ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ގަންނަން ލިބޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަން ގަނެވޭނީ އަމިއްލަ ބޯހިޔާވަހިކަމެއް ނެތް އަދި އެމީހުންނަކީ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ޝަރުތުހަމަވާ މީހުންނަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެ އެވެ.

އަތްފޯރާ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހާއްސަކޮށްގެން ހިންގާ ސްކީމްގެ ދަށުން ހުޅުމާލޭގައި 1،000 ފްލެޓު އަޅައިދޭނެ ބަޔަކު ހޯދަން މިދިޔަ މަހުގެ 26 ގައި އިއުލާނުކޮށްފައިވެ އެވެ.  އެ އިއުލާނުގައި "އެފޯޑަބަލް ހޯމް އޯނަޝިޕް" ގެ ހައުސިން ޔުނިޓުތައް ޑިޒައިންކުރުމާއި އެ ތަން އިމާރާތްކުރަން ޝައުގުވެރިވާ ދިވެހި ކުންފުނިތަކުން ޕްރޮޕޯޒަލް ހުށަހަޅަން މިމަހުގެ 23 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ބީއެމްއެލް އިން ހުޅުމާލޭގައި އަޅާ 1،224 އެފޯޑަބަލް ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފެށުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި މުއްތަލިބު ވިދާޅުވީ ހެޔޮ އަގުގައި ބޯހިޔާވަހިކަން ގަންނަން ލިބޭނެ މަޝްރޫއުއެއް ފެށުމަށް މިހާރު އިއުލާނުކޮށްފައި ވާއިރު އެއީ އާއިލީ ބޯހިޔާވަހިކަަމަށް ޝަރުތު ހަމަވާ އެކަމަކު ބޯހިޔާވަހިކަމެއް ނެތް މީހުންނަށް ހިންގާ މަޝްރޫއުއެއް ކަމަށެވެ. 

މިއާ އެކު ހެޔޮ އަގުގައި ބޯހިޔާވަހިކަން ގަންނަން ލިބޭނެ ފަދަ މަޝްރޫއު ފެށުމަށް މިހާރު ވަނީ އިއުލާންކުރެވިފައި. އަމިއްލަ ބޯހިޔާވަހިކަމެއް ނެތް އާއިލީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ޝަރުތު ހަމަވާ ކޮންމެ ފަރާތަކަށް ވެސް މި ދެންނެވި ތަނުން ފްލެޓު ގަތުމުގެ ފުރުސަތު ހުޅުވިގެންދާނެ، 

އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ އަސާސީ ޝަރުތަކީ މާލޭގައި އުޅޭތާ 15 ވުމާއި މާލޭ މީހުންނަށް ވުމެވެ. 

މުއްތަލިބު ވިދާޅުވީ ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުއަކީ ވެސް ސޯޝަލް ހައުސިން ސްކީމުގެ ތެރޭގައި ހިމެނޭ މަޝްރޫއުއެއް ކަމަށެވެ. ތިން ކޮޓަރީގެ 3،260 ހައުސިން ޔުނިޓަކީ "ބޯހިޔާވަހިކަން އެންމެނަށް" ޕްރޮގްރާމުގެ ދަށުން 60،000ރ. އިން ދަށުން އާމްދަނީ ލިބޭ މީހުންނަށް ދޫކުރާނެ ތަންތަން ކަމަށް މުއްތަލިބު ވިދާޅުވި އެވެ. 


ރެންޓު އޯން މޮޑެލްގައި ދޫކުރާ އެ ތަންތަނަކީ ކުލި ދައްކައިގެން ދިރިއުޅެމުން، ވަކި މުއްދަތެއް ފަހުން އަމިއްލަކުރެވޭނެ ފްލެޓުތަކެކެވެ.  

