ރައީސް ޑރ. މުހައްމަދު މުއިއްޒު، ރަސްމީ ދަތުރުފުޅެއްގައި ޖަރުމަނަށް މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ އެ ގައުމުގެ ރައީސް ފްރޭންކް-ވޯލްޓާ ސްޓައިންމަޔާގެ ދައުވަތަކަށް، މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

މި ދަތުރުފުޅުގައި ބާލިންގައި ހުންނަ ހަމްބޮލްޓް ޔުނިވާސިޓީގައި "މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ" ނަމުގައި އެ ޔުނިވާސިޓީގައި ތަގުރީރު ކުރައްވާނެ އެވެ. އަދި ޖަރުމަނު ކައުންސިލް ފޯ ފޮރިން ރިލޭޝަނަށް ވެސް ރައީސް ޒިޔާރަތްކުރައްވައި ތަގުރީރުކުރައްވާނެ އެވެ.

ރައީސް މުއިއްޒުގެ އަރިހުގައި ދިވެހި ސަރުކާރުގެ އިސްވެރިންނާއި ވިޔަފާރިވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި ޖަރުމަނުގައި ބިޒްނަސް ފޯރަމެއް ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ.

ބިޒްނަސް ފޯރަމުގައި ދެ ގައުމުގެ ވިޔަފާރިވެރިން ބައިވެރިވެވަޑައިގެން، ރާއްޖޭގައި ވިޔަފާރި އާއި އިންވެސްޓްމަންޓްތަކަށް ހުރި ފުރުސަތުތަކުގެ ތަފްސީލު މައުލޫމާތު ދޭނެ އެވެ. 

ރައީސްގެ މި ދަތުރުފުޅު ދިމާވަނީ ރާއްޖެ އާއި ޖަރުމަނުން ހާރިޖީ ގުޅުން ގާއިމްކުރިތާ 60 އަހަރު ފުރޭ މުނާސަބަތަށެވެ. ދެ ގައުމު ގުޅުން ގާއިމްކުރީ ޖުލައި 5، 1966 ގަ އެވެ.