައިވާ ކޮންމެ ގޯއްޗަކަށް ގޯއްޗެއް ހަނިމާދޫން ލިބޭނެތޯ އާއި އެ ގޯތިތައް ލިބިފައިވާ އާއިލާތަކުގެ މީހުންނަށް ދެން ވާނެ ގޮތެކެވެ.
އެކަމަކު ބައެއް މީހުން ބުނީ ސަރުކާރަށް ވެސް ކޮށްދެވޭނީ ވަކި މިންވަރެއް ކަމަށާއި ތިން ކޮޓަރި ދިނަސް އެ މީހުން ތިބީ ދާން ތައްޔާރަށް ކަމަށެވެ. އަދި އުމުރުން 18 އަހަރުން މަތީގެ އެންމެންނަށް ވެސް އާއިލާއެއް އޮތް ނަމަ ގޯތި ހަމަޖައްސައިދޭނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށް ހިރިމަރަދޫގެ މީހުން ބުންޏެވެ.
ހަނިމާދު އަށް ބަދަލުވުމާ ގުޅޭގޮތުން އެ މީހުންނަށް މާގިނަ މައުލޫމާތެއް ލިބިފައި ނެތުމުން ވެސް ރަށުގައި ހިޔާލު ތަފާތުވުން އޮތީ ބޮޑުވެފަ އެވެ. އެކަމަކު އެންމެން ރަށް ދޫކޮށް ފައިބައިގެންދާ ނަމަ، ދާން ބޭނުން ނުވިޔަސް ދާނީ ކަމަށް ބުންޏެވެ.
ހަނިމާދޫން މުސްތަގުބަލެއް ލިބިދާނެ؟
ހަނިމާދޫ ކައުންސިލުގެ މުވައްޒަފުން ވަނީ ހިރިމަރަދު އަށް ގޮސް އެ ރަށުގެ ކައުންސިލަރުންނާ ވެސް މި މައްސަލާގައި ބައްދަލުކޮށް، މަޝްވަރާކޮށްފަ އެވެ.
އެކަމާ ގުޅިގެން ހަނިމަދޫ ކައުންސިލުގެ ރައީސް އަބްދުލްސައްތާރު ހަސަން "މިހާރު" އަށް ވިދާޅުވީ ހަނިމާދޫގެ ބިމުގެ ޖާގަ އާއި ރަށަށް އިތުރުކުރަން ބޭނުންވާ އާބާދީއާ ގުޅިގެން ރައީސްއާ ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެ ރަށުގައި ވެސް ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހުން އޮތީ ރަށުގެ މީހުންނަށް ބޯހިޔާވަހިކަން ނުދީ، އެހެން ބަޔަކަށް އެކަން ކޮށްދޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ސައްތާރު ވިދާޅުވި ގޮތުގައި އެންމެންނަށް ވެސް ބޯހިޔާވަހިކަން ލިބެން އޮތީ ފްލެޓު އިމާރާތް ކޮށްގެންނެވެ. އެކަމަކު އެއީ ތަނަވަސް ތަނަކަށް ވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"އެއްވެސް ބަޔަކު ނިކަމެތިކޮށްފައި އަޅުގަނޑުމެން ވެސް ބޭނުމެއް ނޫން އެކަން ކުރާކަށް. ބުނަން މި އުޅެނީ މައިގަނޑު ގޮތެއްގައި ބޯހިޔާވަހިކަމަކީ އަސާސީ ހައްގު އެއީ ލިބެންޖެހޭ އެއްޗެއް، ވަކި ރަށެއް ތަފާތު ކުރުމެއް ނެތް. މި ދައްކާ ވާހަކައަކީ ހަނިމާދު އަށް މީހުން ބަދަލުކުރާއިރު އެންމެނަށް ބޯހިޔާވަހިކަން ލިބޭނެ ގޮތަށް އެކަންކުރާށޭ،" ހަނިމާދޫ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފްލެޓު ދީގެން އެންމެނަށް ބޯހިޔާވަހިކަން ދެވިދާނެ ކަމަށާއި އެކަމަކު ކޮންމެ އާއިލާއަކަށް ގޯއްޗެއް ދީގެން އެކަން ކުރާ ނަމަ އެ ޖާގަ މިވަގުތު ހަނިމާދޫގައި ނެތް ކަމަށެވެ.
"މިއީ ވަރަށް ހައްސާސް މައްސަލައެއް. ކަން ކުރެވޭ ގޮތުން އަޅުގަނޑުމެންނާ ދިމާލަށް ވެސް ވަރަށް ނުރުހުން އެބަ އާދޭ،" ސައްތާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފު ވަނީ ހިރިމަރަދޫ މީހުން ބަދަލުކުރުމަށް ހަނިމާދޫ ކައުންސިލާއި ރައްޔިތުންގެ މަޝްވަރާ ހޯއްދަވާފައި ކަމަށާއި އެކަމަކު އޭރު ވިދާޅުވެފައި ވަނީ އެކަން ކުރާނީ ދެ ރަށުގެ ރައްޔިތުންނާއި އެކަމާ ގުޅޭ ކޮމިޓީގެ މަޝްވަރާތަކަށް ފަހު ކަމަށެވެ.
އޭގެ ފަހުން، ކޮޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ބިން ހަމަޖެއްސުމަށް އަންގައިފަ އެވެ. ހަނިމާދޫ ކައުންސިލުން ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސް، އެ ބިން މިހާރު ހަވާލުކޮށްފައިވާ ކަމަށް ސައްތާރު ވިދާޅުވި އެވެ.
ސަރުކާރުން އެ ރަށު ކައުންސިލަށް އަންގާފައި ވަނީ 184 ގޯތި ދެވޭނެ ޖާގަ ހަމަޖައްސާށެެވެ. އެހެންވެ، ބިން ހަމަޖައްސާފައި ވަނީ އެއާޕޯޓު ރަންވޭގެ މަގުގެ އިރުމަތި ފަރާތުން އޮންނަ ސަރަހައްދުންނެވެ.
ގެތައް އިމާރާތްކުރުމުގެ މަސައްކަތް ރަސްމީކޮށް މިހާތަނަށް ނުފެށުނު ނަމަވެސް އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދެ އެވެ. އެކަމަކު އިމާރާތެއް ފެންނަން ނެތަސް އެ މަސައްކަތުން ވެސް ހިރިމަރަދޫ މީހުން ކުރާ އުއްމީދު ބޮޑެވެ. އެކަނިވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އާބާދީ ބޮޑު ތަނެއްގައި އުޅުމަށް ކުރާ އުއްމީދު ބޮޑެވެ. ހަނިމާދޫން އެ މީހުންނަށް މުސްތަގުބަލެއް އެބަ ފެނެ އެވެ.