މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓާއި ގޯއްޗަށް އެދި 3،651 ފޯމު މިހާތަނަށް ހުށަހަޅާފައިވާ ކަމަށާއި އަދި ހުށަނާޅައި ޑްރާފްޓު ސްޓޭޖުގައި 10،000 އެޕްލިކޭޝަން އެބަ އޮތް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހުގެ 18 ގައި ހުޅުވާލި އެ ސްކީމާ ގުޅޭ ގޮތުން "ރާއްޖެމިއަދު" ޕްރޮގްރާމުގައި މިނިސްޓަރު ވިދާޅުވީ މިހާތަނަށް ހުށަހަޅާފައިވާ 3،651 އެޕްލިކޭޝަނުގައި ފްލެޓަށް އޮތް ޑިމާންޑު ވަރަށް ބޮޑު ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ފްލެޓަށް އެހާ ޑިމާންޑު އޮތް ސަބަބެއް ކަމަށް ލަފާކުރެވެނީ ސަރުކާރުން ތިން ކޮޓަރީގެ ފްލެޓުތަކަކަށް ކުރިމަތިލާން ހުޅުވާލާފައިވާތީ އެވެ. އަދި މި ސްކީމު ބައްޓަންކޮށްފައި އޮތީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް މީހުންނަށް ކަމަށްވެފައި އެމީހުން ވަގުތުން ބޯހިޔާވަހިކަން ބޭނުންވާތީ ފްލެޓަށް އެދި ހުށަހަޅަނީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ތިން ކޮޓަރީގެ ފްލެޓުތަކެއް ދައުލަތުން ފޯރުކޮށްދޭތީ އެގޮތަށް މި ސްކީމު ބައްޓަން ކުރެވިފައި މިވަނީ. އެއްވެސް ބޯހިޔާވަހިކަމެއް ނެތް މީހުންނަށްވީމާ އެމީހުން އެބަ ބޭނުންވޭ ވަގުތުން ބޯހިޔާވަހިކަމެއް. ބިމެއް ލިބިއްޖެ ކަމަށްވަންޏާ އެތަން ތަރައްގީކުރަންޖެހޭނެ،"
މިނިސްޓަރު ވިދާޅުވީ މިވަގުތު 3،600 އެއްހާ މީހުން ކުރިމަތިލާފައި އޮތް ނަމަވެސް މި ސްކީމުގެ މުއްދަތު ހަމަވާން ގާތްވާ ވަރަކަށް އެކަމަށް އެދޭ މީހުން ގިނަވާނެ ކަމަށް ބެލެވޭ ކަމަށެވެ.
"ބޯހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށް ފޯމު ހުށަހަޅަންޖެހޭ އެ ސްކީމަށް ކުރިމަތިލާއިރު އަވަސް އަރުވާލައިގެން ފޯމު ހުށަނޭޅުމަށް ވެސް ބާރު އަޅުއްވާ ކަމަށް ވިދާޅުވި އެވެ. އަދި އެކަމަށް ބޭނުންވާ ލިޔެކިޔުންތައް ހަމަކޮށްގެން ބޯހިޔާވަހިކަމަށް ކުރިމަތިލުމަށް އެދިވަޑައިގަތެވެ.
މި ސްކީމުގައި އިސްކަންދެނީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށް ކަން ފާހަގަކުރައްވައި މުއްތަލިބު ވިދާޅުވީ ހުޅުވާލާފައިވާ ފްލެޓު ނުވަތަ ބިމުގެ އަދަދަށް ވުރެ މަދުން މީހުން އެ ސްކީމަށް ކުރިމަތިލައިފި ނަމަ، ދެން ލުއިތަކެއް ދެވިދާނެ ކަމަށެވެ. މިސާލެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވީ އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އަނބިމީހާ/ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތަސް އެ ކެޓަގަރީއަށް ފްލެޓަށް ކުރިމަތިލވުމަށް އޮތް އަދަދު އިތުރު ކުރެވިދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ އެއްްވެސް ބަޔަކަށް ފުރުސަތުތައް ހަނިކުރަން ނޫން ކަމަށެވެ. އަދި މަސައްކަތް ކުރައްވަނީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް މީހުންނަށް އިސްކަންދީގެން ފަށައި ބާކީ އޮތް ނަމަ އެންމެނަށް ވެސް ފުރުސަތު ދިނުމަށް ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
"މިސާލަކަށް އަނބިމީހާ ނުވަތަ ފިރިމީހާގެ ހުއްޓަސް އެ ފަރާތްތަކަށް ލެވޭނެ އަދަދު އިތުރު ކުރެވޭނެ، ފަސޭހަކުރެވޭނެ. މިއުޅެނީކީ އެއްވެސް ވަރަކަށް ބަޔަކަށް އެއްވެސް ވަރަކަށް ފުރުސަތު ހަނިކުރާކަށެއް ނޫނޭ. މިއުޅެނީ އެންމެ ފުރަތަމަ ބޭނުންވާ ފަރާރްތަކަށް އިސްކަންދީގެން ކުރިއަށް ގެންގޮސްފައި އެ ހުރިހާ ފަރާތްތަކަށް ވެސް ދެވެން އޮތްކަމަށްވަންޏާ ބޯހިޔާވަހިކަން ފޯރުކޮށްދޭން."
ހައުސިން މިނިސްޓްރީން ފްލެޓަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އޭޕްރީލް 17 ވަނަ ދުވަހުގެ ރޭގަނޑު 11:59 އަށެެވެ. އަދި ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މާޗު 4 ވަނަ ދުވަހުގެ ރޭގަނޑު 11:59 އަށެވެ.
ފްލެޓް ދޫކުރުމުގެ އުސޫލުގައިވާ ގޮތުން މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނާއި މާލޭ މީހުންނަށް ވެސް ފްލެޓަށް އެދި ކުރިމަތިލެވޭނެ އެވެ. ސަރުކާރުން ކަނޑައަޅާފައިވަނީ އެ މަޝްރޫއުގެ ދަށުން 7،900 ފްލެޓް ދޫކުރުމަށެވެ.
ބިން ދޫކުރުމުގެ އުސޫލުގައިވާ ގޮތުން މާލޭ މީހުންނާއި މާލޭގައި 15 އަހަރު އުޅެފައިވާ މީހުންނަށް ކުރިމަތިލެވޭނެ އެވެ. ބިން ނުވަތަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރާނެ އެވެ.