އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ރަސްމީ މަތިންދާބޯޓު އެއާ ފޯސް ވަންގައި ސްވިޓްޒަލެންޑުގެ ޑާވޯސްއަށް ދަތުރުކުރައްވަނިކޮށް ބޯޓަށް ދިމާވި މައްސަލައަކާ ގުޅިގެން އެނބުރި އެއާ ބޭސް އަށް ޖައްސަން ޖެހިއްޖެ އެވެ.
ވޯލްޑް އިކޮނޮމިކް ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށް ޓްރަމްޕު ދަތުރުކުރައްވަނިކޮށް އެއާ ފޯސް ވަންއަށް މައްސަލައެއް ދިމާވިކަން ކަށަވަރުކޮށްދެއްވައި އޭނާގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް ވިދާޅުވީ އެއީ "އާދައިގެ އިލެކްޓްރިކަލް މައްސަލައެއް" ކަމަށެވެ.
ލީވިޓް ވިދާޅުވީ ދަތުރު ފެށިތާ ކުޑަ އިރުކޮޅެއް ފަހުން ދިމާވި މި މައްސަލައާ ގުޅިގެން ޓްރަމްޕުގެ ދަތުރު ފަސް ނުކުރައްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ބެކަޕް މަތިންދާބޯޓެއްގައި އަލުން ޑާވޯސް އަށް ދަތުރު ފައްޓަވާނެ ކަމަށެވެ.
އެއާ ފޯސް ވަން އަށް މައްސަލަ ދިމާވިކަން ހާމަކުރިތާ އިރުކޮޅެއް ފަހުން އެ ބޯޓު ވަނީ އެއާ ބޭސް އަށް ޖައްސައިފަ އެވެ. އެ ވަގުތު މުޅި ސަރަހައްދު ކުއްލި ހާލަތަށް ގެނެސްފައިވެ އެވެ. އަދި އިރުކޮޅެއްގެ ތެރޭގައި ބޯޓުން ބައެއް ތަކެތި ބާލައި ހުސްކުރާތީ ވެސް ވަނީ ފެނިފަ އެވެ.
ގްރީންލެންޑް ހިފާނެ ކަމަށް ޓްރަމްޕު ދެއްވަމުން ގެންދަވާ އިންޒާރުތަކާ އެކު ބައިވެރިވެ ވަޑައިގަންނަވާ ސަމިޓަށް ދުނިޔޭގެ ސަމާލުކަން ވަނީ ވަރަށް ބޮޑަށް ހުއްޓިފަ އެވެ. ޓްރަމްޕު ވަނީ އެ ސަމިޓުގައި ވަރަށް ގިނަ ބައްދަލުވުންތައް ތާވަލްކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ގްރީންލެންޑު އެމެރިކާގެ ކޮންޓްރޯލްގެ ދަށަށް ގެންދިއުމުގެ މަޝްވަރާތައް ވެސް ހިމެނޭ ކަމަށް ވިދާޅުވެފަ އެވެ.
އެއާ ފޯސް ވަންއާ މެދު ޓްރަމްޕުގެ ޝަކުވާ
މިހާރު އެއާ ފޯސް ވަންގައި ބޭނުންކުރާ ބޮއިން 747-200ބީ މަރުކާގެ ޖެޓްތަކާ މެދު ހިތްހަމަނުޖޭކަން ޓްރަމްޕު ކުރިން ހާމަކުރައްވާފައިވެ އެވެ. ބޮއިން ވަނީ 2024 ވަނަ އަހަރު ނިމުމުގެ ކުރިން 747-8 މަރުކާގެ ދެ މަތިންދާބޯޓު 3.9 ބިލިއަން ޑޮލަރުގެ އަގެއްގައި ސަޕްލައިކޮށްދޭން 2018 ވަނަ އަހަރު އެއްބަސްވެފަ އެވެ. އެކަމަކު މި ލިބުން ލަސްވާތީ ޓްރަމްޕް ވަނި ބޮއިން ނޫން އެހެން ގޮތެއް ހޯދަން ވިސްނަވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
މިދިޔަ އަހަރު ޓްރަމްޕު ގަތަރަށް ކުރެއްވި ދަތުރުގައި އެ ގައުމުން ވަނީ ޓްރަމްޕަށް ހާއްސަކޮށް ލަގްޒަރީ ޖެޓެއް ހަދިޔާކޮށްފަ އެވެ.
އެމެރިކާގެ ރައީސުން ހަދިޔާ ގަބޫލުކުރުމާ ގުޅޭ ގޮތުން ހަރުކަށި ގާނޫނުތަކެއް ހުރި ނަމަވެސް ޓްރަމްޕް ބޭނުންވަނީ މި ޖެޓް އެއާފޯސް ވަންގައި، ރަސްމީ ދަތުރުތަކުގައި ވެސް ބޭނުންކޮށް އަދި ވެރިކަން ނިމުމުން އަމިއްލަ ގޮތުން ވެސް ބޭނުންކުރަން ކަމަށް މީގެ ކުރިން މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.