ދެ ގައުމުގެ ގުޅުން ވަރުގަދަކުރުމަށް ޖަރުމަނުގެ ސަރުކާރާ އެކު ދިވެހި ސަރުކާރުން މިއަދު މަޝްވަރާކޮށްފި އެވެ. 

ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޖަރުމަނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ދެ ގައުމުގެ ރަސްމީ މަޝްވަރާތައް މިއަދު ބާއްވަވާފައިވާ ކަމަށެވެ. 

ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު ޖަރުމަނުގެ ރައީސްގެ ރަސްމީ ގެކޮޅު، ޝްލޮސް ބެލެވޫގަ އެވެ.

ރައީސް އޮފީހުން ބުނީ އެ މަޝްވަރާތަކުގައި އިސްކޮށް ތިއްބެވީ ރައީސް މުއިއްޒާއި ޖަރުމަނުގެ ރައީސް ފްރޭންކް-ވޯލްޓާ ޝްޓައިންމަޔާ ކަމަށެވެ. އެ ބައްދަލުކުރެއްވުމުގައި ރާއްޖެ އާއި ޖަރުމަނު ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

އެ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ ދެ ގައުމުގެ ދޭދޭ ގުޅުމާއި ބައިނަލްއަގުވާމީ މައިދާނުގައި އެކުގައި މަސައްކަތްކުރުން އިތުރުކުރުމާއި މަތީ ފެންވަރުގެ އެހެން މަޝްވަރާތަކާއި ރަސްމީ އެއްބަސްވުންތަކުގެ ޒަރީއާ އިން ދެ ފަރާތަށް ވެސް ފައިދާހުރި ގުޅުންތައް ފުޅާކުރުމާ ބެހޭ ގޮތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޖަރުމަނުގެ ރައީސް ފްރޭންކް-ވޯލްޓާ ޝްޓައިންމަޔާ ރަސްމީ ގެކޮޅުގައި ބައްދަލުކުރެއްވުން: ދެ ގައުމުގެ ގުޅުން ވަރުގަދަކުރުމަށް ދެ ބޭފުޅުން މަޝްވަރާކުރެއްވި.-- ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޖަރުމަނުގެ ރައީސް ފްރޭންކް-ވޯލްޓާ ޝްޓައިންމަޔާ ރަސްމީ ގެކޮޅުގައި ބައްދަލުކުރެއްވުން: ދެ ގައުމުގެ ގުޅުން ވަރުގަދަކުރުމަށް ދެ ބޭފުޅުން މަޝްވަރާކުރެއްވި.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޖަރުމަނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅު ދިމާވަނީ ރާއްޖެ އާއި ޖަރުމަނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ކަމަށެވެ. 

ޖަރުމަނަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ ވިޔަފާރިވެރިންނާ އެކު ބޭއްވި "މޯލްޑިވްސް–ޖާމަނީ ބިޒްނަސް ރައުންޑްޓޭބަލް"ގައި ވެސް ރައީސް މިއަދު ބައިވެރިވެވަޑައިގެންނެވި އެވެ.