އާބާދީ ތޮއްޖެހިފައި އޮތް ހިޔާ ސަރަހައްދުގައި، އެންމެ އަލިފާން ކަންޏަކުން އެތައް އާއިލާއެއްގެ ދިރިއުޅުން އަނދައި އަޅިއަށް ވެދާނެ އެވެ. މިދިޔަ ހުކުރު ދުވަހުގެ އިރޮއޮއްސުނު ވަގުތު ލިބުނީ އެ ނުރައްކަލުގެ އިންޒާރެވެ. އެ ސަރަހައްދު އޮތީ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފި ނަމަ، "ކޮންޓްރޯލް" ވާނެ ފަދަ ހާލަތެއްގައެއް ނޫނެވެ. 

ހިޔާ ޓަވަރެއްގެ ވައިގޮޅީގައި ހަރުކޮށްފައި ހުރި އައުޓްޑޯ ޔުނިޓެއްގައި ރޯވެ، އޭގެ މައްޗަށް ހުރި ހުރިހާ އައުޓްޑޯ ޔުނިޓްތަކެއް ބޭނުން ނުކުރެވޭ ވަރަށް އެނދީ އެވެ. އަލިފާން ހިފި ގޮތެއް އަދި ނޭނގެ އެވެ. އެކަމަކު، ފަސް ވަނަ ފްލޯގެ ވައިގޮޅީގައި ހަރުކޮށްފައި ހުރި އައުޓްޑޯ ޔުނިޓެއްގައި ރޯވެގެން ހިނގި އެ ހާދިސާގައި އެ ފްލޯގެ މައްޗަށް ހުރި ހުރިހާ ޔުނިޓުތަކެއްގައި އަލިފާން ހިފައި ހަލާކުވި އެވެ. އަލިފާންގަނޑު ކޮންޓްރޯލުވިއިރު 25 ވަނަ ފްލޯއާ ހަމައަށް ހަރުކޮށްފައި ހުރި 34 އައުޓްޑޯ ޔުނިޓް ހުރީ އަނދައި ކަޅު ކުލަ އަރައިފަ އެވެ.

މުޅި ވައިގޮޅި ދުމުން ކަޅުވެފައި އޮތްއިރު އެ ހާދިސާގައި ވައިގޮޅިއާ ދިމާލުން ހަރުކޮށްފައި ހުރި 38 ފްލެޓެއްގެ ނަރުދަމާ ހޮޅިތައް ވެސް އެއްކޮށް އަނދާ އަޅިއަށްވި އެވެ.

އަލިފާން ރޯވުމާ އެކު އެންމެން ޕެނިކްވެ އެތަނުން ނުކުންނަން ވެސް އެތައް ތަކުލީފެއް އުފުލަން ޖެހުނެވެ. މުޅި އިމާރާތުން މީހުން ހުސްކުރެވުނު އިރު، އެތައް ބަޔަކު ތިބީ ބިރުގަނެ، ނަފްސާނީ ގޮތުން އަސަރުކޮށްފަ އެވެ. އެ ހާދިސާގައި އެތަނުން 140 މީހުން ނެރެ ވަގުތީ ހިޔާއަށް ބަދަލުކުރަން ޖެހުނެވެ. 

އެތަނުގައި ރޯވި އަލިފާން ނިންވަން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފެށީ 6:40 ހާއިރެވެ. އެ އަލިފާންގަނޑު ކޮންޓްރޯލްކުރެވުނު ކަމަށް އެމްއެންޑީއެފުން މީޑިއާ ގްރޫޕުގައި ބުނެފައި ވަނީ އެ ރޭ 8:20 ގަ އެވެ. މިއީ އާދައިގެ އަލިފާނުގެ ހާދިސާއެއްގައި ތަނެއް ނިއްވަން ވަރަށް ވަގުތެ ކަމަށް ބައެއް ފަޔަ ފައިޓަރުން ބުނެ އެވެ.  

ހުޅުމާލެ ބަލަހައްޓަމުން އަންނަ އެޗްޑީސީން ބުނެފައިވާ ގޮތުގައި އެ ހާދިސާގައި އެ ޓަވަރުގެ 6 އަދި 7 ވަނަ އެޕާޓްމަންޓްތަކުގެ މައި ހޮޅިއަށް ވަނީ ގެއްލުން ލިބިފަ އެވެ. އެހެންވެ، ފާހާނާތައް ބޭނުން ނުކުރަން އަންގާފައިވާތީ ގިނަ ބަޔަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހުނެވެ.

