ދުނިޔޭގެ ފުރަތަމަ ޕްރިމިއަމް ލެޝާ އެއާލައިން ކަމަށްވާ "ބިއޯންޑް" އިން އިޓަލީ މީހަކު ނެގުމަށްފަހު ކެންސަލްކުރި ހަ ޓިކެޓަކަށް ރީފަންޑުގެ ގޮތުގައި 16،000 އެމެރިކާ ޑޮލަރު (246،000ރ.) ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ރާއްޖޭގެ ބިއޯންޑް އެއާލައިން ހިންގާ ބިއޯންޑް-ސިމްޑީ އޮޕަރޭޝަން ކުންފުންޏާ ދެކޮޅަށް އިޓަލީގެ މީހަކު ސިވިލް ކޯޓުގައި ދައުވާކުރީ އޭނާ ކެންސަލްކުރި ހަ ޓިކެޓަށް، އެ ކުންފުނީގެ ރިފަންޑް ޕޮލިސީއާ އެއްގޮތަށް ރީފަންޑު ދީފައިނުވާތީ އެވެ.
ދައުވާގައި އޭނާ އެދުނީ ޓިކެޓް ރިފަންޑުގެ ގޮތުގައި 14،000 ޑޮލަރު ހޯދުމަށާއި ޝަރީއަތަށް ދާން ޖެހުނު ހަރަދުގެ ގޮތުގައި 2،160 ޑޮލަރު ކޯޓުން ނަގައިދިނުމަށެވެ.
އިޓަލީގެ މީހާ ކުރި އެ ދައުވާއަށް ބިއޯންޑް-ސިމްޑީ އޮޕަރޭޝަން ކުންފުނިން އެއްވެސް ޖަވާބެއް ޝަރީއަތަށް ހުށަހަޅާފައެއް ނުވެ އެވެ. އަދި އެ ކުންފުނިން ޝަރީއަތަށް ހާޒިރެއް ވެސް ނުވެ އެވެ.
އެހެންވެ އެ މައްސަލާގައި އެ އެ ކުންފުނީގެ ޣައިރު ހާޒިރުގައި އިއްޔެ ސިވިލް ކޯޓުން ކަނޑައެޅީ ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު، އިޓަލީ މީހާ ހޯދަން އެދޭ ފައިސާއަކީ ބިއޯންޑް ކުންފުނިން ދޭންޖެހޭ ފައިސާކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެ ފައިސާ ހަތް ދުވަހުގެ ތެރޭގައި ދައްކައި، ހަލާސްކުރަން ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.