ރާއްޖޭގެ ސަރަހައްދަށް ނުރައްކާ މިންވަރަކަށް ވައިނުސާފުވެފައިވާ ކަމަށާއި ކުރިއަށް އޮތް ހަތަރު ދުވަހަށް އެކަން ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފި އެވެ.
މެޓުން ބުނީ އުތުރާއި މެދުތެރޭގެ ސަރަހައްދުތަކުގެ ދުންފުހުގެ އަސަރު ހުރީ ސިއްހަތަށް ނުރައްކާތެރި މިންވަރަކަށް ކަމަށާއި ކުރިއަށް އޮތް ހަތަރު ދުވަހު އެ ހާލަތު ދެމި އޮންނާނެ ކަމަށެވެ.
މެޓުން ވަނީ ކަނޑު ދަތުރުކުރާ މީހުންނާއި ބޭރުގައި ގިނަ ވަގުތު ހޭދަކުރާ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށް އެވެ.
އެއާ ކޮލިޓީ އިންޑެކްސް 151-200 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ ރެޑް އެލާޓެވެ. އެއީ ވައިގެ ނުސާފުކަން އެންމެންނަށް ނުރައްކާވާ މިންވަރެވެ.
މާސްކް އެޅުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށް ބުނެފައިވާ ގޮތުގައި ވިލިމާލޭގައި ވައިނުސާފު މިންވަރު ހުރީ 163 ގަ އެވެ.
އެލާޓްގައިވާ ގޮތުން ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި ފުއްޕާމެއާ ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ އެންމެނަށް ވެސް ބޮޑުވެ އެވެ. އެހެންވެ، އެ ރަށުގައި އުޅޭ މީހުން މާސް އެޅުމަށް އިލްތިމާސްކުރެ އެވެ.
މާލޭގައި ވައިނުސާފު މިންވަރު ހުރީ 151 ގަ އެވެ. އެއީ އޮރެންޖް އެލާޓެވެ. އެ އެލާޓުގައި އޮންނައިރު، ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންނާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަ ދިމާވުމުގެ ފުރުސަތު ބޮޑުވާ ކަމަށް އެޗްޕީއޭ އިން ބުންޏެެވެ.
މިއަދު ވައިގެ ކޮލިޓީ އެންމެ ރަނގަޅީ ފުވައްމުލަކާއި އައްޑޫގަ އެވެ.
މިހާރު އާންމުކޮށް ކޮންމެ އަހަރަކު ވެސް، އިރުވައި މޫސުމުގައި ރާއްޖެއަށް ޖައްވު ތަޣައްޔަރުވުމުގެ ސަބަބުން ހޭޒް ނުވަތަ ފުސްކަމުގެ އަސަރު ކުރެ އެވެ. ރާއްޖޭގެ ޖައްވު ތަޣައްޔަރު ވަނީ އުތުރު އިންޑިއާގެ ސަރަހައްދުތަކުގައި އަންނަ ނުސާފު ވައިގެ ސަބަބުންނެވެ.
އުތުރު އިންޑިއާގެ ސަރަހައްދުތަކުން އަންނަ މި ތަޣައްޔަރު ވައިގައި އެކުލެވިގެން ވަނީ ހިރަފުހާއި ކާރުހާނާތަކުން އަރާ ދުމެވެ. ދުން ގިނަވެ، ފުސްވުމުގެ ސަބަބުން ލޮލަށް ފެންނަ ދުރުމިން ދަށްވުމުން ދަތުރުފަތުރު ކުރުމަށް ވެސް އުނދަގޫވެ އެވެ. އަދި ސިއްހީ އެކި މައްސަލަތައް ވެސް ކުރިމަތިވެ އެވެ.