ރާއްޖޭގެ ރަސްމީ ރިޒާވް ތާރީހީ މިންވަރަކަށް މަައްޗަށް ގޮސް ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ބޮޑުވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ޖަރުމަނަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ވިޔަފާރިވެރިންނާ އެކު ބޭއްވި "މޯލްޑިވްސް–ޖާމަނީ ބިޒްނަސް ރައުންޑްޓޭބަލް"ގައި މިއަދު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ރައީސް އޮފީހުން ބުނީ ވެރިރަށް ބާލިންގައި ބޭއްވި އެ ބައްދަލުވުމުގައި، ރައީސަށް މަރުހަބާ ވިދާޅުވީ ޖަރުމަނުގެ ޗޭމްބާސް އޮފް އިންޑަސްޓްރީ އެންޑް ކޮމާސްގެ ހެޑް އޮފް ފޮރިން ޓްރޭޑް، ޑރ. ވޮލްކާ ޓްރެޔާ އަދި ޑާމަލޮގް އައިޑެންޓިފިކޭޝަން ސިސްޓަމްސްގެ ސީއީއޯ ގަންތާ މުލް އެވެ.
އެ ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ "ވިޝަން 2040"އަށް އަލިއަޅުއްވާލެއްވި ކަމަށާއި އޭގެ ތެރޭގައި އިގްތިސާދު ވަރުގަދަކުރުމާއި މާލީ ނިޒާމްތައް ޒަމާނީކުރުން އަދި ސަރުކާރުގެ ހިދުމަތްތައް ޑިޖިޓަލްކުރުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ ރާއްޖޭގެ ރަސްމީ ރިޒާވް ތާރީހީ މިންވަރަކަށް އިތުރުވެފައިވާކަން ފާހަގަކުރައްވައި، އިންވެސްޓަރުންގެ އިތުބާރު ބޮޑުވެފައިވާ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ. އަދި ރާއްޖޭގެ މާލީ ނިޒާމުގައި ބޭރު ފައިސާ ދައުރުވާ މިންވަރު މިހާރު ރަނގަޅުވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ރައީސް މިދިޔަ ހަފުތާގައި އިއްވެވި މި އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި، ރާއްޖޭގެ ތާރީހުގައި ވެސް ދައުލަތުގެ ރިޒާވް އެންމެ ބޮޑަށް އުފުލި މިވަގުތު 1.1 ބިލިއަން ޑޮލަރު އެބަހުއްޓެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ބަޖެޓް ޑެފިސިޓް ކުޑަކުރުމުގައި ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކުރައްވައި، އިންވެސްޓަރުންގެ އިތުބާރު ބޮޑުވެފައިވާ ކަމަށާއި ގޫގުލް ފަދަ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން ރާއްޖޭގެ ޑިޖިޓަލް ގުޅުންތައް ވަރުގަދަކުރުމަށް އިންވެސްޓްކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ދުނިޔޭގެ ވިޔަފާރީގެ މާހައުލު ބައްޓަންކުރުމާއި ދެމެހެއްޓެނިވި ކުރިއެރުން ހޯދުމުގައި މުހިންމު ދައުރެއް އަދާކުރާ ޖަރުމަނުގެ ވިޔަފާރިވެރިންނާ ބައްދަލުވުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހަކަތަ ބަދަލުކުރުން ނުވަތަ އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމުގެ މަސައްކަތަކީ ވެސް އާ އީޖާދުތަކަށް ބޭނުންވެފައިވާ ދާއިރާއެއް ކަމަށާއި "ޕްރޮޖެކްޓް ސޯލާ ސިޓީ" ކަހަލަ މަޝްރޫއުތަކަކީ ހަމައެކަނި ކާބަން މަދުކުރުމަށް ހިންގާ މަޝްރޫއުތަކެއް ނޫން ކަމަށެވެ. އެއީ ރާއްޖެ ކަހަލަ ޖަޒީރާ ގައުމުތަކަށް އެންމެ އެކަށޭނަ، އަގުހެޔޮ އަދި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް ކުރެވޭ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ޓޫރިޒަމްގެ ދާއިރާ ކުރިއެރުވުމުގައި ޖަރުމަނުގެ އިންވެސްޓަރުންނާއި ޓުއާ އޮޕަރޭޓަރުންނާއި މާލީ އިދާރާތަކުން އަދާކުރާ މުހިންމު ދައުރު ވެސް ރައީސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޖަރުމަނަކީ މިވަގުތު ރާއްޖެއަށް ފަސްވަނަ އެންމެ ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ ގައުމެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިޔާ"ގެ ގޮތުގައި ފާހަގަކުރާ އަހަރެއް ކަމަށާއި ޖަރުމަނުގެ އިންވެސްޓަރުންނަށް އެ ފުރުސަތުގައި ބައިވެރިވުމަށް ދައުވަތު ދެއްވާ ކަމަށެވެ. މީގެ އިތުރުން، މިހާރު ސަރުކާރުން ނ. އަތޮޅުގައި ފަށާފައިވާ "ޕްރޮޖެކްޓް އައިލާ" ކަހަލަ ދެމެހެއްޓެނިވި ޓައުންޝިޕް މަޝްރޫއުތަކުގައި ބައިވެރިވުމަށް ވެސް އެމަނިކުފާނު ޖަރުމަނުގެ ވިޔަފާރިވެރިންނަށް ދައުވަތު ދެއްވި އެވެ.
ސިއްހީ ދާއިރާ ފުޅާކޮށް ޒަމާނީކުރުމާއި ރާއްޖެއިން ބޭރަށް ފަރުވާއަށް ދާންޖެހޭ މިންވަރު މަދުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ޖަރުމަނުގެ ތަޖުރިބާކާރުންގެ އެހީތެރިކަން މުހިންމު ކަމަށާއި ބޭންކިން އަދި މާލީ ދާއިރާއަކީ ވެސް އިންވެސްޓްކުރުމަށް ރަނގަޅު ފުރުސަތުތަކެއް އޮތް ދާއިރާއެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖެއިން މަސައްކަތް ކުރަނީ ދެފުށް ފެންނަ، އިތުބާރު ހުރި ވިޔަފާރިގެ މާހައުލެއް ގާއިމުކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޖަރުމަނަކީ ރާއްޖޭގެ ތަރައްގީގައި "ނެޗުރަލް" ޕާޓްނަރެއް ކަމަށެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، އެ ރައުންޑްޓޭބަލްގައި "އިންވެސްޓް މޯލްޑިވްސް" އިން ރާއްޖޭގެ އިންވެސްޓްމަންޓް މާހައުލާ ބެހޭ މައުލޫމާތު ދީފައިވެ އެވެ. ޓޫރިޒަމާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީން އެ ދާއިރާގެ މަޝްރޫއުތަކާ ބެހޭ ޕްރެޒެންޓޭޝަނެއް ވެސް ހުށަހެޅި އެވެ.
އެ ބައްދަލުވުން ނިންމާލީ، ރާއްޖެ އިޝްތިހާރުކުރުމަށް ވިޒިޓް މޯލްޑިވްސް އާއި ޖަރުމަނުގެ މަޝްހޫރު ޓްރެވަލް އެންޑް ޓޫރިޒަމް ގްރޫޕް، ޑާޓުއާއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރުމަށް ފަހުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.