ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު ވިލިމާލެ އޮންނާނީ ފުރުސަތުތަކާ އެކު ތަރައްގީވެފައިވާ ރަށެއްގެ ގޮތުގައި ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެ އެވެ.
ބީއެމްއެލް މެދުވެރިވެގެން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލުކޮށްގެން ވިލިމާލޭގައި ހަދާ 300 ހައުސިން ޔުނިޓްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ވަޒީފާ އާއި ތައުލީމީ ފުރުސަތުތަކާއި ރަނގަޅު ފެންވަރުގެ ސިއްހީ ނިޒާމަކާއި ދިރިއުޅުމުގެ ގިނަ ކަންކަން ހަމަޖެހިފައިވާ ތަނަކަށް ވިލިމާލެ ހަދާނެ ކަމަށެވެ.
މި ފަސް އަހަރުގެ ދައުރު ނިމޭއިރު މާލެ އާއި ހުޅުމާލެއެކޭ އެއްފަދައިން ވިލިމާލެ ވެގެންދާނީ ފުރުސަތުތައް ތަނަވެސްވެފައި އޮތް ރަށަކަށް ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
އެ މަޝްރޫއުއާ އެކު ވިލިމާލެވެގެން ދާނީ ފުރުސަތު އޮތް ތަރައްގީވެފައިވާ ރަަށަކަށް. ވަޒީފާ އާއި ތައުލީމީ ފުރުސަތުތަކާއި ރަނގަޅު ފެންވަރުގެ ސިއްހީ ނިޒާމަކާއި ދިރިއުޅުމުގެ ގިނަކަންކަން ހަމަޖެހިފައިވާ ތަނަކަށް. މާލެއާއި ހުޅުމާލެއެކޭ އެއް ހަމައެއްގައި ފުރުސަތު ތަނަވެސްފައިވާ ރަށަކަށް.
މުއްތަލިބު ވިދާޅުވީ 10 މާޗުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިލިމާލޭގެ ބައެއް ގޭގެއަށް ކުރެއްވި ޒިޔާރާތުގައި އޭނާ ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށާއި ރައްޔިތުންގެ އޮތް އެންމެ ބޮޑު ޝަކުވާއަކީ އާއިލާތައް ބޮޑުވެގެންދާއިރު ބޯހިޔާވަހިކަން ނެތުން ކަމަށެވެ.
ލޯނު ނަގައިގެން އެ މީހުން ގެތައް ހަދާފައިވާއިރު ކުއްޔަށް ދޭނެ ޖާގައެއް ގޭގައި ނެތުމުން، ލިބޭ މުސާރައިން ލޯނު ދައްކަމުން އުޅެމުންދާ ދަތި ހާލު ހިއްސާކުރި ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
ބޯހިޔާވަހިކަމަކީ ރަށުގެ ރައްޔިތުންނަށް އޮތް ހަމައެކަނި ދަތިކަން ނޫންކަން ފާހަގަކުރައްވަމުން މުއްތަލިބު ވިދާޅުވީ ދަރިވަރުން އޭލެވެލް ކިޔެވުމަށް ދާންޖެހެނީ މާލެ ނުވަތަ ހުޅުމާލެއަށް ކަމަށެވެ. އަދި ރަށުގައި ރަނގަޅު ސިއްހީ ފަރުވާ ހޯދޭނެ ގޮތެއް ނެތުމުން އެކަމަށް ވެސް ދަތުރުކުރަންޖެހެނީ މާލެއަށް ކަމަށާއި ކާންބޯން މަސައްކަތްކުރުމަށް ވެސް ދާންޖެހެނީ މާލެއަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެހެންވެ، އެ ސަބަބުތަކާ ހެދި ރައީސް ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ގިނަ ބަދަލުތަކެއް ގެެންނަވާފައި ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ އޭގެ ތެރޭގައި ހިމެނޭ، ވިލިމާލޭގައި ތަރައްގީކުރާ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލުގެ މަސައްކަތް ޖުލައި މަހުގެ ތެރޭގައި ފެށޭނެ ކަމަށް ވިދާޅުވެފަ އެެވެ. އަދި މާލެއެކޭ އެއްގޮތަށް ވިލިމާލޭގައި ވެސް 10 ބުރިއަށް އިމާރާތް ކުރެވޭނެ މަގު ތަނަވަސްކޮށްދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.
މުއްތަލިބު ވަނީ ޗައިނާގެ ހިލޭ އެހީގައި ވިލިމާލޭގައި މަގު ހެދުމުގެ މަސައްކަތްތަކެއް ވެސް ކުރަމުން އަންނަ ކަމަށާއި އެއާ އެކު ރަށުގެ ފެނާއި ނަރުދަމާ އަދި ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
އެ މަޝްރޫއުތަކުގެ އިތުރުން މިރޭ ބޯހިޔާވަހިކަމުގެ މަޝްރޫއު ފެށިގެން ދާއިރު އެކަމާ ގުޅިގެން ފާޑުކިޔުން އަމާޒުވިޔަސް މުއްތަލިބު ވިދާޅުވީ މިއީ އެ ރަށުގައި ބޯހިޔާވަހިކަމަށް ޖެހިފައިވާ މީހުންގެ އާއިލާތަކަށް ގެނެސްދޭ ބޮޑު ބަދަލަކަށް ވެގެންދާނެ ކަމަށެވެ.
"މި ބަދަލާ އެކު އެތައް ފުރުސަތެއް ވަނީ ހުޅުވިފައި. ބޭންކް ފައިނޭންސް ނުލިބިގެން ނުހެދި ހުރި އެތަކެއް ގޭތަކަށް އެ ފުރުސަތު ވަނީ ފަހިވެގެން ގޮސްފައި. އެތައް ޖީލަކަށް ބޯހިޔާވަހިކަން ލިބުމުގެ ފުރުސަތު މިވަނީ ހުޅުވިގެން ގޮސްފައި."
މުއްތަލިބު ވިދާޅުވީ ބީއެމްއެލް އިން އަޅާ ފްލެޓުތަކުގެ މަސައްކަތް ކާމިޔާބުކަމާ އެކު ނިމިގެން ދިއުމަކީ ޕެންޝަން ފަންޑާއި އެހެން ފަރާތްތަކުން ވެސް އިންވެސްޓްކޮށްގެން މި މޮޑެލްގެ ދަށުން ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޝައުގުވެރިވާނެ ކަމަށެވެ.