ގްރީންލެންޑު ހިފަން އެމެރިކާއިން ދެމުން ގެންދާ އިންޒާރުތަކުގައި ސުލްހަވެރިކަމުގައި އެކަން ކުރުމުގެ މާބޮޑު ވިސްނުމެއް މިހާރު ނުގެންގުޅޭ ކަމަށާއި އެއީ މިދިޔަ އަހަރު ނޯބެލްގެ ސުލްހައިގެ އިނާމު ނުދިނުމުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.
"އެއްގޮތުން ނުވިއްޔާ އަނެއް ގޮތުން" ވިޔަސް ގްރީންލެންޑް ހިފާނެ ކަމަށް ވިދާޅުވެ ޓްރަމްޕު އިންޒާރު ދެއްވާފައި ވާއިރު ޔޫރަޕްގެ ގައުމުތަކުން ވަނީ ގްރީންލެންޑުގެ ދިފާއުގައި ތެދުވެފަ އެވެ. އަދި މިކަން ވެފައި ވަނީ އެމެރިކާ އާއި ޔޫރަޕްގެ ގާތް ގުޅުމުގެ ޓެސްޓަކަށެވެ.
ސުލްހަޔަށް މާބޮޑު އިސްކަމެއް ނުދޭ ކަމަށް ޓްރަމްޕު ވިދާޅުވީ ނޯވޭގެ ބޮޑުވަޒީރު ޖޯނަސް ގާރް ސްޓޯރަށް ޓްރަމްޕު ފޮނުއްވި މެސެޖެއްގަ އެވެ. އޭއެފްޕީން ސައްހަކަން ކަށަވަރުކޮށްފައިވާ އެ މެސެޖުގައި ޓްރަމްޕް ވަނީ ގްރީންލެންޑްގެ ފުރިހަމަ ކޮންޓްރޯލް އެމެރިކާއަށް ލިބިގެން ނޫނީ ދުނިޔެއަކީ ރައްކާތެރި ތަނަކަށް ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.
"ސުލްހަޔާ މެދު ވިސްނުމަކީ ކުރަންޖެހޭ ކަމެއްގެ ގޮތުގައި މިހާރު ގަބޫލެއް ނުކުރެވޭ،" ސުލްހައިގެ އިނާމު ނުލިބުމަށް އިޝާރާތްކުރައްވައި ޓްރަމްޕު ވިދާޅުވެފައިވެ އެވެ.
ޓްރަމްޕު ވިދާޅުވީ ސުލްހަ އަކީ އަދިވެސް އެންމެ މުހިންމު އިހްތިޔާރު ކަމަށް އެންމެން ގަބޫލުކުރާނެ ކަމަށާއި އެކަމަކު މިހާރު ވިސްނަނީ އެމެރިކާއަށް އެންމެ ރަނގަޅުވާނެތޯ ނުވަތަ ނޫންތޯ ކަމަށެވެ.
ސްޓޯރް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޓްރަމްޕުގެ މެސެޖު އައީ ޓެރިފް ނެގުމާ ގުޅޭ ގޮތުން އެ ގައުމުގެ ވިސްނުން ޓްރަމްޕަށް ހިއްސާކޮށް ފޮނުވި މެސެޖަކަށް ފަހުގައި ކަމަށެވެ. އެ ބަޔާނުގައި ސްޓޯރް ވިދާޅުވީ ސުލްހައިގެ އިނާމަކީ ނޯވޭގެ ސަރުކާރުން ދޭ އެއްޗެއް ނޫން ކަމަށް ޓްރަމްޕަށް ދަންނަވާފައިވާ ކަމަށެވެ.
"އަޅުގަނޑު ވަރަށް ސާފުކޮށް ރައީސް ޓްރަމްޕަށް ދެންނެވިން، މި އިނާމަކީ ނޯބެލްގެ މިނިވަން ކޮމިޓީއަކުން ދޭ އިނާމެއް ކަމަށް،" އޭނާ ވިދާޅުވި އެވެ.
ޓްރަމްޕު ވިދާޅުވަމުން ގެންދަވަނީ ޑެންމާކު ސަރަހައްދުގައި އޮންނަ، ވަކި ވެރިކަމެއް ހިންގަމުން އަންނަ ގްރީންލެންޑުގައި އެމެރިކާގެ ކޮންޓްރޯލް އޮންނަންޖެހޭ ކަމަށާއި އެއީ އެމެރިކާގެ ސަލާމަތަށް މުހިންމު ކަމަކަށް ވެފައިވާ ކަމަށެވެ. އެމެރިކާއިން އެތަން ނުހިފައިފި ނަމަ ޗައިނާ ނުވަތަ ރަޝިޔާއިން އެތަން ހިފާނެ ކަމަށް ވެސް ވިދާޅުވެ އެވެ.
ޖަރުމަނާއި ފްރާންސުގެ ލީޑަރުން ވަނީ ގްރީންލެންޑު މައްސަލައިގައި ޓްރަމްޕު އުޅުއްވަނީ ޔޫރަޕް ބްލެކެމެއިލް ކުރަން ކަމަށާއި އެކަން އެހެން ނުކުރެވޭނެ ކަމަށް ބުނެފަ އެވެ.
ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ގްރީންލެންޑަށް ފާޅުގައި ތާއީދުކޮށް އަޑު އުފުލި ގައުމުތަކުގެ މުދަލުން 10 ޕަސެންޓުގެ ޓެރިފެއް ނަގަން ޓްރަމްޕު ނިންމަވާފައި ވާއިރު ޔޫރަޕުން އަންނަނީ ރައްދުގައި ހަމަ އެފަދަ ފިޔަވަޅުތަކެއް އަޅަން ތައްޔާރުވަމުންނެވެ. އެކަމަކާ ބެހޭ ގޮތުން އޭއެފްޕީން އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީއާ ސުވާލުކުރުމުން ވިދާޅުވީ އެމެރިކާގެ ފިޔަވަޅުތަކަށް ރައްދެއްގެ ގޮތުގައި އެފަދަ ކަމެއް ކުރުމަކީ "ރަނގަޅު ކަމަކަށް ނުވާނެ" ކަމަށެވެ.