ކުރިން އިއުލާނުކޮށްފައިވާ ގޮތަށް، ޓްރީޓޮޕް ހޮސްޕިޓަލުގެ ބައެއް ހިދުމަތްތަކުގެ އަގަށް ބަދަލުގެނެސްފި އެވެ.
އެ ހޮސްޕިޓަލުން ބުނީ މި ބަދަލުތައް ގެނެސްފައިވަނީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަގުތަކަށް ބަދަލު ގެންނަކަން ހާމަކޮށް އެ ހޮސްޕިޓަލުން މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއީ ރާއްޖޭގެ އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް "ދުނިޔޭގެ ފެންވަރުގައި ސިއްހީ ހިދުމަތުގެ ފެންވަރު ހިފެހެއްޓުމަށް" ގެނައި ބަދަލެއް ކަމަށެވެ.
ބަދަލުގެ ތަފްސީލް ހޮސްޕިޓަލް ބަޔާނުގައި ހާމަކޮށްފައި ނެތް ނަމަވެސް، ޑޮކްޓަރުންނަށް ދައްކަން ނަގާ އަގާއި ބައެއް ފަރުވާތަކުގެ އަގުތައް ވަނީ ބޮޑުކޮށްފަ އެވެ.
މަލްޓި-ސްޕެޝަލިޓީ ހިދުމަތްތަކާ އެކު ހުޅުމާލޭގައި ޓްރީޓޮޕް ހޮސްޕިޓަލް ހުޅުވީ މާޗު 1، 2018 ގަ އެވެ. އަދި މި ވީ މުއްދަތުގެ ތެރޭގައި އިތުރު 30 ސްޕެޝަލިޓީއެއް ތައާރަފްކޮށް، އެކްސްޕާޓް ސްޕެޝަލިސްޓުންނާއި ސުޕަ ސްޕެޝަލިސްޓުންގެ ފުރިހަމަ ޓީމަކަށް ބަދަލުވެފައިވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
"މި މުހިއްމު ފިޔަވަޅަކީ މި ހޮސްޕިޓަލުން އެންމެ މަތީ ފެންވަރުގެ ސިއްހީ ތަޖުރިބާ އަދި ޒަމާނީ ޓެކްނޮލޮޖީ އާއި ޕޭޝަންޓް ފޯކަސް ކެއާ ފޯރުކޮށްދިނުމަށް ދޭ ސަމާލުކަން ދަމަހައްޓައި، އަމިއްލަ އާއިލާ ގާތުގައި ތިބެގެން ވެސް ދުނިޔޭގެ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުން ދެމެހެއްޓުން،" ބަޔާނުގައި ވެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރީދަރް ޖީއާ ހަވާލަދީ ބަޔާނުގައި ބުނީ އެ ހޮސްޕިޓަލްގެ އަމާޒަކީ ރާއްޖޭގެ ސިއްހީ ހާލަތު ބަދަލުކޮށް، ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހުން މަދުކުރުން ކަމަށެވެ.
"ކޮމްޕްލެކްސް ސާޖަރީތަކުން ފެށިގެން ޕާސަނަލައިޒްޑް ކެއާއާ ހަމައަށް އަޅުގަނޑުމެންގެ ކޮމިޓްމަންޓް ދެމެހެއްޓުމަށްޓަކައި، ހިދުމަތްތަކުން މިހާރު މި ނަގާ އަގުތަކަށް ބަދަލު ގެންނަން ވަނީ ޖެހިފައި. މާލީ ގޮތުން ދެމެހެއްޓެނެވި ގޮތެއްގައި ދެމިތިބުމަށާއި ގެސްޓުންނަށް އެންމެ މަތީ ފެންވަރުގެ ހިދުމަތް ދިނުމަށް ބޭނުންވާ އިންވެސްޓްމަންޓްތަކަށް މި ބަދަލު ބޭނުންވޭ،" ސީއީއޯ ވިދާޅުވި އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ރައްކާތެރިކަމާ އެކު ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ދެމި އޮންނާނެ ކަމަށެވެ. އަދި ރާއްޖޭން ބޭރަށް ދިއުމުގައި އުފުލަންޖެހޭ ބުރަ ނައްތާލައި ދުނިޔޭގެ ފެންވަރުގެ ހިދުމަތް ލިބޭނެ ގޮތް ފަހިކޮށްދިނުމުގައި ހޮސްޕިޓަލުން ކުރާ މަސައްކަތް ގެސްޓުން ބަލައިގަންނާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ބުނެފައިވެ އެވެ.