ކުޑަ ވަގުތުކޮޅެއްގައި މިފަދަ "ކުޑަ" ހާދިސާއަކުން މިވަރުގެ ބޮޑު ގެއްލުމެއް އަދި ތަކުލީފެއް އެތަނުގައި އުޅޭ މީހުންނަށް އުފުލަން މަޖުބޫރުވީ އެވެ. މި ހާދިސާގައި އެތަނަށް ލިބުނީ ކިހާ ވަރެއްގެ ގެއްލުމެއް ކަމެއް އަދި ކަމާ ބެހޭ އިދާރާތަކުން ހާމަނުކުރިޔަސް އޭސީތަކަށް އެކަނި ބެލިޔަސް 204،000ރ. ގެ ގެއްލުމެކެވެ. އެއީ އޭސީއެއް އެންމެ އަގު ހެޔޮކޮށް ލިބޭ އަގު، 6000ރ. ކަމަށް ބަލައި ހިސާބު ހެދުމުން ދައްކާ ގެއްލުމުގެ އަގެވެ.

ހިޔާ ޓަވަރު5ގެ ވައި ގޮޅީގައި ހިނގި އަލިފާނުގެ ހާދިސާގައި އަނދާފައިވާ އޭސީ އައުޓްޑޯ ޔުނިޓްތައް ނެގުމުގެ މަސައްކަތް ކުރަނީ.
ހިޔާ ޓަވަރު5ގެ ވައި ގޮޅީގައި ހިނގި އަލިފާނުގެ ހާދިސާގައި އަނދާފައިވާ އޭސީ އައުޓްޑޯ ޔުނިޓްތައް ނެގުމުގެ މަސައްކަތް ކުރަނީ.

ޑިޒާސްޓާ މެނޭޖްމަންޓްގެ އިމަަޖަންސީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ އަލިފާނުގެ އަސަރުކުރި 30 އެޕާޓްމަންޓެއްގެ 140 މީހަކަށް އެންޑީއެމްއޭ އިން އެހީތެރިކަން ފޯރުކޮށްދޭން ޖެހުނެވެ. އެމީހުން ފަސް ދުވަހުގެ ކެއުމާއި ހުރުމުގެ ހަރަދަށް އެކަނިވެސް 300،000ރ. ދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

"38 އެޕާޓްމަންޓަކަށް އަލިފާނުގައި އަސަރުކުރި. އެކަމަކު އޭގެ ތެރެއިން 8 އާއިލާއެއް ބޭނުމެއް ނުވޭ އެންޑީއެމްއޭގެ އެހީ. ބާކީ 30 އާއިލާގެ 140 މީހަކަށް އެ އެހީ ފޯރުކޮށްދޭން ޖެހުނު،" އޮފިޝަލް ވިދާޅުވި އެވެ.

މާބޮޑަށް އަލިފާންގަނޑު ނުފެތުރި ކޮންޓްރޯލް ކުރެވުނު ނަމަވެސް މިއީ 2019 ގައި ތިލަފުށީގެ ގުދަނެއްގައި ހިފި އަލިފާނުގެ ހާދިސާއަށް ފަހު، އެންމެ ގިނަ ބަޔަކު އަލިފާން ހިފި ތަނަކަށް އަސަރުކޮށްގެން އެހީ ފޯރުކޮށްދޭން ޖެހުނު ފަހަރެވެ. ތިލަފުށީގެ ބޮޑު އަލިފާނުގައި 800 އެއްހާ މީހުންގެ ބޯހިޔާވަހިކަން ގެއްލުނުއިރު ހިޔާގެ ވައިގޮޅީގައި ރޯވި އަލިފާނަށް ފަހު 140 މީހަކަށް އެހީ ފޯރުކޮށްދޭން ޖެހުނެވެ. 

ބޮޑު ހާދިސާއަކަށް ހިޔާ ސަރަހައްދު ތައްޔާރެއް ނޫން!

ރާއްޖޭގައި މިހާތަނަށް ހިންގުނު އެންމެ ބޮޑު ސޯޝަލް ހައުސިން ސްކީމުގެ ތެރެއިން ހިޔާގެ 16 ޓަވަރު ކައިރި ކައިރީގައި އިމާރާތްކޮށްފައި ވަނީ ކޮންމެ ޓަވަރެއް، 25 ބުރިއަށެވެ. އެ ޓަވަރުތަކުގެ ކޮންމެ ފްލޯއެއްގައި 20 ފްލެޓް ހުރެ އެވެ. އެއިން ކޮންމެ ޓަވަރެއްގައި 2000 އަށް ވުރެ ގިނަ ބަޔަކު އެބަ އުޅެ އެވެ. އެއީ ގިނަ ރަށްތަކުގެ އާބާދީއަށް ވުރެ ބޮޑު އަދަދެކެވެ. އެކަމަކު އެތަނުގައި ދިރިއުޅެން ފެށިއިރު ވެސް އިމަޖަންސީ ހާލަތަކަށް އެތަން އޮތީ ތައްޔާރަކަށް ނޫނެވެ. 

