ރައްކާތެރިކަމުގެ އަމުރާ ހިލާފުވެގެން 24 މީހަކަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިދިޔަ އަހަރު ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި އާއްމުކުރި މައުލޫމާތުން ދައްކާގޮތުން، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވެގެން މިދިޔަ އަހަރު 99 މައްސަލައެއް ރިޕޯޓުކުރި އެވެ. އެ މައްސަލަތަކާ ގުޅިގެން 38 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. 

ރައްކާތެރިކުރުމުގެ އަމުރަކީ އަނިޔާގެ އަމަލެއް ތަކުރާރުވެދާނެތީ، އަނިޔާ ލިބޭ މީހާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކޯޓުން ނެރޭ އަމުރެކެވެ.

އެއީ އަނިޔާކުރާ މީހާ ވަކި ކަންތައްތަކެއް ކުރުމަށް ނުވަތަ ނުކުރުމަށް އަންގާ އަމުރެކެވެ.

ގެވެށި އަނިޔާގެ ޝިކާރައަށްވާ މީހުންނަށް އަމާން އަދި ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަކީ ފުލުހުން އިސްކަންދޭ އެއް މަސައްކަތް ކަމަށް ވެސް ފުލުހުން ބުންޏެވެ. އޭގެ އިތުރުން އަމުރާ ހިލާފު އެއްވެސް އަމަލެއް ހިނގާ ނަމަ، ލަސްނުކޮށް އެކަން ރިޕޯޓުކުރުމަށް ވެސް ވަނީ އެދިފަ އެވެ.