ފެމިލީ ކޯޓު: ފޮޓޯ: މިހާރު
20 ޖެނުއަރީ 2024 - 16:23
ގެވެށި އަނިޔާއިން ރައްކާތެރި ކުރުމުގެ އަމުރެއް ހޯދަން ހުށަހަޅާއިރު ފެމިލީ ކޯޓަށް ދައްކަން ޖެހޭ 25ރ. ގެ ފީ ނެގުން އެ ކޯޓުން ހުއްޓާލައިފި އެވެ.
ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދި ފެމިލީ ކޯޓަށް ހުށަހަޅާ ފޯމާއެކު އެ ރުފިޔާ ދައްކަން ޖެހެނި ބަނޑޭރި ޕޯޓަލް މެދުވެރިކޮށެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު އެކޯޓުން އާންމު ކުރި ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދި ހުށަހަޅާ ފޯމުގައި އެ ފީ ދެއްކުން ހިމަނާފައެއް ނުވެ އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ބްލޮގްގައި މިއަދު ލިޔުއްވާފައިވާ ލިޔުމެއްގައި ވިދާޅުވީ އެ އެކަމަށް ފީ ނަގާތީ އެކަން ހުއްޓާލުމަށް ކަމާބެހޭ އިދާރާތަކުގެ ލަފައާ އެކު މަސައްކަތް ފެށިއިރު އެ ފީ ނެގުން ހުއްޓާލަން ފެމިލީ ކޯޓުން މިހާރު ނިންމާފައިވާ ކަމަށެވެ.
"ފީ ދައްކާންޖެހެނީ ވެސް ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ކަމަށްވާތީ، އެކަމަށް އިންޓަނެޓާއި އެނޫން ވެސް ވަސީލަތްތައް ބޭނުންވެ އެވެ. ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރެއް ހޯދުމަށް އެދި ހުށަހަޅާ މީހާ، އާންމުކޮށް ހުންނާނެ ނިކަމެތި ހާލަތަށް ވިސްނައި، މި 25ރ. ނުދައްކާގޮތަށް ބަދަލުކުރުމުގެ މުހިންމުކަމެއްކަމަށް ހުރިހާ އިދާރާތަކަށްވެސް ފެނުނެވެ. މިކަމާ ފެމިލީ ކޯޓަށް ހިނގުމާ ހަވާލުވީ އަޅުގަނޑާ އެވެ." ޝަމީމް ވިދާޅުވެފައިވެ އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް.--
މީގެ ކުރިން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުމެއް ނެތްނަމަ، ފޯމު ބަލައެއް ނުގަންނަ ނަމަވެސް މިހާރު އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުމެއް ހުށަހެޅެން ނެތަސް، ސަބަބު ބަޔާން ކުރުމުން މައްސަލަ ބަލައިގަތުމަށް ފެމިލީ ކޯޓުން ނިންމާފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.
"ގެވެށި އަނިޔާގެ ރައްކާތެރިކަމަށް އެދޭ މީހާ ހުންނާނެ ހާލަތަށް ރިއާޔަތްކުރާއިރު، ބައެއްފަހަރު ހުރިހާ ލިޔުންތައް އޭނާގެ އަތުގައި ނެތިދާނެ އެވެ. އެހެންކަމުން، މިއީ ގާނޫނުގައި ތަސައްވަރުކުރާ ގޮތަށް، އަނިޔާލިބޭ މީހާއަށް ފަސޭހަ ނިޒާމެއް ގާއިމުކުރެއްވުމަށް ފެމިލީ ކޯޓުން އެޅުއްވި މުހިންމު ފިޔަވަޅެކެވެ،" އޭނާ ވިދާޅުވެފައިވެ އެވެ.
އަނިޔާ ލިބޭ މީހާއަށް އިތުރަށް ފަސޭހަ ކޮށްދިނުމަށްޓަކައި، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދޭ ފޯމު، ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލްގެ ތެރެއިން ފުރޭނޭ ގޮތް ހަމަޖައްސާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުމާސް
20 January 2024
ދެން ކޮންއިރަކުންތަ ދައުލަތުގެ މުފަލަށް ހިތުހުރި ވަރަކުން މާފު ކުރި މީހުންނާ ޚިޔަނާތް ތެރިވި މީހުން އަތުން ފައިސާ ހޯދަން އުޅެވޭނީ