އޭގެ ފަސް އަހަރު ފަހެވެ؛ އަދިވެސް ހިޔާ ފްލެޓު ސަރަހައްދުގެ ހާލަތަކީ އެއީ އެވެ. އެ ސަރަހައްދު އޮތީ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފި ނަމަ، "ކޮންޓްރޯލް" ވާނެ ފަދަ ހާލަތެއްގައެއް ނޫނެވެ. 

ހިޔާ ޓަވަރު 5 ގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެ ޓަވަރުގައި އުޅޭ ބައެއް މީހުން އިމާރާތުން ބޭރަށް ނެރެފައި. -- ފޮޓޯ: މިހާރު
ހިޔާ ޓަވަރު 5 ގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެ ޓަވަރުގައި އުޅޭ ބައެއް މީހުން އިމާރާތުން ބޭރަށް ނެރެފައި. -- ފޮޓޯ: މިހާރު

ކަމާ ގުޅޭ މައުލޫމާތު އެނގިވަޑައިގަންނަވާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ބޮޑު އަލިފާނުގެ ހާދިސާއެެއް ހިނގައިފި ނަމަ، އެމީހުން އެތަނުން ސަލާމަތްކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ ކޮންމެ ސަރުކާރަކާ އެކު ހުޅުމާލޭގެ ޕްލޭނަށް ބަދަލުތައް އަންނަމުން ގޮސް އެންމެ ފަހުން އެތަނުގައި 25 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް ހެދީ ކަމަށެވެ. އެކަމަކު އެހާ އުސްކޮށް އިމާރާތް ކުރުމަކީ ހެދުނު ބޮޑު ގޯހެއް ކަމަށާއި އެއީ ވަރަށް ބޮޑު ރިސްކެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި އެޗްޑީސީގައި ވެސް އެފަދަ އުސް އިމާރާތްތަކެއް ބެލެހެއްޓުމުގެ ކެޕޭސިޓީއެއް ނެތެވެ. 

"ކޮންމެ ބަޔަކާ އެކު ހުޅުމާލޭ ޕްލޭން އެބަ ބަދަލުވޭ. 25 ބުރިއަށް އިމާރާތްކުރުމަކީ ހުޅުމާލޭގެ ޕްލޭނުގައި ވެސް އޮތް ކަމެއް ނޫން. އެކަމަކު ޕްލޭން ބަދަލުކޮށްލައިގެން ހިޔާ ފްލެޓުތައް އެޅިއިރު އަލިފާން ނިއްވާނެ ގޮތެއް ވެސް ނެތް،" ކަންބޮޑުވުން ފާޅުކުރި އޮފިޝަލް ވިދާޅުވި އެވެ. 

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ 25 ބުރީގެ ޓަވަރުތައް: މިތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ މީހުން ނެރޭނެ ގޮތުގެ ޕްލޭނެއް ހެދިފައި ނެތް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ 25 ބުރީގެ ޓަވަރުތައް: މިތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ މީހުން ނެރޭނެ ގޮތުގެ ޕްލޭނެއް ހެދިފައި ނެތް.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އަނެއް ކަންބޮޑުވުމެެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ކަރުދާހާއި އެކި ކަހަލަ ކުނިތައް ވައިގޮޅިއަށް އުކާ މައްސަލަ އެވެ. ފާހަނަ ތެރޭގައި ތިބެގެން ސިނގިރޭޓު ބޮއިފައި އޭގެ ފިލްޓަރު ވެސް ވައްޓާލަނީ ފާހާނައިގެ ކުޑަ ދޮރުން ވައިގޮޅި ތެރެއަށެވެ. ކުނި އަޅާފައި ފުރިފައި އޮންނަ އެތަނަށް މިކަހަލަ ސާމާނުތައް އުކުމުން ދެން އަލިފާނުގެ ނުރައްކާ އަނެއްކާ ބޮޑުވަނީ އެވެ. 

"އަލިފާނުގެ ޕްލޭނެއް ނެތް ތަނުގައި އަލިފާން ރޯވެއްޖެއްޔާ ސަލާމަތްކުރެވޭނެ ގޮތުގެ ޕްލޭނެއް ވެސް ނެތީ." 

އަލިފާން ރޯވެއްޖެ ނަމަ ސަލާމަތްކުރާނެ ޕްލޭނެއް ނެތް!

