ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރު މުހައްމަދު ނައީމް ހުސައިން އަވަހާރަވެއްޖެ އެވެ.
އުމުރުން 74 އަހަރުގައި ނައީމް އަވަހާރަވީ މިދިޔަ އާދިއްތަ ދުވަހު މާލޭގަ އެވެ. އޭނާގެ ޖަނާޒާ ބޭއްވީ އިއްޔެ ހުޅުމާލެ ސަހަރާގަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލުން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ނައީމް އަވަހާރަވި ޚަބަރާ އެކު ފުން ހިތާމައެއް ލިބިފައިވާ ކަމަށެވެ.
ނައީމްގެ ވަކިވެދިއުމަކީ ރާއްޖޭގެ މުޅި އޭވިއޭޝަން ދާއިރާއަށް ލިބުނު ފޫނުބެއްދޭނެ ވަރު ހުސްކަމެއް ކަމަށާއި ރާއްޖޭގެ ސިވިލް އޭވިއޭޝަންގެ ދާއިރާ ކުރިއެރުވުމަށް އޭނާ ކުރެއްވި މަސައްކަތާއި ފޯރުކޮށްދެއްވި ހިދުމަތްތައް އަބަދުވެސް ހަނދާން އާކުރާނީ އިހުތިރާމާއި ޝުކުރުވެރިކަމާ އެކުގައި ކަމަށް އެމްއޭސީއެލުން ބުންޏެވެ.
ނައީމް ހުޅުލޭ އެއާޕޯޓުގައި މަސައްކަތްކުރައްވަން ފެއްޓެވީ 1967 ގަ އެވެ.
ސްރީ ލަންކާއިން އޭޓީސީގެ ޓްރެއިނިން ފުރިހަމަ ކުރެއްވުމަށް ފަހު ހުޅުލޭ އެއާޕޯޓުގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރުގެ ވަޒީފާއަށް ނައީމް ނުކުމެވަޑައިގަތީ އެޕްރީލް 7، 1973 ވަނަ އަހަރު އެވެ. އެއީ އެ އެއާޕޯޓުގެ އޭޓީސީގެ ހިދުމަތުގެ ފެށުން ވެސް މެ އެވެ. އޭނާ އެކު، އޭރު އޭޓީސީގައި މަސައްކަތްކުރެއްވީ ހުސެއިން މުހައްމަދެވެ.
ނައީމް ވަނީ ތައިލެންޑުގެ ސިވިލް އޭވިއޭޝަން ސެންޓަރުން ވެސް އޭޓީސީގެ ޓްރެއިނިން ހައްދަވައިފަ އެވެ. އަދި އޮސްޓްރޭލިއާގައި އެއިރޯނޯޓިކަލް ސާޗު އެންޑް ރެސްކިއު ޓްރެއިނިން ވެސް ހެއްދެވި އެވެ.