މީހުންނަށް އޮޅުވާލައި، މަކަރާއި ހީލަތުން އެޕްޓްމެންޓް ކުއްޔަށްދީ ފައިސާ ނަގަމުންދިޔަ މީހަކަށް ގޭބަންދު އަދަބެއް އިއްވައި، ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މި ހުކުމް އިއްވީ އަލީ ނަސީމް، މ. ގްރީންޕީކްގެ މައްޗަށެވެ. ދައުލަތުން އޭނާގެ މައްޗަށް ވަނީ އެޕާޓްމެންޓް ކުއްޔަށް ދިނުމުގައި މަކަރު ހެދި މައްސަލައިގައި މަކަރާއި ހީލަތް ހެދުމުގެ ހަތަރު ދައުވާކޮށްފަ އެވެ.
އެ ހަތަރު ދައުވާ ވެސް ކޮށްފައިވަނީ އެޕާޓްމެންޓް ކުއްޔަށް ދިނުމަށް މީހުންނަށް އޮޅުވާލައި، ބޮޑެތި އަދަދުތަކުން އެޑްވާންސް ފައިސާ ނަގާފައިވާ މައްސަލައިގަ އެވެ. އެ ދައުވާތަކަށް އޭނާ ވަނީ ޝަރީއަތުގައި އިއުތިރާފުވެފަ އެވެ.
ކުށަށް އިއުތިރާފުވެ، ދައުލަތާ އެކު ގާނޫނުގައިވާ ގޮތުގެ މަތިން އިއުތިރާފު އެއްބަސްވުން އަލީ ނަސީމް ހަދާފައިވެ އެވެ. އެފަދަ އެއްބަސްވުންތަކުގެ ދަށުން، ދައުވާ ލިބޭ މީހާއަށް ކުށުގެ އަދަބުން ލުއިތައް ލިބެ އެވެ.
މި މައްސަލާގައި އަލީ ނަސީމްގެ މައްޗަށް ކުރާ ފުރަތަމަ ދައުވާގައި ނުވަ މަހާއި 18 ދުވަހަށް ޖަލަށްލާން ހުކުމްކުރި އެވެ. އަދި އެ ހުކުމް އަށް މަސް ގޭބަންދަށާއި 33،600ރ. ޖޫރިމަނާއަށް ބަދަލުކުރި އެވެ.
މި ދައުވާގެ ހާދިސާގައި ގެއްލުނު ލިބުނު މީހުންނަށް ދައްކަން ޖެހޭ 1،027،000ރ. 12 މަސް ތެރޭ ދައްކައި ހަލާސްކުރަން ވެސް އަންގާފައިވެ އެވެ.
ދެވަނަ ދައުވާގައި އަލީ ނަސީމްގެ މައްޗަށް އިއްވާފައިވަނީ ދެ މަހާއި 12 ދުވަހަށް ޖަލަށްލާށެވެ. އެ ހުކުމް ދެ މަހުގެ ގޭބަންދަށް ބަދަލުކޮށް ޖޫރިމަނާގެ ގޮތުގައި 8،400ރ. ދައްކަން އެންގި އެވެ. ގެއްލުން ލިބުނު މީހާގެ އަތުން އެޑްވާންސްގެ ގޮތުގައި ނެގި ފައިސާގެ ތެރެއިން ނުދައްކާ އޮތް 286،500ރ. ހަ މަސް ތެރޭ ދައްކައި ހަލާސްކުރަން ވެސް އެންގި އެވެ.
ތިންވަނަ ދައުވާގައި އިއްވާފައިވަނީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށެވެ. އެ ހުކުމް ހަތަރު މަސް ދުވަހުގެ ގޭބަންދަށް ބަދަލުކޮށްފައިވާއިރު ޖޫރިމަނާގެ ގޮތުގައި ކަނޑައަޅާފައިވަނީ 5،200ރ. އެވެ. ގެއްލުމުގެ ބަދަލުގެ ގޮތުގައި އެޑްވާންސަށް ނެގި ފައިސާގެ ތެރެއިން ނުދައްކާ އޮތް 35،000ރ. ހަ މަސް ތެރޭ ދައްކަން އެންގި އެވެ.
ހަތަރު ވަނަ ދައުވާގައި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވިއިރު އެ ހުކުމް ބަދަލުކޮށްފައިވަނީ ހަތަރު މަހުގެ ގޭބަންދަށާއި 5،200ރ.ގެ ޖޫރިމަނާއަކަށެވެ. އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި 183،500ރ. ހަ މަސް ތެރޭ ދައްކަން ހުކުމް އިއްވި އެވެ.
އެހެންކަމުން މި ދައުވާތަކާ ގުޅިގެން އަލީ ނަސީމަށް އައިސްފައިވާ ޖުމްލަ އަދަބަކީ 18 މަސް ދުވަހުގެ ގޭބަންދެވެ. އަދި ޖޫރިމަނާގެ ގޮތުގައި 52،400ރ. އެވެ. ގެއްލުމުގެ ބަދަލުގެ ގޮތުގައި އަލީ ނަސީމް ޖުމްލަ 1،532،000ރ. ދައްކަން ޖެހެ އެވެ.