ދ. މީދޫގައި ގެވެށި އަނިޔާގެ މައްސަލައެއްގައި މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން އެކަމަށް ހުރަސް އެޅި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން، ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެކަމަކު އެއީ ކާކު ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. 

ފުލުހުން ބުނި ގޮތުގައި އެ މީހާ ހައްޔަރުކުރުމާ ގުޅިގެން ރައްޔިތުންގެ ތެރެއިން ބަޔަކު ޕޮލިސް ސްޓޭޝަން ދޮށަށް ވެސް އެއްވެފައިވެ އެވެ. 

ގެވެށި އަނިޔާގެ މައްސަލައިގެ އިތުރުން ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މައްސަލަ ވަކިން ތަހުގީގުކުރަމުންދާ ކަމަށް ބުންޏަސް އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.