ހުޅުމާލޭގައި ހުންނަ ގުރުއާނާ ބެހޭ މަރުކަޒުގައި ކިޔަވައިދޭ ބައެއް ކޯސްތައް ނިންމި ނަމަވެސް ސެޓްފިކެޓް ދޫނުކުރާ މައްސަލަ ބޮޑުވެއްޖެ އެވެ.

ހުޅުމާލެ ކޮމާޝަލް ބްލޮކް "އީ"ގެ ފުރަތަމަ ފަންގިފިލާގެ ޔުނިޓެއްގައި ހިންގާ ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފީގައި ގިރާތު ލެވެލްގެ 1 އިން ފެށިގެން އެކި ލެވެލްތަކުގެ ކޯސްތައް ހިންގަ އެވެ.

ގިރާތު ލެވެލް ކޯސް 2 ނިންމި ދަރިވަރަކު "މިހާރު" އަށް ބުނީ އޭނައާ އެއްކޮށް 28 ކުދިން އެ ކޯހުގައި ބައިވެރިވީ މިދިޔަ ސެޕްޓެމްބަރު މަހު ކަމަށެވެ. އެކަމަކު ކޯސް ނިމުނުތާ ފަސް މަސް ވިއިރު ވެސް ސެޓްފިކެޓް ނުލިބޭ ކަމަށެވެ. 

އޭނާ ބުނި ގޮތުގައި އޭގެ ތެރެއިން ސެޓްފިކެޓް ލިބުނީ އެންމެ ތިން ދަރިވަރުންނަށެވެ. އިތުރު އެއްވެސް ދަރިވަރަކަށް ސެޓްފިކެޓް ދުލެއް ނުކުރެ އެވެ.

"ސެޓްފިކެޓް ނުލިބި އެހެން ކޯހަކަށް މަރުކަޒަކަށް ވެސް އަދި އައިޔޫއެމް އަކަށް ވެސް ނުލެވޭ. އެހެންވެ ކުރިއަށް ދާނެ ގޮތެއް ނެތިފައި މި ތިބީ،" އޭނާ ބުންޏެވެ.

އޭގެ އިތުރުން މިދިޔަ ޑިސެމްބަރު މަހު ނިންމި ގިރާތު ލެވެލް 1ގެ ދަރިވަރުންތަކެއް ވެސް ސެޓްފިކެޓް ނުލިބިގެން އުޅޭ ކަމަށް އޭނާ ބުންޏެވެ.

"ލަސްވެގެން، މަރުކަޒަށް ދަރިވަރުން މި ދަނީ ސެޓްފިކެޓް ހޯދަން. އެކަމަކު ނުލިބޭ. ހުޅުމާލެ މަރުކަޒުން ސެޓްފިކެޓްތައް ނުފޮނުވައޭ އެމްކިޔުއޭއިން ބުނަނީ. ހުޅުމާލެ ކޮޅުގެ އެއްވެސް ސެޓްފިކެޓެއް ނެތް ކަމަށް އެމްކިޔުއޭއިން ބުނަނީ ފޮނުވާފައެއް،" އެ ދަރިވަރު ބުންޏެވެ.

އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ގުރުއާނާ ބެހޭ މަރުކަޒުގެ އެ ގޮފީގެ އެކަޑަމީގައި މަސައްކަތް ކުރައްވާ އޮފިޝަލަކު ވިދާޅުވީ ދަރިވަރުންނަށް ސެޓްފިކެޓްތައް ލިބުން ލަސްވި މައްސަލަ އުޅޭ ކަމަށެވެ.

ލަސްވި ސަބަބު ހާމަ ނުކުރައްވައި އޭނާ ވިދާޅުވީ މިހާރު ގިނަ ސެޓްފިކެޓްތައް އެމްކިޔުއޭގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ކަމަށެވެ. ސެޓްފިކެޓްތައް ލިބުނުހާ އަވަހަށް ދަރިވަރުންނަށް ދޫކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.