ވާސްތަކެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރިކަން ސާބިތުވެ، މީހެއްގެ މައްޗަށް އުމުރު ދުވަހުގެ (25 އަހަރުގެ) ޖަލު ހުކުމެއް އިއްވައިފި އެވެ. 

ކްރިމިނަލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު މި ހުކުމް އިއްވީ ސ. ހިތަދޫ، ވެހެތާނުގެ، އަބްދުﷲ ސޯދިގުގެ މައްޗަށެވެ. 

އޭނާގެ މައްޗަށް ދައުވާކުރީ ސްރީ ލަންކަން އެއާލައިންސްގެ ފްލައިޓެއްގައި ރާއްޖެ އައިއިރު އޭނާ ހުއްޓުވައި ފާސްކުރި އިރު ލަގެޖުން ފެނުނު ވާސްއެއްގެ ތެރެއިން މަސްތުވާތަކެތި ފެނުމުންނެވެ. އެ ވާސްގެ ތެރޭގައި އޮތް ހަތަރު ރަބަރު ޕެކެޓްގައި 169 ގްރާމް ޑައިމޯފިން ހުއްޓެވެ.

އޭގެއިތުރުން ލަގެޖުގައި އޮތް އިތުރު ދެ ވާސްއެއް ތަޅާލައިގެން ބެލިއިރު އޭގައި ވެސް ޑައިމޯފިން ފޮރުވާފައި ހުއްޓެވެ. އެ ދެ ވާސްގެ ތެރެއިން 35 ގްރާމް ހުރި ދެ ރަބަރު ޕެކެޓާއި 68 ގްރާމް ހުރި ދެ ރަބަރު ޕެކެޓް ފެނިފައިވެ އެވެ. 

މި މައްސަލައާ ގުޅިގެން އަބްދުﷲ ސޯދިގުގެ މައްޗަށް އުފުލީ ޖަދުވަލު 1 ގައިވާ މަސްތުވާ އެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ދައުވާ އެވެ. އެ ދައުވާއަށް އޭނާ އިންކާރުކޮށް ބުނެފައިވަނީ އޭނާއަށް އެނގިހުރެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށްފައިނުވާނެ ކަމަށެވެ. 

ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައި ބުނީ އަބްދުﷲ ސޯދިގު ގެނައި ލަގެޖު ފޮށިން ފެނުނު ވާސްތަކާ ގުޅިގެން ސުވާލުކުރުމުން، ދޮގުހަދައި އޮޅުވާލަން މަސައްކަތްކޮށްފައިވާ ކަމަށެވެ. ދޮގު ހަދައި އޮޅުވާލަން މަސައްކަތްކުރަން ޖެހޭނީ ކަމެއް ފޮރުވަން ކަމަށް ހުކުމްގައިވެ އެވެ. ވާސްތަކުން ފެނުނު ތަކެއްޗާ ގުޅުމެއް ނެތް ނަމަ، އޭގެ ހަގީގަތް ހާމަކުރަން ފަސްޖެހެން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ހުކުމުގައިވެ އެވެ. 

"މިކަންކަމުން ދޭހަ ވަނީ މި ވާސްތަކުގައި ހުރީ ގާނޫނާ ހިލާފު އެއްޗެއްކަން އަބްދުﷲ ސާދިގަށް އެނގިހުރެމެވެ. އެހެންކަމުން ކުށުގެ މައުނަވީ ރުކުން ފުރިހަމަވާ ކަމަށް ކަނޑައަޅަމެވެ." ހުކުމްގައިވެ އެވެ. 

މަސްތުވާތަކެތި ފެނިފައިވަނީ އޭނާ ރާއްޖެ އައިިއިރު ގެނައި ފޮށިން ކަމަށްވާއިރު، އެކަމަށް އިންކާރުކޮށްފައިނުވާތީ އެ ތަކެެއްޗަކީ އޭނާ ރާއްޖެ އެތެރެކުރި ތަކެތިކަން ސާބިތުވާ ކަމަށް ވެސް ހުކުމްގައި ކަނޑައެޅި އެވެ. އެހެންކަމުން ކުށުގެ މާއްދީ ރުކުން ވެސް ފުރިހަމަވެ އެވެ. 

އަބްދުﷲގެ މައްޗަށް ކުށް ސާބިތުވެފައިވާތީ ކޯޓުން ވަނީ އޭނާގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވައި، 100،000ރ. އިން ޖޫރިމަނާކޮށްފަ އެވެ. މިއީ މި ކުށުގެ އެންމެ މަތީ އަދަބެވެ.