"ބޯހިޔާވަހިކަން އެންމެނަށް" ގެ ނަމުގައި ހިންގާ މަޝްރޫއުގެ ދަށުން ބީއެމްއެލް އިން ވިލިމާލޭގައި ހަދާ 300 ފްލެޓުގެ ބިންގާ މިރޭ އަޅައިފި އެވެ.
ބޭންކުގެ ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ ދަށުން ހިންގާ އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ އެވެ.
އެ މަޝްރޫއުގެ ދަށުން ވިލިމާލޭގައި 17 ބުރީގެ ތިން ޓަވަރު އަޅާނެ އެވެ. އެއީ ތިން ކޮޓަރީގެ، 900 އަކަފޫޓުގެ އެޕާޓްމަންޓްތަކެކެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި އެތަންތަން އިމާރާތްކުރަނީ ވިލިމާލޭގެ ފެހިކަން ނުގެއްލޭ ގޮތަށެވެ.
ވިލިމާލޭގައި އޮތް ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އެ މަޝްރޫއުއަކީ ދިވެހިންނަށް އިޖުތިމާއީ ތަރައްގީ އާއި ރައްކާތެރިކަން ކަށަވަރުކޮށްދީ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި އަގުހެޔޮކޮށް ބޯހިޔާވަހިކަން ފަހިކޮށްދޭން ހިންގާ މަޝްރޫއުއެއް ކަމަށެވެ.
ޝަރީފް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލީޑާޝީޕްގެ ދަށުން، ބޯހިޔާވަހިކަމަކީ އިޖުތިމާއީ ހަމަޖެހުމުގެ މައިތަނބެއްގެ ގޮތުގައި ފާހަގަކުރައްވައި ގައުމީ އެޖެންޑާގެ އެންމެ ކުރިއަށް ނެރުއްވާފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ ރައީސްގެ އިރުޝާދުގެ ދަށުން ސަރުކާރުން ވަނީ ހަލުވި ދުވެއްޔެއްގައި މަސައްކަތްކޮށްފައި ކަމަށެވެ. އަދި މިދިޔަ އަހަރުގެ އޮކްޓޫބަރުގައި އިފްތިތާހުކުރި ނެޝަނަލް ހައުސިން އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީގެ ސިޔާސަތުތައް އެހާ ކުރު މުއްދަތެއްގައި ފެށިގެން ދިއުމަކީ ލީޑާޝިފާއި މުއައްސަސާތަކުގެ މެދުގައި އޮތް އެއްބައިވަންތަކަމާއި ކަންކަން އަވަހަށް ހާސިލުކުރުމަށް އަމާޒު އޮތް ކަމުގެ މިސާލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މަނިކުފާނުގެ އިރުޝާދުގެ ދަށުން ވަނީ ސަރުކާރުން ވަނީ ނުހަނު ހަލުވި ދުވެއްޔެއްގައި އަދި މަތިވެރި މަގުސަދަކާ އެކު މަސައްކަތްކޮށްފައި. ބޯހިޔާވަހިކަން އެންމެނަށްގެ ނަމުގައި މިިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގައި ނެޝަނަލް ހައުސިން އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ އިފްތިތާހުކުރެވިގެން ދިއުމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ނުހަނު ބޮޑަށް ދިމާވެފައިވާ މިގައުމަށްސާފު މިސްރާބެއް ފެނިގެންދިޔަ ކަމެއް،" ރައީސް ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ އެ މަޝްރޫއުތައް ހިންގުމަށް ކުލި ދައްކަން ނުޖެހޭ ގޮތަށް ސަރުކާރުން ބީއެމްއެލަށް ބިން ހަމަޖައްސައިދިނުމަކީ ވަރަށް ހިކުމަތްތެރި ނިންމުމެއް ކަމަށެވެ. އެކަމުގެ ސަބަބުން މަޝްރޫއުގެ އަގު ހެޔޮވެފައި ދިވެހި އާއިލާތަކަށް އަގުހެޔޮ ބޯހިޔާވަހިކަމެއް ފޯރުކޮށްދެވޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ވިލިމާލޭގައި 300 ހައުސިން ޔުނިޓް އެޅުމަށް ހަވާލުކޮށްފައިވާ އާރުސީސީގެ ފަންނީ ގާބިލުކަން ބަލައިގަންނަ ކަމަށާއި އެއްްބަސްވެފައިވާ ގޮތަށް އެ މަޝްރޫއު ނިންމާނެ ކަމަށް ވެސް ގަބޫލުކުރައްވާ ކަމަށެވެ.
ބީއެމްއެލްއާ ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ ދަށުން ވިލިމާލެ އާއި ހުޅުމާލެ 1 އަދި 3 ގައި 3،260 ފްލެޓު އިމާރާތްކުރާނެ އެވެ. އޭގެ ތެރެއިން ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކުރި 1،224 ހައުސިން ޔުނިޓްގެ ބިންގާ ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އަޅައި އެ މަޝްރޫއު ފަށާފައި ކަމަށް ޝަރީފް ވިދާޅުވެ އެވެ.
އެ މަޝްރޫއުގައި ދެން ހިމެނޭ 1،190 ފްލެޓު ހަވާލުކޮށްފައި ވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާ އެވެ. އަދި 364 ފްލެޓު އެޅުމަށް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވާއިރު 182 ފްލެޓު ހަވާލުކުރީ އެފްޑަބްލިޔު ކޮންސްޓްރަކްޝަނާ އެވެ.
ހެޔޮ އަގެއްގައި ހައުސިން ޔުނިޓު ދިނުމަށް، ހައުސިން މިނިސްޓްރީގެ އެހީތެރިކަމާ އެކު، ބީއެމްއެލް އިން ނިންމާފައިވަނީ ހައުސިން ޔުނިޓްތައް ހަދައި، ލީސް-ޓު-އޯން (ކުލި ދައްކައި ހަލާސް ކުރުމުން މިލްކުވުން) މޮޑެލްގެ ދަށުން އާންމުންނަށް ހުޅުވައިލުމަށެވެ.
އެ ހުރިހާ ފްލެޓުތަކެއްގެ މަސައްކަތް ހަވާލުކުރީ 2028 ގެ މެދުތެރެއަށް ނިންމާ ގޮތަށެވެ.