"މިހާރު"އަށް އެނގިފައިވާ ގޮތުގައި ހުޅުމާލޭގައި މީހުން އާބާދުވިތާ މިހާރު 25 އަކަށް އަހަރުވެފައިވާއިރު މިހާތަނަށް މުޅި ހުޅުމާލޭގެ އިމަޖަންސީ މެނޭޖްމަންޓް ޕްލޭނެއް ނުވަތަ ޑިޒާސްޓާ މެނޭޖްމަންޓް ޕްލޭނެއް އެޗްޑީސީން ހަދައިފައެއް ނެތެވެ. އެކަމަކު ޑިޒާސްޓާ މެނޭޖްމަންޓް ޕްލޭނެއް މިހާރު ހެދުމުގެ މަސައްކަތްކުރަމުންދާ ކަމަށްވެ އެވެ. 

އެހެންވެ، އެފަދަ ހާދިސާއެއް ހިނގުމުން ދެން އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެ ސިޓީގައި އަދި ނެތެވެ. 

ހިޔާ ޓަވަރު 5 ގައި ރޯވެ، ދުންތައް ވައިގޮޅިން ބޭރަށް ނިކުންނަނީ.
ހިޔާ ޓަވަރު 5 ގައި ރޯވެ، ދުންތައް ވައިގޮޅިން ބޭރަށް ނިކުންނަނީ.

އަލިފާނުގެ ހާދިސާއެއް ހުޅުމާލެއިން ރިޕޯޓުކޮށްފި ނަމަ، އެކަމަށް އެޓެންޑުވަނީ ހުޅުމާލޭގައި ފަޔާ އެންޑް ރެސްކް ސާވިސް އިންނެވެ. ބްރިޖުން ހުޅުމާލެއަށް އަރާ ސަރަހަައްދުގައި ހުންނަ އޮރެންޖް ހިޔާ ކައިރީގައި ފަޔާ އެންޑް ރެސްކް ސާވިސް ހިންގަމުން އަންނައިރު އެތަނުގައި ކޮންމެ ޝިފްޓެއްގައި މަސައްކަތްކުރަން ތިބެނީ 4-5 މުވައްޒަފުން ކަމަށްވެ އެވެ. ދެން ބޮޑު ކަމެއް ހިނގުމުން އިތުރު މުވައްޒަފުން މާލެއިން ގެންދެ އެވެ.

"25 އަކަށް މިނެޓަކީ ވަރަށް އިރު. އަލިފާނެއް ހެދި އެ އަލިފާންގަނޑު ރޯވެ ހެދި ބޮޑުވާނެ،"
އޮފިޝަލް 

ފަޔާ ސޭފްޓީގައި މަސައްކަތްކުރާ ބޭފުޅަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި މިފަހުން ހިނގި އަލިފާނުގެ ހާދިސާ ހިނގައިގެން ވެސް އެ ސަރަހައްދަށް ދިއުމަށް 25 އަކަށް މިނެޓު ހޭދަވި އެވެ. 

"ރެސްޕޮންޑް ކުރަން ވެސް މި ޖެހެނީ ހުޅުމާލެއަށް އަރާ ސަރަހައްދުގައި އިންނަ ސްޓެލްކޯ އިމާރާތް ކައިރީ އިންނަ ކަލާސީނު ކޮށިން ފޭސް 2 އަށް ވެސް ރެސްޕޮންޑް ކުރަނީ،"  

ހިޔާ ފްލެޓަށް މީހުން ބަދަލުވުމުގެ ކުރިން އެމްއެންޑީއެފުން ބޭއްވި ފަޔާ ޑްރިލްގެ ތެރެއިން. ކުއްލި ހާލަތުގައި މިތަނުން މީހުން ހުސް ނުކުރެވުމުގެ ބިރުވެރިކަން އެބަ އޮތް-- ފޮޓޯ: އެމްއެންޑީއެފް
ހިޔާ ފްލެޓަށް މީހުން ބަދަލުވުމުގެ ކުރިން އެމްއެންޑީއެފުން ބޭއްވި ފަޔާ ޑްރިލްގެ ތެރެއިން. ކުއްލި ހާލަތުގައި މިތަނުން މީހުން ހުސް ނުކުރެވުމުގެ ބިރުވެރިކަން އެބަ އޮތް-- ފޮޓޯ: އެމްއެންޑީއެފް

އޭނާ ވިދާޅުވި ގޮތުގައި އާންމުކޮށް އެ ސަރަހައްދުގައި ބާއްވާ އެކްސަސައިޒްތަކުގައި ވެސް އެސަރަަހައްދަށް ދިއުމަށް 20 އަކަށް މިނެޓް ހޭދަވެ އެވެ. އެއީ އެކްސަސައިޒަށް ތައްޔާރުވެ އޮންނައިރު ވެސް އެ ސަރަަހައްދަށް ދިއުމަށް ހޭދަވާ ވަގުތު ކަމަށާއި އެހެންވެ، އެކަމަށް ތައްޔާރު ނުވެ ތިއްބާ އެ ހިސާބަށް ދާން ޖެހިއްޖެ ނަމަ، ވަގުތު ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"25 އަކަށް މިނެޓަކީ ވަރަށް އިރު. އަލިފާނެއް ހެދި އެ އަލިފާންގަނޑު ރޯވެ ހެދި ބޮޑުވާނެ،"

