ޖަރުމަނުގެ ރައީސް ފްރޭންކް-ވޯލްޓާ ޝްޓައިންމަޔާގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނަށާއި ރާއްޖޭގެ ވަފުދުގެ ބޭފުޅުންނަށް ރަސްމީކޮށް މިއަދު މަރުހަބާ ދަންނަވައިފި އެވެ. 

އެ ރަސްމިއްޔާތު ބޭއްވީ ޖަރުމަނުގެ ރިޔާސީ ގަނޑުވަރު، ޝްލޮސް ބެލްވޫގަ އެވެ.

ރައީސް އޮފީހުން ބުނީ އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި ރައީސް ޝްޓައިންމަޔާ ވަނީ އެ ދެބޭފުޅުންގެ ޝަރަފުގައި އޮތް ޝަރަފުގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފައި ކަމަށެވެ.

އެއަށް ފަހު ދެ ގައުމުގެ ވަފުދުގެ ބޭފުޅުން ތައާރަފުކޮށްދެއްވައި، މެހުމާނުން ސޮއިކުރައްވާ ފޮތުގައި ރައީސް މުއިއްޒު ސޮއިކުރެއްވި ކަމަށާއި އެ ރަސްމިއްޔާތުގައި ދެ ރައީސުން އެކުގައި ހަނދާނީ ފޮޓޯފުޅެއް ނެންގެވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޖަރުމަނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅު ދިމާވަނީ ރާއްޖެ އާއި ޖަރުމަނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ އެވެ. 

ޖަރުމަނަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ ވިޔަފާރިވެރިންނާ އެކު ބޭއްވި "މޯލްޑިވްސް–ޖާމަނީ ބިޒްނަސް ރައުންޑްޓޭބަލް"ގައި ވެސް ރައީސް މިއަދު ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ރަސްމީ ރިޒާވް ތާރީހީ މިންވަރަކަށް އިތުރުވެފައިވާކަން ފާހަގަކުރައްވައި، އިންވެސްޓަރުންގެ އިތުބާރު ބޮޑުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ރާއްޖޭގެ މާލީ ނިޒާމުގައި ބޭރު ފައިސާ ދައުރުވާ މިންވަރު މިހާރު ރަނގަޅުވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.