މިދިޔަ ހުކުރު ދުވަހުގެ އިރުއޮއްސުނު ވަގުތު ހިޔާގެ 5 ވަނަ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު 30 އެޕާޓްމަންޓެއްގެ 140 މީހަކަށް ވަގުތީ އެހީ ފޯރުކޮށްދިން ކަމަށާއި އެކަމަށް ގާތްގަނޑަކަށް ތިން ލައްކަ ރުފިޔާ ހޭދަވި ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ. 

އެންޑީއެމްއޭގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، އަލިފާނުގައި 38 އެޕާޓްމަންޓަކަށް ގެއްލުންވި ކަމަށެވެ. އެކަމަކު އޭގެ ތެރެއިން އަށް އެޕާޓްމަންޓަކުން އެންޑީއެމްއޭގެ އެހީތެރިކަން ބޭނުން ނުވާ ކަމަށް ބުނެފައިވާ ކަމަށް ވިދާޅުވި އެވެ. 

އޮފިޝަލް ވިދާޅުވި ގޮތުގައި އެހެންވެ، އެހީތެރިކަން ފޯރުކޮށްދިނީ 30 އެޕާޓްމަންޓެއްގައި ދިރިއުޅޭ މީހުންނަށެވެ. އެ ތަނުގެ 140 މީހަކަށް އެހީ ފޯރުކޮށްދިން ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

ފަސް ދުވަހަށް އެ މީހުންގެ ކެއުމާއި ބޯހިޔާވަހިކަން ހަމަޖެއްސުމަށް 300،000ރ. ދީފައިވާ ކަމަށް ވިދާޅުވި އެވެ. 

މި އަލިފާނުގެ ހާދިސާއަކީ 2019 ގައި ތިލަފުށީ ގުދަނެއްގައި ރޯވި އަލިފާނުގެ ހާދިސާއަށް ފަހު އެންމެ ގިނަ ބަޔަކަށް ވަގުތީ ބޯހިޔާވަހިކަން ދޭން ޖެހުނު ފަހަރު ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ.

އެ ހާދިސާގައި 38 ފްލެޓެއްގެ ނަރުދަމާ ހޮޅިތަކަށް ގެއްލުންވެ، 34 އައުޓްޑޯ ޔުނިޓް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. އަދި ވައިގޮޅިއާ ދިމާލުން ހުރި ކުޑަދޮރުތައް ވެސް އެއްކޮށް ވަނީ ހަލާކުވެފަ އެވެ. 

 އެތަނުގެ މަރާމާތުގެ މަސައްކަތް އެޗްޑީސީން މިހާރު އަންނަނީ ކުރަމުންނެވެ.