އައްޑު އަށް ބޭނުންވާ އުމްރާނީ ތަރައްގީގެ ބޮޑު ބައެއް މިދިޔަ ސަރުކާރުން ފުރިހަމަ ކޮށްދީފައިވާ ކަމަށާއި ދެން ބޭނުންވަނީ އެ ސިޓީގެ ތެރޭގައި އިގުތިސާދެއް އުފައްދައި ފައިސާ ލިބޭނެ ގޮތްތަކެއް ކަމަށް ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ނާޒިލް ރޭ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި އައްޑޫ ސިޓީ ކައުންސިލްތަކުގެ ގޮނޑިތަކަށް ވާދަކުރާ ކެންޑިޑޭޓުން ކެމްޕެއިން އިފުތިތާހު ކުރަން ބޭއްވި ޖަލްސާގަ އެވެ.
ނާޒިލް ވިދާޅުވީ، އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގެ ދުވަސްވަރު "ޖަހާފައިވާ ކަޑަތައް" އަދިވެސް ހުރީ އެ ގޮތަށް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި "ޖީބަށް އެއްޗެއް ލިބޭނެ ގޮތެއް" ސަރުކާރުން ހަމަޖައްސައި ނުދޭނެ އެވެ.
"އަޅުގަނޑަކަށް ނުފެނޭ އެ މަންޒަރެއް. އެހެންވީމާ އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުމެން ހިނގާށޭ މި ކެންޑިޑޭޓުންނަށް ވޯޓުދީ، ކުރިއަށް ހުރި އިންތިހާބުތަކަށް އަޅުގަނޑުމެންނަށް ކުރެވޭނެ މަސައްކަތުގެ އެންމެ މުހިންމު އެއް ކަމަކީ މިއަދު މި ކައުންސިލްތަކާއި ޑަބްލިއުޑީސީތައް ހޮވައި، މި ބޭފުޅުން ބޭނުންވާ ހިސާބަށް ގެންގޮސްދިނުން،" އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުގެ މަގާމު ވެސް ފުރުއްވާ ނާޒިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އައްޑު އަށް ސަރުކާރުން ކަމެއް ކޮށްދީފައި އޮތް ނަމަ އެ ކަމެއް ކޮށްދިނީ އެމްޑީޕީން ވެރިކަންކުރި ފަހަރުތަކުގައި ކަމަށެވެ.
ނާޒިލް ވިދާޅުވި ގޮތުގައި 2018 އިން 2023 އަށް އޮތް އެމްޑީޕީ އަށް "މަސައްކަތެއް ކޮށްލަން" ލިބުނީ އެންމެ ތިން އަހަރެވެ. އެ ތިން އަހަރުގެ މުއްދަތުގައި އައްޑު އަށް އެ ސަރުކާރުން ކޮށްދިން ކަންކަމަށް އެ ސިޓީގެ ރައްޔިތުން ހެކިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވީ، އެ ޕާޓީން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނާ ގާތުން ކަމަށެވެ.