ކަރުދާހާއި އެކި ކަހަލަ ކުނިބުނި ވެސް އަޅާފައި އޮތް ވައިގޮޅިއެއްގެ ތެރޭގައި އަލިފާން ރޯވެއްޖެ ނަމަ، އެ ފެތުރޭކަށް މާގިނަ އިރުތަކެއް ނުނަގާނެ އެވެ. 

އެހެންވެ، އެ ރިޕޯޓަކަށް އެޓެންޑްވުމަށް ނަގާ ވަގުތު އަވަސް ކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި އެކަން އަވަސްކުރުމަށް ވެސް ކުރެވިދާނެ ކަންތައްތަކެއް އެބަ ހުއްޓެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ސަރަހައްދަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އާބަން ޕްލޭން ކުރިއިރު ފަޔާ ސްޓޭޝަންތަކެއް ހެދުމަށް ޕްލޭން ވެސް ނެތި އެ ސަރަހައްދަށް މީހުން އާބާދުކުރުމެވެ.

ހިޔާގައި ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނައިރު އެ ސަރަހައްދުގައި މިފަހުން ކުންފުނިތަކުން ހަދާފައިވާ ފްލެޓުތަކުގައި ވެސް ގިނަ ބަޔަކު  އަންނަނީ ދިރިއުޅެމުންނެވެ. އަދި މި ފަހުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހެދި ފްލެޓުތަކަށް ވެސް އާއިލާތައް ބަދަލުވަމުން އަންނައިރު އެ ސަރަހައްދުގައި ފަޔާ ސްޓޭޝަނެއް ގާއިމުކޮށްފައެއް ނުވެ އެވެ. 

ހިޔާ ފްލެޓެއްގެ ބެލްކަނީގައި ރޯވެފައި: ސިނގިރޭޓު ބޮއިފައި އޭގެ ފިލްޓަރު އުކުމުން ހިނގާ އަލިފާނުގެ ހާދިސާތައް މި ސަރަހައްދުގައި ގިނަ.
ހިޔާ ފްލެޓެއްގެ ބެލްކަނީގައި ރޯވެފައި: ސިނގިރޭޓު ބޮއިފައި އޭގެ ފިލްޓަރު އުކުމުން ހިނގާ އަލިފާނުގެ ހާދިސާތައް މި ސަރަހައްދުގައި ގިނަ.

އެކަމަކު ފޭސް 2 ގެ ސްޓެލްކޯ ފްލެޓުތަކާ ކައިރިން ފަޔާ ސްޓޭޝަނެއް ހެދުމުގެ މަސައްކަތް އެބަ ކުރިއަށް ދެ އެވެ. އެތަނުގެ ސްޓްރަކްޗާގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާއިރު އެތަން ބޭނުންކުރަން ފެށުމުން، އަލިފާނުގެ ހާދިސާތަކަށް އިޖާބަދިނުމުގައި ހޭދަވާ ވަގުތު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އާބަން ޕްލޭނިންގައި ފަޔާ ސްޓޭޝަންސް އަދި ފަޔާ އެންޑް ރެސްކިއު ސާވިސްއަށް ބޭނުންވާ އިންފްރާސްޓުރަކްޗާ ގާއިމް ކުރުމަކަށް ވިސްނާފައެއް ނެތެވެ. މިސާލަކަށް ފަޔާ ހައިޑްރަންޓްސް އިން  ފަސޭހައިން ފެން ނެގޭނެ ގޮތެއް ނެތެވެ. 

"މިހާރު ސްޓްރަކްޗާގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައި އެހެރީ. ހުޅުމާލޭގެ މެއިން ފަޔާ ސްޓޭޝަން އެ ހަދަނީ. އެތަން ހެދީމަ ވާ އެއްޗަކީ އެތަން އިންނަނީ މީހުން އުޅޭ ސަރަހައްދުގެ މެދަކަށް. އޭރުން އަންނާނެ ރެސްޕޮންޑް ޓައިމަށް ވެސް ތަފާތެއް،" ފަޔާ އެންޑް ރެސްކިއު ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރި އޮފިޝަލް ވިދާޅުވި އެވެ.

