މިދިޔަ ހަފްތާއިން ފެށިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އެންމެ ބޮޑަށް ގެއްލުންވި ދެކުނު އަތޮޅުތަކުގެ ރަށްރަށުގައި ފެންބޮޑުވެ ހުސްކުރި ގެތަކަށް އަލުން މީހުން ބަދަލުކޮށް، އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ފަށައިފި އެވެ.

އެންޑީއެމްއޭއިން ބުނީ ވިއްސާރާގައި ގއ، ގދ، ފުވައްމުލަށް އަދި އައްޑޫގެ ރަށްރަށުގައި ފެންބޮޑުވުމަށް ފަހު، މިހާރު މޫސުން ރަނގަޅުވަމުން އަންނަކަމަށެވެ.

ވިއްސާރައާ ގުޅިގެން މެދުކެނޑުނު އާންމު ހިދުމަތްތައް އަލުން ފެށި، ހާލަތު އާދައިގެ ދިރިއުޅުމަކަށް ބަދަލުވަމުންދާ ކަމަށް ކައުންސިލުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ބުންޏެވެ.

އައްޑޫގައި ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަނީ-- ފޮޓޯ: އެމްއެންދިއެފް
އައްޑޫގައި ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަނީ-- ފޮޓޯ: އެމްއެންދިއެފް

ވިއްސާރައިގައި ގެއްލުން ލިބުނު ގެތައް ސާފުކުރުމާއި، ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި ދިރިއުޅުމަށް ދަތިވެގެން ވަގުތީގޮތުން އެހެން ތަންތަނަށް ބަދަލުކުރި އާއިލާތައް އަނބުރާ އެމީހުންގެ ގެތަކަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

ފެންބޮޑުވުމުގެ ސަބަބުން ބައެއް ރަށްރަށުގެ ނަރުދަމާ ނިޒާމަށް ދިމާވި މައްސަލަތައް ހައްލުކޮށް ހިދުމަތް ދޭން ފަށާއި ގާތްގަނޑަކަށް އާންމު ހާލަތަކަށް ގެނެވިފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

މީގެއިތުރުން، ގެއްލުން ލިބުނު ގެތައް ސާފުކުރުމުގައި ސަމާލުކަންދޭންޖެހޭ ސިއްހީ އިރުޝާދުތައް އެޗްޕީއޭ މެދުވެރިކޮށް ދަނީ ފޯރުކޮށްދެމުންކަމަށް ވެސް ބުންޏެވެ.

އައްޑޫއަށް ބޯކޮށް ވާރޭ ވެހި މަގެއްގައި ފެން ބޮޑުވެފައި-- ފޮޓޯ: އެމްއެންދިއެފް
އައްޑޫއަށް ބޯކޮށް ވާރޭ ވެހި މަގެއްގައި ފެން ބޮޑުވެފައި-- ފޮޓޯ: އެމްއެންދިއެފް

މި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއްވީ އައްޑޫގެ ފޭދޫއަށެވެ. އެ ރަށުގެ 80 ވަރަކަށް ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ވެފައި ވާއިރު، އޭގެ ތެރެއިން ހަތް ގެއެއްގައި މީހުންނަށް ދިރިނޫޅެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ލިބި، މީހުން އެހެން ތަންތަނަށް ބަދަލުކުރަން ޖެހުނެވެ.

މެޓުން ލަފާކުރާ ގޮތުގައި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ވިއްސާރަ އަލިވާން ފަށާނެ އެވެ.