ރާއްޖޭގައި ޓިކްޓޮކް ހަދާ މީހުންނަށް ޓިކްޓޮކް މޮނިޓައިޒް ކުރުން ނުވަތަ ޓިކްޓޮކުން އާމްދަނީ ލިބޭ ގޮތް ހެދުމުގެ ފުރުސަތު އަވަަހަށް ހޯދައިދިނުމާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޓިކްޓޮކްގެ އިސް ބައެއް ބޭފުޅުންނާ މަޝްވަރާކުރައްވައިފި އެވެ.
އިކޮނޮމިކް މިސްޓްރީން ބުނީ މިނިސްޓަރު ސައީދު ވަނީ ޓިކްޓޮކް އޮފީހުގެ ހެޑް އޮފް ގަވަމެންޓް ރިލޭޝަން އެންޑް ޕަބްލިކް ޕޮލިސީ އެމިރް ގެލެންއާ ބައްދަލުކުރައްވައި، ޓިކްޓޮކުން އާމްދަނީ ލިބޭނެ ފުރުސަތުތައް ރާއްޖެއަށް އަވަސްކޮށްދޭން މަޝްވަރާ ކުރައްވާފައި ކަމަށެވެ.
އެއީ ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް މޮނެޓައިޒޭޝަން ފުރުސަތުތައް ހޯއްދަވައިދެއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ކުރިއަށްދާ މަސައްކަތެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ވީޑިއޯ ޕޯސްޓު ކުރެވޭ މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކް ބޭނުންކޮށްގެން ރާއްޖޭގައި މިވަގުތު އާމްދަނީއެއް ނުހޯދެ އެވެ. ޓިކްޓޮކުން ފައިސާ ލިބެނީ އެމީހަކަށް ފޮލޯ ކުރާ މީހާގެ ނިސްބަތުން ކުރާ ކޮންމެ ޕޯސްޓަކަށެވެ.
ޓިކްޓޮކުން އާމްދަނީ ހޯދާ ނަމަ ޓިކްޓޮކް ކްރިއޭޓާ މާކެޓްޕްލޭސް އެކައުންޓެއް ހުޅުވަންޖެހެ އެވެ. މާކެޓް ޕްލޭސް އެކައުންޓެއް ހުޅުވޭނީ މަދުވެގެން 10،000 ފޮލޯވަރުން ލިބިފައިވުމާއެކު އެމީހެއްގެ ވީޑިއޯތަކަށް ފާއިތުވި 30 ދުވަހުގެ ތެރޭގައި ލައްކައަށް ވުރެ ގިނަ ވިއުސް ލިބިފައިވާ ނަމަ އެވެ. އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް ވެސް ހުރެ އެވެ.