ފަލަސްތީނުގެ ޣައްޒާގައި ދާއިމީ ސުލްހަ ގާއިމުކޮށް އާރާސްތުކުރުމުގެ ނަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ރިޔާސަތުގެ ދަށުން އުފައްދާ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް ޝައިހް މުހައްމަދު ބިން ޒައިދު އަލް ނަހްޔާނަށް ދެއްވި ދައުވަތު ގަބޫލުކުރައްވައިފި އެވެ. 

ޣައްޒާ އާރާސްތުކުރުމުގެ ނަމުގައި އުފައްދަން އިއުލާނުކުރި މި ބޯޑުގެ ޗާޓަރު އޮތީ ހަމައެކަނި އެތަން އާރާސްތުކުރުމުގެ ބަދަލުގައި މާ ފުޅާކޮށް މާނަކުރެވޭ ގޮތަށެވެ. އަދި މި ބޯޑުގެ ދާއިމީ މެންބަރުކަން ބޭނުން ނަމަ ފުރަތަމަ އަހަރު ތެރޭ އެއް ބިލިއަން ޑޮލަރު އެ ބޯޑަށް ދައްކަން ވެސް ކަނޑައަޅާފައިވެ އެވެ. 

ޣައްޒާގެ ސުލްހައިގެ އެއްބަސްވުމުގެ ދެ ވަނަ މަރުހަލާގައި އުފައްދަންޖެހޭ މި ބޯޑުގެ ފުޅާ މެންޑޭޓާ އެކު ސުވާލުތައް ގިނަވެފައި ވާއިރު މިއީ ޓްރަމްޕު އދ. އާ ވާދަޔަށް އަމިއްލަ ބާރު އޮންނަ މުއައްސަސާއެއް އުފެއްދުމުގެ ނިޔަތުގައި ކުރާ ކަމެއްގެ ގޮތުގައި ވެސް ބައެއް ފަރާތްތަކުން ގެންދަނީ ސުވާލު އުފައްދަމުންނެވެ. 

ޓްރަމްޕުގެ ރުހުން ހޯދަން ބޮޑެތި އިންވެސްޓްމަންޓުތަކުގެ ޔަގީންކަން ދެމުން އަންނަ ސައޫދީ އާއި ޔޫއޭއީ މި ވަގުތު އޮތީ ޔަމަންގެ މައްސަލައިގައި ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ. 

ބޯޑުގެ ޗާޓަރު އޭއެފްޕީއަށް ފެނިފައި ވާއިރު އޭގައި ބުނަނީ މެންބަރެއްގެ ދައުރު، ބޯޑުގެ ޗެއާމަން އެހެން ގޮތަކަށް ކަނޑަނާޅާ ހިނދަކު ތިން އަހަރަށް ވުރެ ދިގު ނުުވާނެ ކަމަށެވެ. އެކަމަކު ބޯޑަށް އެއް އަހަރު ތެރޭ 1 ބިލިއަން ޑޮލަރަށް ވުރެ އިތުރަށް ދީފި ނަމަ މި ތިން އަހަރު މުއްދަތު ނޯންނާނެ ކަމަށް ބުނެފައިވެ އެވެ. 

ޔޫއޭއީގެ ފޮރިން މިނިސްޓަރު އަބްދުالله ބިން ޒައިދު ވިދާޅުވި ގޮތުގައި އެ ގައުމުގެ ނިންމުމުން ދައްކުވައިދެނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށް ރައީސް ޓްރަމްޕްގެ 20 ނުކުތާގެ ސުލްހައިގެ ޕްލޭން ފުރިހަމައަށް ތަންފީޒުކުރުުމުގެ މުހިންމުކަމެވެ. 

ތެލުގެ މުއްސަނދިކަން ލިބިފައިވާ ޔޫއޭއީ އަކީ 2020 ވަނަ އަހަރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އަބްރަހަމް އެކޯޑްގައި ސޮއި ކުރުމަށްފަހު އިޒްރޭލާ އެކު ރަސްމީ ގުޅުން ގާއިމުކުރި މަދު އަރަބި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. 

އިޒްރޭލުން ޣައްޒާއަށް އެންމެ ވަރުގަދައަށް ހަމަލާ ދެމުން ދިޔައިރު ޔޫއޭއީ އަށް އަރަބި އަދި އިސްލާމީ ގައުމުތަކުގެ ފާޑުކިޔުން ވެސް އެހެންވެ ވަރަށް ބޮޑަށް އަމާޒުވި އެވެ. އެކަމަކު އެ ދުވަސްވަރު ވެސް ޔޫއޭއީން ވައިގެ މަގުން ވެސް ޣައްޒާއަށް ކޮންމެވެސް ވަރަކަށް އެހީ ފޯރުކޮށްދިނެވެ. -- އޭއެފްޕީ