އޮސްޓްރޭލިއާ ނަމޫނާއަކަށް ބަލައިގެން، އިނގިރޭސި ވިލާތުގައި ވެސް ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމާއި އެކަމާ ގުޅޭ ގޮތުން އިތުރު ފިޔަވަޅުތައް އެޅުމާ މެދު ވިސްނަން ފަށާފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.
ޔޫކޭ ސަރުކާރުން އިއްޔެ ބުނީ ކުޑަކުދިން ސޯޝަލް މީޑިއާ މަނާކުރުމަކީ ކުރެވިދާނެ ކަމެއްތޯ ބެލުމަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކަމާ ބެހޭ ގޮތުން ލިބިފައިވާ ހެކިތަކާއި ލިބިފައިވާ ހުށަހެޅުންތައް ދިރާސާ ކުރާނެ ކަމަށެވެ. އަދި މިކަމުގައި އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ދެނެގަންނާނެ ކަމަށް ބުންޏެވެ.
އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް މިދިޔަ މަހު ސޯޝަލް މީޑިއާ މަނާކުރި އޮސްޓްރޭލިއާ އަށް އިނގިރޭސި ސަރުކާރުގެ ވަފުދެއް ގޮސް އެ ގައުމުގައި އަމަލުކުރާ ގޮތާއި ނަތީޖާ ބަލާނެ ކަމަށް ވެސް ސަރުކާރުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
"މި މަޝްވަރާތަކުގައި، ޑިޖިޓަލް މުއާމަލާތްތަކުގައި ރުހުން ދެވޭނެ އުމުރު [ޑިޖިޓަލް އޭޖް އޮފް ކޮންސެންޓް] ކަނޑައެޅުމާއި މާގިނައިން ފޯނު ބޭނުންކުރުން ހުއްޓުވަން ފިޔަވަޅު އެޅޭނެ ގޮތާއި ސްޓްރީކް ފަދަ ދެވި ހިފާ ފީޗާތައް ހުއްޓުވަން ކުރެވޭނެ ކަންކަމަކީ ކޮބައިތޯ ބަލާނެ،" ސަރުކާރުން ބުންޏެވެ.
ޔޫކޭ ސަރުކާރުން މިކަން އިއުލާނުކޮށްފައި މި ވަނީ އޭއައި އިން އުފައްދާ އެކި ފާޑުގެ ކޮންޓެންޓު ވަރަށް ބޮޑަށް އިތުރުވެ ކަންބޮޑުވުންތައް އުފެދިފައި ވަނިކޮށެވެ. އަދި މި މަހު އީލޮން މަސްކްޓުގެ އޭއައި ޗެޓްބޮޓް އެކްސްއޭއައި އިން ކުޑަކުދިން ވެސް ހިމެނޭ ގޮތަށް މީހުންގެ ފޮޓޯ ބަރަހަނާކޮށް ހެދޭ ގޮތަށް ދޫކޮށްލި މައްސަލަ ވެސް ވަރަށް ބޮޑުވެފައި ވަނިކޮށެވެ.
ޔޫކޭގައި ވަނީ ބަރަހާ ފޮޓޯ އުފެއްދޭ ޓޫލްތައް އެއްކޮށް މަނާކުރަން ނިންމައި އެކަމުގެ މަސައްކަތް ވެސް ފަށައިފަ އެވެ. އަދި ކުޑަކުދިން ގެންގުޅޭ ޑިވައިސްތަކުން ބަރަހަނާ މަންޒަރުތައް ނުބެލޭނެ ގޮތެއް ހެދުމަށް ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.
"ޓެކްނޮލޮޖީ އަކީ ކުދިންނަށް ގެއްލުން ނުވެ އެ ކުދިން ދިރިއުޅުން މުއްސަނދި ކޮށްދޭނެ އެއްޗަކަށް ހެދުމަކީ އަޒުމެއް،" އިނގިރޭސިވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ޓެކްނޮލޮޖީ ލިޒް ކެންޑަލް ވިދާޅުވި އެވެ.
އިނގިރޭސިވިލާތުން ސޯޝަލް މީޑިއާ މަނާކުރާނެ ސީދާ އުމުރެއް ބަޔާންކޮށްފައި ނުވި ނަމަވެސް، އެ ބަޔާނުގައި ބުނެފައި ވަނީ "ޑިޖިޓަލް ކޮންސެންޓް" އުމުރަކީ 13 އަހަރު ކަމަށް އޮންނަ އޮތުމާ މެދު ވިސްނަން ޖެހޭ ކަމަށެވެ.