ބ. ތުޅާދޫ ބަނދަރުގެ ނެރަށް ވެލިއަރައި ލަފައިފުރުމުގައި ގިނަ ދަތިތަކެއް ކުރިމަތިވަމުން ދާތީ އެ ރަށު ކައުންސިލުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ތުޅާދޫ ކައުންސިލްގެ އިއުލާނެއްގައި ބުނީ އެ ރަށުގެ ބަނދަރަށް ވަންނަ ނެރަށް ވެލި ފައިބައި، ނެރު ބެދެމުން ދާތީ، ރަށަށް ވަދެނިކުމެ ހަދާ އުޅަނދުފަހަރަށް ދަތިވެ ޝަކުވާ ވަރަށް ބޮޑުވެފައިވާ ކަމަށެވެ.  

އެ ރަށަކީ މަސްވެރި ރަށަކަށް ވެފައި، މަސްވެރިކަން ކުރާ އުޅަނދުފަހަރަށް ނެރުން ވަނުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހި، މަސްވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް އެކަމުގެ ނޭދެވޭ އަސަރުކޮށް، އަދި ރަށުގެ އިގުތިސާދަށް ވެސް ނޭދެވޭ އަސަރު ފޯރަމުންދާ ކަމަށް އެ އިއުލާނުގައި ބުންޏެވެ. 

ކައުންސިލްގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި؛

  • ބައެއް އުޅަނދުފަހަރު ނެރުން ވަންނަން އުޅުމުގެ ތެރޭގައި ނެރު މައްޗަށް ބީހި، އެކިވަރުގެ ގެއްލުންތައް ވަނީ ވެފައި.
  • މާލެއިން ރަށަށް މުދާ ގެންދާ ބޯޓުފަހަރު ނެރުން ވަނުމުގައި ދަތިތަކާ ކުރިމަތިވެ، އެތައް ވަގުތެއް ހޭދަކުރަން ޖެހުމުން، ބޯޓުގައި ގެންނަ ބައެއް ބާވަތްތަކުގެ މުދަލަށް އެކި ވަރުގެ ގެއްލުންތައް ލިބި، ރަށަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައި ވެސް ދަތިކަމާ ދަނީ ކުރިމަތިވަމުން.
  • ނެރުގެ މައްސަލައަށް ހައްލެއް ނުގެނެވި ގިނަ ދުވަސްވަމުންދާ ނަމަ، ރަށަށް ބޭނުންވާ ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެ، ނުރައްކާތެރި ހާލަތަކަށް ދިއުމުގެ ނުރައްކާ އެބައޮތް.

އެ އިއުލާނުގައި ބުނި ގޮތުގައި، ތުޅާދޫގައި ސަރުކާރުން ހިންގަމުން އަންނަ، އެއާޕޯޓަށް ބިން ހިއްކުމާއި ހޮސްޕިޓަލް އެޅުން ފަދަ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ބޭނުންވާ މުދާ ހިފައިގެން ދާ އުޅަނދުފަހަރު ނެރުން ވަނުމުގައި ވެސް ދަތިތަކާ ކުރިމަތިވުމުގެ ސަބަބުން އެފަދަ މަޝްރޫއުތަކަށް "އެކަމުގެ ހިޔަނި" ދަނީ އެޅެމުންނެވެ.

"މިފަދަ ކަންކަމުގެ ސަބަބުން، އޮޑިދޯނިފަހަރު ދުއްވާ ފަރާތްތަކާއި ވިޔަފާރިވެރިންގެ އިތުރުން އާންމު ފަރުދުންގެ ގިނަގުނަ ޝަކުވާ ވެސް ކައުންސިލަށް ދަނީ ލިބެމުންނެވެ،" އެ އިއުލާނުގައި ބުންޏެވެ. 

ތުޅާދޫ ކައުންސިލުން ބުނީ ނެރު ފުންކޮށްދިނުމަށް އެދި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކަށް 14 ސިޓީ މިހާތަނަށް ފޮނުވާފައި ވާނެ ކަމަށާއި އެކަމަށް އެދެވޭ ޖަވާބެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ. 

މި މައްސަލައާ ގުޅިގެން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ. 

ސަރުކާރުން ވަނީ ތުޅާދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއެއް އޮގޯސްޓް 21، 2023 ގައި އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. ނަމަވެސް، އެ މަޝްރޫއުގެ އަމަލީ މަސައްކަތް އަދި ނުފަށަ އެވެ. އެ ރަށުގައި މިހާރު ބޭނުންކުރާ ބަނދަރަކީ އެމްޓީސީސީން 2017 ވަނަ އަހަރު ހަދާފައިވާ ބަނދަރެކެވެ.