ރ. އުނގޫފާރާއި އެ އަތޮޅު ދުވާފަރާ ދެމެދު ހާއްސަ ފެރީއެއް ބާއްވަން ނިންމައިފި އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ އެ ދެ ރަށަށް ހާއްސަކޮށްގެން މާދަމާ ފެރީ ފަށަނީ، އެ އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅެއްގައި އެކަމަށް ރަށުގެ އާއްމުން އެދުމުން ކަމަށެވެ.
އެ ހިދުމަތުގެ ސަބަބުން، ދުވާފަރާއި އުނގޫފާރު މީހުންނަށް ފަސޭހަކަމާ އެކު ދަތުރުކުރެވޭނެ މަގު ތަނަވަސްވެ، ވަގުތާއި ހަރަދު ސަލާމަތްވާނެ ކަމަށް ބުންޏެވެ.
އެ އަތޮޅުގައި މިހާރު ވެސް އާރުޓީއެލް ފެރީގެ ހިދުމަތް ދެ އެވެ. މިއީ، އޭގެ އިތުރަށް ތައާރަފްކުރި ހާއްސަ ދަތުރެކެވެ.
މިނިސްޓްރީން ބުނީ އާ އިންތިޒާމުގެ ދަށުން، ކޮންމެ ދުވަހަކު ވެސް އުނގޫފާރާއި ދުވާފަރާ ދެމެދު ތިން ދަތުރު ކުރާނެ ކަމަށެވެ. އެއީ ހެނދުނާއި މެންދުރު އަދި ހަވީރެވެ.
ސްޕީޑް ފެރީގައި އެ ދެ ރަށް ދޭތެރޭ 10 މިނެޓުން ދަތުރުކުރެވެ އެވެ.
"މީގެ ހަގީގީ މަންފާ މުޅި ރ. އަތޮޅުގެ އިގްތިސާދަށް ކުރާނެ. އަތޮޅުގެ މައި ދެ މަރުކަޒެއް މިފަދަ ގާތް ގުޅުމަކުން ގުޅާލުމަކީ މުޅި އަތޮޅުގެ ވިޔަފާރި އާއި ސިއްހީ ހިދުމަތް ހޯދުމާއި އަދި އެހެނިހެން ހިދުމަތްތައް ހޯދުމުގައި މުޅި އަތޮޅަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް،" މިނިސްޓްރީން ބުންޏެވެ.
އުނގޫފާރުގައި ރީޖަނަލް ހޮސްޕިޓަލް ހުރުމާއި އަތޮޅު ވެރިކަންކުރާ ރަށަށް ވުމުން ގިނަ ހިދުމަތްތައް ހޯދަން ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ދަތުރުކުރެ އެވެ.
މިނިސްޓްރީން ބުނީ އެއީ ހިދުމަތް ހޯދާ މީހުންނަށް ލިބޭނެ ތަސައްލީއެއް ކަމަށެވެ.
ސަރުކާރުގެ އެ ނިންމުމަކީ ރަށްތައް ދަތުރުފަތުރުގެ އެކި ނިޒާމުތަކުން ގުޅާލައި އާއްމުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދޭން ކުރެވުނު ވަރަށް މުހިންމު މަސައްކަތެއް ކަމަށް ވެސް ބުންޏެވެ.