މާލޭ ސްކޭޕިން މަޝްރޫއުގައި، ސުނާމީ ބިނާ މައިޒާން ތަަރައްގީކުރުމުގެ މަސައްކަތަށް އެ ސަރަހައްދުން ވެހިކަލްތައް ނަގަން އަންގައިފި އެވެ. 

ކުރިން ލޮނުޒިޔާރަތްކޮޅުގައި ހުރި ސުނާމީ ބިނާ ގެންގޮސް ކުރީގެ ތިން ރުއް ޕާކު ސަރަހައްދުގައި ތަރައްގީކުރި ސުނާމީ ބިނާ މައިޒާނަށް އެކި ގޮތްގޮތުން ގެއްލުންވެ އެތަން ހުރީ ވަރަށް ބޮޑަށް މަރާމާތުކުރަން ޖެހިފަ އެވެ.

ފުލުހުން އާންމުކޮށްފައިވާ ޗާޓުގައި ހުސްކުރަން އަންގާފައި ވަނީ ސުނާމީ ބިނާއިން ފެށިގެން އަމީނީމަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ހިސާބުގައި ޕާކުކޮށްފައި ހުރި އުޅަނދުތަކެވެ. 

ގިނަ އަދަދަކަށް ޕިކަޕާއި ސައިކަލުތައް އެ ހިސާބުގައި ޕާކުކޮށްފައި ހުރެ އެވެ. 

ފުލުހުން އެދިފައި ވަނީ މިއަދު އިރުއޮއްސި 6:00 ގެ ކުރިން އެ ސަރަހައްދުން އުޅަނދުތައް ހުސްކުރުމަށެވެ. 

ކުރިން ލޮނުޒިޔާރާތްކޮޅުގައި ހުރި ސުނާމީ ބިނާ، ކުރީގެ ތިން ރުއް ޕާކު ސަރަހައްދަށް ބަދަލުކުރީ ސިނަމާލެ ބްރިޖު ހަދާށެވެ. އެއީ ޑިސެމްބަރު 26، 2004 ގައި ރާއްޖެ އަށް އެރި ސުނާމީގައި ގެއްލުނު މީހުންނާއި މަރުވި މީހުންގެ އަދަދު ދައްކުވައިދޭ ގޮތަށް ހަދާފައިވާ ބިނާއެކެވެ.

ސުނާމީ ބިނާ މައިޒާނުގެ އަޑިން ވެލިގަނޑު ގަނބައިގެންފައި: މިގޮތަށް އެތަނުގެ ދެތިން ތަނެއްގައި ހަލާކުވެފައި ހުރި-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސުނާމީ ބިނާ މައިޒާނުގެ އަޑިން ވެލިގަނޑު ގަނބައިގެންފައި: މިގޮތަށް އެތަނުގެ ދެތިން ތަނެއްގައި ހަލާކުވެފައި ހުރި-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސުނާމީ ބިނާ އާއި އެ ތަނުގެ އެކި ސަރަަހައްދުގައި ހަރުކޮށްފައިވާ ލައިޓުތައް ރޭގަނޑު ކުރިން ދިއްލި ނަމަވެސް މިހާރު އެތަނުގައި އަލިކަމެއް ވެސް ނުހުރެ އެވެ. އަދި އެ ތަނުގައި އޮންނަ ނެރާ ދިމާލުން ބޮޑު ބައެއް އޮތީ ގާތައް  ނެއްޓި މޫދަށް ދަމައިގެންފަ އެވެ. 

ސުނާމީ ބިނާގައި ވަރަށް ބޮޑަށް ދަބަރު ޖަހާފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސުނާމީ ބިނާގައި ވަރަށް ބޮޑަށް ދަބަރު ޖަހާފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މި ތަން ތަރައްގީކުރީ ހައުސިން މިނިސްޓަރަކަށް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވިއިރެވެ. މި ތަންތަން ކައުންސިލުން މަރާމާތު ނުކުރާ ކަމަށް ވިދާޅުވެ ރައީސް ވެސް ވަނީ މީގެ ކުރިން ފާޑުވިދާޅުވެފަ އެވެ. އަދި އެ މަސައްކަތް ސަރުކާރުން ފަށާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. 

މީގެ އަހަރު ދުވަސް ކުރިން ވެސް އެ ހާލަތުގައި އެ ތަން އޮތްއިރު، އެ ތަން ނުހަދާ އެހާ ގިނަ ދުވަސްވަނީ ކީއްވެތޯ ސުވާލުކުރުމުން އޭރު މާލޭ ސިޓީ ކައުންސިލުން ބުނީ އަލުން އެތަން ހެދުމަށް ކައުންސިލުގައި ބަޖެޓް ނެތް ކަމަށެވެ. އަދި އެތަނުގެ މަސައްކަތް ކުރެވޭނީ ސަރުކާރުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެން ކަމަށާއި އެހީ ލިބިއްޖެ ނަމަ ވަގުތުން މަސައްކަތް ފެށޭނެ ކަމަށް ބުނެފައިވެ އެވެ. 

ސުނާމީ ބިނާ މައިޒާނުގެ މޫދާވީ ފަޅިން ބޮޑު ބައެއް ހަލާކުވެފައި-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސުނާމީ ބިނާ މައިޒާނުގެ މޫދާވީ ފަޅިން ބޮޑު ބައެއް ހަލާކުވެފައި-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސުނާމީ ބިނާގެ ހާލަތާ ގުޅޭގޮތުން ކައުންސިލުން ތަންކޮޅެއް ކުރިން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ވަނީ ވެލިގަނޑު މޫދަށް ދަމައިގަތުމުގެ ސަބަބުން، އަހަރަކު 3-4 ފަހަރު އެ ތަނުގެ ގާތައް ނަގައި ކޮނުމަށް ފަހު ވެލި އަޅައި ލެވެލް ކުރަންޖެހޭ ކަމަށެވެ. އަދި ދާއިމީ ހައްލަކީ ޝީޓްޕައިލް ނަގައި އަލުން ޝީޓްޕައިލް އެޅުން ކަމަށް ވެސް ބުނެފައިވެ އެވެ. 

ހުޅަނގު މޫސުމުގެ ވިއްސާރައާ އެކު، ސުނާމީ ބިނާ ހިމެނޭ ސަރަހައްދަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް އަބަދުވެސް ލިބޭތީ ރިޕޯޓުގައި ވަނީ ހުޅަނގު ފަރާތު ޝީޓްޕައިލް މިހާރަށް ވުރެ ދެ ފޫޓު އުސްކޮށް އެތެރެއަށް ރާޅު ނާރާނެ ގޮތަށް ޑިޒައިން ކުރުން މުހިއްމުކަން ފާހަގަކޮށްފަ އެވެ.