"ބޯހިޔާވަހިކަން އެންމެނަށް" ގެ ނަމުގައި ސަރުކާރުން މިހާރު އިއުލާނުކޮށްފައިވާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމަށް އެމީހުންނަކީ މާލޭގައި 15 އަހަރު މެދުނުކެނޑި އުޅުނު ބައެއްކަމަށް ކަނޑައަޅައި، ކައުންސިލު މެދުވެރިކޮށް ލިޔުން ދޫނުކުރާނެ ކަމަށް މަޑަވެލީ ކައުންސިލުން ބުނެފި އެވެ. 

ކައުންސިލުން އެގޮތަށް އިއުލާނުކުރީ މާލޭގައި ދިރިއުޅޭ ފަރާތެއްކަން އަންގައިދޭ ލިޔުން ހޯދުމަށް މީހުން އެ ކައުންސިލުގައި އެދެމުންދާތީ އެވެ. 

އިއުލާނުގައި ބުނީ ބިމާއި ފްލެޓަށް އެދި ހުށަހަޅާ ފަރާތްތަކުން މާލޭގައި ދިރިއުޅުނު މުއްދަތު ސާބިތުކޮށްދިނުމަށް ހުށަހެޅިދާނެ ލިޔުންތަކުގެ ތެރޭގައި ހިމެނެނީ ދައުލަތުގެ އިދާރާއަކުން ރަސްމީކޮށް ބަލަހައްޓާ ލިޔެކިޔުންތަކާއި އެފަދަ މައުލޫމާތުތަކުން މާލޭގައި ދިރިއުޅުނުކަން ސާބިތުވާނަމަ އެ އިދާރާއަކުން ދީފައިވާ ލިޔުމެއް ކަމަށެވެ. 

އެކަމަކު އިދާރާއަކުން ދޫކުރާ ލިޔުން ބަލައިގަނެވޭނީ އެ އިދާރާއަކުން ރަސްމީކޮށް ބަލަހައްޓާ މައުލޫމާތުން، މާލޭގައި އުޅެފައިވާ މުއްދަތު ސާބިތުވާނަމަ ކަމަށް އިއުލާނުގައިވެ އެވެ. އަދި ރަށު ކައުންސިލަކުން ނުވަތަ ސިޓީ ކައުންސިލަކުން މާލޭގައި ދިރިއުޅެފައިވާ މުއްދަތު ބަޔާންކޮށް ދޫކުރާ ލިޔުމަކީ އެ ކައުންސިލެއްގައި ބަލަހައްޓާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ސާބިތުކޮށް ނުދެވޭ ލިޔުމަކަށްވާނަމަ، އެ ލިޔުމަކީ ބަލައިގަނެވޭނެ ލިޔުމެއް ނޫންކަމަށް ހައުސިން މިނިސްޓްރީން އާންމުކޮށްފައިވާ ލިޔެކިޔުންތަކުން އެނގޭކަމަށް މަޑަވެލީ ކައުންސިލުން ބުންޏެވެ. 

އެހެންވެ، ކައުންސިލުން ބުނީ އެ ކައުންސިލުން އެފަދަ އެއްވެސް މައުލޫމާތެއް ބަލަހައްޓާފައި ނުވާތީ އެ ކައުންސިލު މެދުވެރިކޮށް ލިޔުން ދޫނުކުރަން ނިންމާފައިވާ ކަމަށެވެ. 

"އެހެންކަމުން މި ކައުންސިލުން އެފަދަ އެއްވެސް މައުލޫމާތެއް ރަސްމީކޮށް ބަލަހައްޓާފައި ނުވާތީ އެއްވެސް ފަރާތަކަށް މިފަދަ [މާލޭގައި ދިރިއުޅުނު މުއްދަތު ސާބިތުކުރާ] ލިޔެކިޔުމެއް ދޫކުރެވެން ނެތް ވާހަކަ ދަންނަވަމެވެ." 
މަޑަވެލީ ކައުންސިލް

މަޑަވެލީ ކައުންސިލުން އެގޮތަށް އިއުލާނުކުރިއިރު މިފަހުން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ކައުންސިލު ރައީސަށް މާލޭގައި މީހަކު 15 އަހަރު އުޅުނު ކަމަށް ބަޔާންކޮށް ލިޔުން ނުދެވޭނެ ކަމަށެވެ. 

"ކައުންސިލު ރައީސަށް ހިތުގައި އޮންނަ އެނގޭ އެނގުމަކަށް ބޭސްކޮށްފައި ލިޔުމެއް ނުދެވޭނެ. އެއީ އިންސްޓިޓިއުޝަނެއްގައި ރެކޯޑުކޮށްފައި ރައްކާކޮށްފައި ބަހައްޓާ މައުލޫމާތަކަށް ބޭސްކޮށްފައޭ ޑޮކިއުމަންޓެއް ދެވޭނީ،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ. 

މުއްތަލިބު ވިދާޅުވި ގޮތުގައި މާލޭގައި 15 އަހަރު އުޅުނު ކަމަށް ބުނާ ލިޔުން ހުށަހެޅުމުގައި މި ސަރުކާރުން ލުއިތަކެއް ދީފައި ހުންނާނެ އެވެ. ވަަޒީފާއެއްގައި އުޅުނު ކަމުގެ ލިޔުން ނުވަތަ އާއިލާއެއް ބިނާކުރި ކަމުގެ ރަސްމީ ލިޔެކިޔުމެއް ނެތް ނަމަ، އެ އުޅުނު ގެއެއްގެ ވެރިފަރާތެއްގެ ލިޔުން ހުށަހެޅިދާނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ. 

އެކަމަކު އެ ލިޔުމަކީ ގާނޫނީ ލިޔުމަކަށް ވާންޖެހޭނެ ކަމަށާއި އެއީ ނޮޓަރައިޒްޑް ކުރެވިފައިވާ އެފިޑަވިޓަކަށް ވާންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެ ލޯޔަރަކު ޒިންމާވާ ގޮތަށް އަދި ލިޔުންދޭ ފަރާތް ވެސް ގާނޫނީ ގޮތުން ޒިންމާކުރެވޭ ގޮތަށް މިއޮތީ. އެއީ ހަގީގަތުގައި ދޮގު މައުލޫމާތު ދީގެން ބައެއްގެ ހައްގުތައް ގެއްލުވާލުމަކީ ވެސް ރަނގަޅު ކަމެއް ނޫން." މިނިސްޓަރު ވިދާޅުވި އެވެ. 

ރަކައުންސިލުތަކުންދޭ ލިޔުންތައް ބަލައިނުގަންނަން މި ސަރުކާރުން ނިންމާފައި މިވަނީ ގެދޮރުވެރިޔާ ސްކީމުން ދޫކުރި ފްލެޓްތަކަށް ޝަރުތު ހަމަކުރަން މާލޭގައި 15 އަހަރު އުޅުނު ކަމަށް ދޮގު ލިޔުންތައް ކައުންސިލުތަކުން ދިން ކަމަށް ތުހުމަތުކޮށެވެ.

އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އޭރު ބެލުމަށް ފަހު ބުނެފައި ވަނީ އެ މައްސަލަ ބަލައި، ދޮގު މައުލޫމާތު ދިން ކައުންސިލުތަކަށް ވެސް ފިޔަވަޅު އަޅާނެ ކަމަށެވެ.