ރައީސް ޑރ. މުހައްމަދު މުއިއްޒު ޖަރުމަނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ޖަރުމަނުގައި ދިރިއުޅޭ ދިވެހިންނާ އެކު ރައީސް ބޭއްވެވި ބައްދަލުވުމުގައި، ބޭރު ގައުމުތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަކީ އެމަނިކުފާނު ހާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށް ރައީސް ވިދާޅުވެ، ހެޔޮއެދުންތައް އަރިސްކުރެއްވި ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި ބައިވެރިވި ދިވެހިންނަށް ރައީސްއާ ވަކިން ބައްދަލުކޮށް، އެމީހުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ފުރުސަތު ދެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ހާރިޖީ ގުޅުމަށް 60 އަހަރު
ރައީސް އޮފީހުން ބުނީ ރާއްޖެ އާއި ޖަރުމަނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމަށް ވެރިރަށް ބާލިންގައި ބޭއްވި ރަސްމީ ޖާފަތުގައި ވެސް ރައީސް އިއްޔެ ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
ރައީސްގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއި ޖަރުމަނުގެ ސަރުކާރުގެ އިސްވެރިންނާއި ބާލިންގައި ތިއްބަވާ ރާއްޖޭގެ ހާރިޖީ މަންދޫބުން ވެސް އެ ޖާފަތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށާއި ޖަރުމަނުގައި ދިރިއުޅޭ ބައެއް ދިވެހިން ވެސް އެ ޖާފަތުގައި ބައިވެރިވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ އެ ޖާފަތުގައި ގުރުއަތުލުމެއް ބާއްވައި އެ ގުރުއަތުން ހޮވުނު ނަސީބުވެރިންނަށް އިނާމެއްގެ ގޮތުގައި ރާއްޖޭގެ ބައެއް ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ.
ރައީސް ޖަރުމަނަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ ވިޔަފާރިވެރިންނާ އެކު ބޭއްވި "މޯލްޑިވްސް–ޖާމަނީ ބިޒްނަސް ރައުންޑްޓޭބަލް"ގައި ވެސް އިއްޔެ ބައިވެރިވެވަޑައިގެންނެވި އެވެ.
ޖަރުމަނުގެ ރައީސް ފްރޭންކް-ވޯލްޓާ ޝްޓައިންމަޔާގެ ދައުވަތަކަށް ރައީސް މުއިއްޒު މި ކުރައްވާ ދަތުރުފުޅުގައި، ޖަރުމަނުގެ ރިޔާސީ ގަނޑުވަރު، ޝްލޮސް ބެލްވޫގައި އިއްޔެ ވަނީ ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ވެސް ބާއްވަވައިފަ އެވެ.