ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނު ކަމަށް ރިކޯޑް ކުރެވުނީ ސ. ގަމަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފި އެވެ.

މެޓުން ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސް ވަރާ ދިމާކޮށް އުފެދިފައިވާ ލޯ ލެވެލް ސާކިއުލޭޝަންއަކާ ގުޅިގެން ކުރަމުންދާ ވިއްސާރާގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ވަރަށް ބޯކޮށް ވާރޭވެހުނު ކަމަށެވެ.

އެންމެ ގިނައިން ވާރޭ ވެހިގެން ރިކޯޑްކުރީ ގަމަށެވެ. އެރަށަށް 183 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، ދެވަނައަށް އެންމެ ގިނައިން ވާރޭވެހުނު ކަމަށް ރިކޯޑްކުރެވުނީ ގދ. ތިނަދުއަށެވެ. އެއީ 87.6 މިލިމީޓަރުގެ ވާރޭ އެވެ. ތިން ވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހުޅުލެއަށެވެ. އެއީ 51.2 މިލިމީޓަރުގެ ވާރޭ އެވެ.

އައްޑޫގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން ކައުންސިލްތަކާއި ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

އެ އިދާރާ އިން ބުނިގޮތުގައި، މިހާތަނަށް އައްޑޫ ފޭދޫގެ 30 އަށް ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ދެ މީހަކު ހިމެނޭހެން، ޖުމްލަ އަށް މީހަކު ދިރިއުޅޭ ގެއެއްގައި ފެންބޮޑުވެ ދިރިނޫޅެވޭ ހާލަތަށް ދިއުމުގެ ސަބަބުން އައްޑޫ ކައުންސިލާ ގުޅިގެން އެ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުން އަންނަ ކަމަށް ވެސް އެންޑީއެމްއޭ ވަނީ ބުނެފަ އެވެ.