އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ޗާންސެލަރުގެ މަގާމުން ޑރ. މުހައްމަދު ޒާހިރު ހުސައިން އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަނިކުފާނާ މިއަދު ބައްދަލުކުރައްވައި ހިދުމަތުގެ އަގުވަޒަން ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ، ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވާފައިވާ ޒާހިރު އިސްތިއުފާ ދެއްވަން ހުށަހެޅުއްވުމާ ގުޅިގެން، އެ މަނިކުފާނާ ރައީސް ބައްދަލުކުރައްވައި، މަގާމުގައި ހުންނަވައިގެން ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައިވާ ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދާއިރާގެ ކުރިއެރުމަށާއި ތަރައްގީ އަށް ޒާހިރު ވަރަށް އިހުލާސްތެރިކަމާ އެކު، މިންނަތް މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ. އޭގެ އިތުރުން، ސަރުކާރުން އޭރު ފެށި އަސާސީ ތައުލީމުގެ މަޝްރޫއު ހިންގަވައި ދެއްވުމާއި ރަށްރަށުގެ ކޮމިއުނިޓީ ސްކޫލުތަކާއި އަތޮޅު މަދަރުސާތައް ބިނާކޮށް ތައުލީމީ ރޮނގުން ރަށްރަށުގައި ދިރިއުޅޭ މީހުން ހޭލުންތެރިކުރަން ކުރެއްވީ ވެސް، ތައުރީފު ހައްގު މަސައްކަތްތަކެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ޒާހިރު ވިދާޅުވީ އައިޔޫއެމަށް ހިދުމަތް ކުރެއްވުމަކީ، އެ މަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. މި ސަރުކާރުން ވެސް އެ ފުރުސަތު ދެއްވީތީ ރައީސަށް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
"އަދި ރާއްޖޭގެ ތައުލީމީ ނިޒާމު ހަރުދަނާ ކުރައްވައި، ފެންވަރު މަތިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތައުރީފް ކުރެއްވި އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.
އައިޔޫއެމްގެ ޗާންސެލަރުގެ މަގާމަށް ޒާހިރު އައްޔަންކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އޮގަސްޓް، 2019 ގަ އެވެ.
ދައުލަތަށް ޒާހިރު ކޮށްދެއްވި ހިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ރައީސް މުއިއްޒު މިއަދު ވަނީ ހާއްސަ ސިޓީފުޅެއް ވެސް އަރުވައިފަ އެވެ.
އައިޔޫއެމްގެ ޗާންސެލަރުގެ މަގާމުގަ އާއި އެމްއެންޔޫގެ ޗާންސެލަރުގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ މަތީ ތައުލީމު ފުޅާކުރެއްވުމަށް ޒާހިރު ކުރެއްވި މަސައްކަތްޕުޅުތަކުގެ މައްޗަށް ރައީސް މުއިއްޒު ބައްލަވައިލެއްވި އެވެ.
އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުގައި 10 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހުންނަވައިގެން، ރާއްޖޭގެ ތައުލީމީ ދާއިރާ ހަރުދަނާ ކުރެއްވުމަށާއި ޒަމާނާ އެކަށޭނަ އަދި ދިވެހިވަންތަ ނިޒާމަކަށް ކިޔަވައިދެވޭނެ ގޮތަކަށް މުގައްރަރުތައް އެކުލަވައިލުމަށާއި އަސާސީ ތައުލީމުގެ މަޝްރޫއު ހިންގުމަށާއި ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމު ފުޅާ ކުރެއްވުމުގައި ޒާހިރު އަދާކުރެއްވި ދައުރު އެ ސިޓީފުޅުގައި ރައީސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޒާހިރު ވަނީ 49 އަހަރާއި ނުވަ މަސް ދުވަހު ދައުލަތަށް ހިދުމަތް ކުރައްވައިފަ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ދުވަހު އުޅުއްވި ތައުލީމީ ދާއިރާގައި 33 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި އެވެ.
ޒާހިރަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވައިފައިވަނީ ނޮވެންބަރު 10، 2008 ގައެވެ. އަދި ރާއްޖޭގެ ތައުލީމަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު އަރުވައިފައިވަނީ 2024 ގަ އެވެ.