ބޮޑު އާބާދީއެއް ހުޅުމާލޭގައި އުޅެމުން އަންނައިރު އެންމެ ފަޔާ ސްޓޭޝަނަކުން ހުޅުމާލެއަށް ނުފުދެ އެވެ. އޭގެ ބަދަލުގައި ސަބްސްޓޭޝަންތައް ވެސް އެތަނުގައި ހުންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ރެސްޕޮންސް ޓައިމް ކުޑަކުރާ ނަމަ، މެއިން ސްޓޭޝަނާ އެކު މަލްޓިޕްލް ސަބްސްޓޭޝަން ބޭނުންވާނެ،"

މޮޑާން ސްޓްރަކްޗާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ، 10 މިނެޓުގެ ތެރޭގައި ހުޅު ފަޅައިގެން ގޮސް ފެތުރެ އެވެ. އަދި ހިޔާ ފްލެޓުތަކަކީ އުސް ޓަވަރުތަކެއް ހުރި ސަރަހައްދެއް ކަމުން ވައި ޖެހޭ ގޮތް ވެސް ތަފާތުވެ އަލިފާން ފެތުރުމުގެ ފުރުސަތު އޮވެ އެވެ. 

ހުޅުމާލޭ 2 ގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތައް.- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހުޅުމާލޭ 2 ގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތައް.- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އޮފިޝަލް ވިދާޅުވީ ވައިގޮޅިއެއްގައި އަލިފާން ރޯވި ހާދިސާގައި ވެސް އެތަނުގައި އަލިފާން ރޯވެ އަނދަން ހުރި ހުރިހާ އެއްޗެއް އެނދި ކަމަށެވެ. އެހެންވެ، އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ އިތުރު ފަޔާ ލޯޑެއް ނެތިގެން ކަމަށް ވެދާނެ ކަމަށެވެ. 

"ކުރިން ދުވަހު އެތަނުން ދަމުން ބަލާލިން. އޭސީ ޔުނިޓާއި ޕީވީސީ ހޮޅިއާއި ދޮރުތަކާ މި ހުރިހާ އެއްޗެއް އަނދައިގެން ދިޔައީ. އެހެންވީމަ ދެން އިތުރަކަށް އަނދާނެ އެއްޗެއް ނުހުންނާނެ އެތަނުގައި. އިތުރު ފަޔާ ލޯޑެއް ނުހުންނާނެ،"

އޭނާ ވިދާޅުވީ ކޮމާޝަލް ބޭނުންތަކަށް ހިޔާ ފްލެޓު ސަރަހައްދުން ތަންތަން ދޫކުރާއިރު ފަޔާ އެންޑް ރެސްކިއުއަށް ޖާގައެއް ދެވިދާނެ ކަމަށެވެ. އޭރުން އެތަނުގައި ވެހިކަލެއް ނުވަތަ ފަޔާ ފައިޓަރުން ތިބޭ ނަމަ، ރެސްޕޮންޑް ކުރެވޭލެއް އަވަސްވާނެ ކަމަށެވެ. 

މިއީ މީހުން އާބާދުވުމުގެ ކުރިން ކުރަންޖެހޭ ކަންކަން. އެކަމަކު މިހާރު ވެސް ކުރެވިދާނެ ކަންކަން އެހެރީ ހަމަ. ކީއްވެގެން ހެއްޔޭ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ފަޔާ ފައިޓަރުން އަދި އެސެޓްސް ޕްރީޕޮޒިޝަން ކޮށްފައި ބަހައްޓާނެ ޖާގައެެއް އޭގެން އިމާރާތަކުން ނުދެވެންވީ. އެ ސެޓަޕް ހެދޭނެ
އޮފިޝަލް ވިދާޅުވި 

އިމާރާތެއް އަޅާއިރު ފަޔާ ސޭފްޓީއަށް ވިސްނައި އެތައް ލޭޔާއެއް ލަ އެވެ. އޭގެ ބޭނުމަކީ އޮފިޝަލް ވިދާޅުވި ގޮތުގައި އެއް ލޭޔާ ފެއިލްވިޔަސް ދެން އިންނަ ލޭޔާއަކުން އެ ސަލާމަތްތެރިކަން ހޯދުމެވެ.

އަލިފާނުގެ ހާދިސާއަކަށް އެތަން ތައްޔާރުނުވެ އޮތްކަން ހާމަވާ އަނެއް ސަބަބަކީ މުޅި ޓަވަރުން އެ ރޭ މީހުން ހުސްކުރިއިރު ބަލިވެ އުނދުމަތިވެފައި ތިބި މީހުން 20 ވަނަ ފްލޯ އިން ބޭލުމަށް ކުރަން ޖެހުނު މަސައްކަތެވެ. 

