ފަހިދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލެ 2 ގައި އެޅި 4،000 ފްލެޓަށް ކަަރަންޓްދޭން ކުރި މަސައްކަތްތައް ނިންމާލާފައިވާ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފި އެވެ.

ސްޓެލްކޯއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ 4،000 ފްލެޓަށް ކަރަންޓްދޭން ކުރި މަސައްކަތުގައި އެ ތަންތަނުގެ މެއިން ޕެނަލްތަކަށް ކޭބަލް އަޅައި، ކަނެކްޝަންތައް ހަދައި ޓެސްޓް ވެސް ކޮށްފައިވާ ކަަމަށެވެ. އެ ކުންފުނިން ބުނި ގޮތުގައި މެއިން ޕެނަލްތަކުން ފެށިގެން އެޕާޓްމަންޓްތަކާ ހަމަަށް ކަރަންޓް ގުޅައިދޭން ކުރަން ޖެހޭ ހުރިހާ ފަންނީ މަސައްކަތްތަކެއް ވެސް މިހާރު ވަނީ ފުރިހަމަކޮށްފަ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިމަހުގެ އަށް ވަނަ ދުވަހު ބުނެފައިވާ ގޮތުގައި 4،000 ފްލެޓްގެ ތެރެއިން 1،262 ފްލެޓް، ފްލެޓް ލިބުނު މީހުންނާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ. 

މިމަހުގެ 27 ގައި ފަށާ ދިރާސީ އަހަރުގެ ކުރިން އެ ފްލެޓުތައް ހަވާލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ އެ ފްލެޓުތައް ހަވާލުކުރުން ކުންފުނިން ވަނީ އަވަސްކޮށްފަ އެވެ. ފްލެޓާ ހަވާލުވާން ޖެހޭ ދުވަސް ޕޯޓަލް މެދުވެރިކޮށް އަންނަނީ އަންގަމުންނެވެ. 

އެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް،  "މިހާރު" އަށް އޭރު ވިދާޅުވީ އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ މި މަހުގެ 25 ގެ ކުރިން ހުރިހާ ފްލެޓެއް ހަވާލުކުރުމަށް ކަމަށް ވިދާޅުވި އެވެ. 

އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން އިމާރާތްކޮށްފައިވާ އެ ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަނީ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުންނެވެ. 

މާލޭގެ އެކި އަވަށްތަކާ އެކު ރައީސް ބޭއްވެވި ބައްދަލުވުންތަކުގައި، ފަހި ފްލެޓްތަކުގެ ތަޅުދަނޑި އަވަހަށް ހަވާލުކޮށް، ކުއްޔާއި ޑައުންޕޭމަންޓް ކުޑަކޮށްދޭން ގިނަ ބަޔަކު ވަނީ އެދިފަ އެވެ. 

ސޯޝަލް ހައުސިންގެ އެހެން ސްކީމްތަކާ އަޅާބަލާއިރު އެތަނުގެ ކުއްޔާއި ޑިޕޮސިޓް ބޮޑު ކަމަށް އާއްމުންގެ ފަރާތުން ރައީސަށް ޝަކުވާ ހުށަހެޅި އެވެ. އެހެންވެ، އެމަނިކުފާނު ވަނީ މި ފްލެޓުތަކުގެ ކުއްޔާއި ޑިޕޮސިޓް ކުޑަކުރައްވައިފަ އެވެ.

ދެ ކޮޓަރީގެ ފްލެޓަށް ކުއްޔާއި މެއިންޓެނަންސްއާ އެކު މަހަކު ދައްކަންޖެހޭ މިންވަރު 8،000ރ. އިން 7000ރ. އަށް މިހާރު ވަނީ ކުޑަކޮށްފަ އެވެ. އަދި ޑިޕޮސިޓަށް ދައްކަންޖެހޭ 15،000ރ. ގެ ބަދަލުގައި 6،000ރ. ދައްކަންޖެހޭ ގޮތަށް ވެސް ވަނީ ބަދަލުކޮށްފަ އެވެ.

އެ ބަދަލާ އެކު ތިން ކޮޓަރީގެ ފްލެޓުތަކަށް މެއިންޓެނަންސް ފީއާ އެކު ދައްކަން ޖެހެނީ 10،000ރ. އެވެ. އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ޖެހޭ ވަރު 8،500ރ. އަށް ވަނީ ކުޑަކޮށްފަ އެވެ.

ކުރިން ތިން ކޮޓަރިއަށް ކަނޑައަޅާފައި ވަނީ 11،500ރ. އެވެ. އެ ތަނަށް ސެކިއުރިޓީ ޑިޕޮސިޓަށް އޭރު ކަނޑައަޅާފައި އޮތީ 25،000ރ. އެވެ.

ތަޅުދަނޑި ހަވާލުކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަސް ވަންދެން ފްލެޓްތަކަށް ކުލި ދައްކާކަށް ނުޖެހެ އެވެ. އެކަމަކު ފްލެޓުގެ މެއިންޓެނަންސް ފީ ދައްކަން ޖެހެ އެވެ.