އެ ރަސްމިއްޔާތުގައި މުއްތަލިބު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 7 ގައި ހެންވޭރު ރައްޔިތުންނާ، ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވިއިރު އެ ބައްދަލުވުމުގައި ޒުވާން އަންހެނަކު ހިއްސާ ކުރި ވާހަކަތަކަކަށް ވެސް އަލިއަޅުވާލައްވައިފަ އެވެ. އުމުރުން 22 އަހަރުގެ އެ މީހާ ބަލި ހާލަތުގެ ސަބަބުން ނޭވާލަނީ އޮކްސިޖަން މެޝިނެއްގެ އެހީގައި ކަަމަށާއި އޭނާގެ ބައްޕައަށް ލިބިފައިވާ 10 ފޫޓާއި 15 ފޫޓުގެ ބިމުގައި ބޮޑު އާއިލާއެއް އުޅެންޖެހުމުގެ ދަތި ހާލު އެ ދުވަހު ހިއްސާކުރިކަން މުއްތަލިބު ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި ވައި ދައުރުނުވާ ކޮޓަރިއެއްގައި އުޅެންޖެހުމުން ބަލި ހާލަތު އިތުރަށް ގޯސްވާ ކަމާއި އެ ހާލަތުން ނިކުތުމަށް ދައުލަތުންދޭ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ މިންވަރު އޭނާ ހިއްސާކުރި ކަމަށެވެ. 

ބީއެމްއެލް އިން އަޅާ 1224 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު-- ފޮޓޯ: ނިޝާން އަލީ | މިހާރު
ބީއެމްއެލް އިން އަޅާ 1224 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު-- ފޮޓޯ: ނިޝާން އަލީ | މިހާރު

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ ދައުލަތުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބިނާވެފައިވަނީ އެ ކުއްޖާ ފަދަ ހާލަތުގައި އުޅޭ މީހުންނަށް ރައްކާތެރިކަން ދެވޭނެ ގޮތަށް ކަމަށެވެ. އެ ހާލަތުގައި މާލޭގައި އިތުރު އެހެން އާއިލާތައް ވެސް ދިރިއުޅެމުން އަންނަ ކަމަށާއި އެހެންވެ، ކޮންމެ ސިޔާސަތެއް އެކުލަވާލާފައި ވަނީ ބޯހިޔާވަހިކަމެއް ނެތް މީހުންނަށް އިސްކަންދޭ ގޮތަށް ކަމަށް ވިދާޅުވި އެވެ. 

ވަކިން ހާއްސަކޮށް ނިކަމެތި، ދަތި ހާލަތުގައި އުޅޭ އާއިލާތަކަށް އިސްކަންދެވޭ ގޮތަށް." 

މާލެ ސަރަހައްދުން އަލަށް ގެދޮރު ގަތުމަށް ބޭނުންވާ މީހުންނަށް މާލީ ނިޒާމުގެ ތެރެއިން ފައިނޭންސިން ހަމަޖެއްސުމުގެ މަގުސަދުގައި "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ ނަމުގައި ހާއްސަ ސްކީމެއް ތައާރަފުކުރަން ނިންމައި އެކަމާ ބެހޭ އުސޫލު އެމްއެމްއޭ އިން ވަނީ މިދިޔަ އޮކްޓޫބަރުގައި އާންމުކޮށްފަ އެވެ. އަދި ހުރިހާ ބޭންކުތަކުގެ ލޯން ޕޯޓްފޯލިއޯގެ ތެރެއިން 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ އަދަދެއް އެ ސްކީމަށް ކަނޑައަޅަންވާނެ ކަމަށް އެމްއެމްއޭ އިން ބުނެފައިވެ އެވެ.

ބީއެމްއެލްއާ ހަވާލުކޮށްފައިވާ އަގުހެޔޮކޮށް އަޅާ ފްލެޓުތައް ނިންމަން ދީފައި ވަނީ 2028 ގެ މެދުތެރެ އަށެވެ. 

ބީއެމްއެލް އިން ހިންގާ މި މަޝްރޫއުގެ ދަށުން ވިލިމާލެ އާއި ހުޅުމާލެ 1 އަދި ހުޅުމާލެ 3 ގައި 3،260 ފްލެޓު އިމާރާތްކުރާނެ އެވެ.