"ވަރަށް ފަހުން ސާޖަރީއެއް ހަދާފައި ހުރި މީހެއް، އޭނާ ބާލަން ޖެހުނީ ދެ މީހުން ދެ އަތުގައި ހިފައިގެން އުފުއްލައިގެން،" 

ހުޅުމާލޭ ފޭސް 2 ގައި އިމާރާތްކުރަމުން އަންނަ ފަޔާ ސްޓޭޝަން: އެތަނުގެ މަސައްކަތް ނިމުމުން އަލިފާނުގެ ހާދިސާތަކަށް އިޖާބަދެވޭ މިންވަރު އަވަސްވާނެ. -- ފޮޓޯ: ކިޔުންތެރިއެއް
ހުޅުމާލޭ ފޭސް 2 ގައި އިމާރާތްކުރަމުން އަންނަ ފަޔާ ސްޓޭޝަން: އެތަނުގެ މަސައްކަތް ނިމުމުން އަލިފާނުގެ ހާދިސާތަކަށް އިޖާބަދެވޭ މިންވަރު އަވަސްވާނެ. -- ފޮޓޯ: ކިޔުންތެރިއެއް

އެކަމަކު އިމާރާތުން މީހުން ނެރެ ހުސްކުރަން ޖެހިއްޖެ ނަމަ، އެކަމަށް ބޭނުންވާ ހާއްސަ އާލާތްތައް ވެސް ހުރެ އެވެ. އެކަމަކު އެހާ އުސް އިމާރާތަކުން މީހުން ބާލަން ޖެހިދާނެ ކަމަށް ބަލައި ވެސް އެކަމަށް ތައްޔާރުވެފައި ނެތްކަމަށް މަންޒަރު ދުށް ބައެއް މީހުން ބުންޏެެވެ. 

އަލިފާނުގެ ހާދިސާތަކުން ދުރާލާ ރައްކާތެރިވުމަށް ފަޔާ ޑިޓެކްޝަން ސިސްޓަމް ހިޔާ ފްލެޓްގައި ވެސް ހަރުކޮށްފައި އެބަހުއްޓެވެ. އެ ސިސްޓަމުން ސައިރަން އަޅަން ފެށުމުން އިމާރާތް ހުސްކުރަންޖެހޭކަން އަންގައިދޭނެ އެވެ. އެކަމަކު މި ސިސްޓަމްތަކަށް ބޭނުންވާ މެއިންޓެނަންސް އެންމެ ރަނގަޅަށް ނުކުރެވޭ ކަމަށްވެ އެވެ.

އެންމެ މުހިއްމީ މީހުން ހޭލުންތެރިކުރުން!

ހިޔާގައި އަލިފާނުގެ ހާދިސާއެއް ހިނގިޔަސް މުޅި ތަނަށް އަލިފާންގަނޑު ފެތުރުމުގެ ފުރުސަތު ކުޑަ އެވެ. އެތަނަކީ ކޮންކްރީޓް ސްޓްރަކްޗާއަކަށްވެފައި ފްލެޓެއްގައި އަލިފާން ރޯވެއްޖެ ނަމަ އެތަނުގެ ދޮރު ލެއްޕުމުން، އަލިފާންގަނޑު ބޭރަށް ނުގޮސް އެތަނުގެ އެތެރޭގައި ހިފަހައްޓާލެވޭނެ އެވެ. ކޮންމެ ފްލެޓެއްގެ މައި ދޮރަކީ ފަޔާ ދޮރެކެވެ. 

އަލިފާނުގެ ހާދިސާތަކާ ގުޅޭ ތަޖުރިބާ ހުންނެވި އޮފިޝަލް ވިދާޅުވީ އިމަޖަންސީ ހާލަތުގައި ނިކުތުމަށް ހިޔާގެ ކޮންމެ ޓަވަރެއްގެ ދެކޮޅުގައި ދެ ދޮރު ހުންނައިރު އެ ދޮރު ވެސް ޑިޒައިންކޮށްފައި ހުންނަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ އަސަރުނުކުރާ ގޮތަށް ކަމަށެވެ. 

އަލިފާނުގެ ހާދިސާއެއް ހިނގިޔަސް އެ ދޮރު ލެއްޕުން އަލިފާނުގެ އަސަރު ނުކުރާ ގޮތަށް ޑިޒައިންކޮށްފައިވާ ދޮރުތަކެއް ހިޔާ ފްލެޓުގައި ހަރުކޮށްފައި ހުއްޓަސް އެކަން އެނގެނީ މަދު ބަޔަކަށެވެ. އެތަނުގައި އެކަން އަންގައިދޭނެ ލޭބަލެއް ނުވަތަ ނިޝާނެއް ވެސް ނެތުމުން، ފްލެޓުގައި އުޅޭ މީހުންނަށް ވެސް އެ ދޮރުތަކުން ލިބޭ ރައްކާތެރިކަން އެނގިފައެއް ނެތެވެ. 

"އެތަނުގައި ވެސް ހުންނާނެ ލެއްޕެން ޖެހޭ ދޮރުތަކެއް. އެ ދޮރުތައް އާންމުކޮށް މި ހުންނަނީ ގާގަނޑެއް ޖައްސައިފަ އާއި އައްސާފަ ހުޅުވާލާފައި. އެހެންވީމަ މި ބުނަނީ އިމާރާތެއްގައި ހުންނަ ފަޔާ ސޭފްޓީ ކަންކަން. މިސާލަކަށް އެ ދޮރަކީ ބަންދުކޮށްފައި ހުންނަން ޖެހޭ އެއްޗެއް، އެކަމަކު އޭގައި ނެތް އިމާރާތް ނިމުނުއިރު ވެސް ލޭބަލްކޮށްފައި އެގޮތަށް،" އޮފިޝަލް ކިޔައިދިނެވެ.

ހުޅުމާލެ 2: ހިޔާ ފްލެޓުތައް ކައިރީ އޮންނަ ބީޗު ސަރަހައްދުގައި ބަޔަކު މަޑުކޮށްލައިގެން.-- މިހާރު ފައިލް
ހުޅުމާލެ 2: ހިޔާ ފްލެޓުތައް ކައިރީ އޮންނަ ބީޗު ސަރަހައްދުގައި ބަޔަކު މަޑުކޮށްލައިގެން.-- މިހާރު ފައިލް

އެތަނުގައި ދިރިއުޅޭ މީހުންނަށް އަންގައިދޭން ޖެހޭ މައުލޫމާތުތައް ރަނގަޅަށް ނުފޯރުކޮށްދިނުމުން ވެސް ހާދިސާތަކުން ސަލާމަތްވުމަށް ހަދާނެ ގޮތް ނޭނގި އޮވެ އެވެ. ޓެނެންޓް ގައިޑްލައިނުގެ ނަމުގައި ލިޔުމެއް އާންމުން އަތަށް ދިނަސް އޭގައި އޮންނަ އެއްޗެއް ގިނަ ފަހަރަށް އެކަކު ވެސް ނުކިޔަ އެވެ. އެހެންވެ، ލޭބަލެއް ހަރުކޮށްގެން އެފަދަ މައުލޫމާތުތައް ލޮލަށް ފަސޭހައިން ފެންނަ ހިސާބުގައި ހަރުކޮށްފައި ވެސް ބަހައްޓަން އެބަ ޖެހެ އެވެ. 

"ހަމަ ނޯމަލްކޮށް ގެއެއްގައި އުޅެފައި މި އަންނަނީ ކޮމަން ލިވިން މާހައުލަކަށް. ލައިފްސްޓައިލް ޗޭންޖެއް މި އަންނަނީ. އެހެންވެ މީހުން ހޭލުންތެރިކުރަންޖެހޭ." 

އަނެއް ކަމަކީ ހިޔާ ފްލެޓަށް މީހުން ބަދަލުވިއިރުން ފެށިގެން އޮތް ޝަކުވާ އެކެވެ. ބެލްކަނީގައި ތިބެގެން ސިނގިރޭޓު ބުއިމަށް ފަހު ފިލްޓަރު ބިންމައްޗަށް އެއްލާލުމުން، "ވައިގައި އެނބުރެމުން" ގޮސް އެ ފިލްޓަރު ވެއްޓެނީ ކޮންމެވެސް ގެއެއްގެ ބެލްކަންޏަށެވެ. ބައެެއް ފަހަރަށް ހިއްކަން އަޅާފައި އޮންނަ ހެދުމުގައި ޖެހި ރޯވެ އަލިފާނުގެ ހާދިސާތައް އެބަ ހިނގަ އެވެ. 

އެހެންވެ، މި ކުރެވޭ ކަމަކާ މެދު އަމިއްލައަށް ވިސްނާލަން ޖެހެ އެވެ. ތިމާގެ ސަބަބުން އެތައް ބައެއްގެ ފުރާނަ އާއި މުދަލަށް ގެއްލުން ލިބިދާނެ ކަމަށް ވިސްނައި ހޭލުންތެރިވާން ޖެހެ އެވެ. އަލިފާނުގެ ހާދިސާއެއްގައި ބޮޑު ގެއްލުމެއް ނުލިބެނީސް އިސްލާހުވާން ޖެހޭއިރު ކަމާ ގުޅޭ އިދާރާތަކުން ވެސް އެކަމަށް ބޮޑު ސަމާލުކަމެއް ދޭން މަޖުބޫރުވެއްޖެ އެވެ.

ހިޔާގައި މި ފަހުން ހިނގި އަލިފާނުގެ ހާދިސާއަކީ ނުރައްކަލުގެ ރަނގަބީލެކެވެ.