އެމެރިކާގެ ޓައިމް ނޫހުން އެކުލަވާލި ސިއްހީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނަން ހިމަނައިފި އެވެ. 

ޓައިމް ނޫހުން އެކުލަވާލި ސިއްހީ ދާއިރާއިން މިއަހަރުގެ އެންމެ ނުފޫޒުގަދަ މީހުންގެ ލިސްޓްގައި ރައީސް މުއިއްޒު ހިމަނާފައިވަނީ އާންމު ސިއްހަތުގެ ދާއިރާއަށް އެމަނިކުފާނު ދެއްވާ އިސްކަމާއި ސަމާލުކަމާ ގުޅިގެންނެެވެ. 

އެ ލިސްޓްގައި ރައީސްގެ ނަން ހިމަނައި، ޓައިމް ނޫހުން ލިޔެފައިވާ ގޮތުގައި ނޮވެމްބަރު މަހުގެ ތެރޭގައި، ރާއްޖެއިން ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން "ޖެނަރޭޝަން ބޭން"އެއް ތައާރަފްކޮށް، އެ ސިޔާސަތު ތަންފީޒުކުރި ފުރަތަމަ ގައުމަށްވެފަ އެވެ. އަދި އެ ނިންމުމާއެކު، 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުން އުފަންވި އެއްވެސް މީހަކަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވާކަން އެ ނޫހުން ފާހަގަކޮށްފައިވެ އެވެ.

"މިއީ 2023 ވަނަ އަހަރު އިންތިހާބުވެވަޑައިގަތުމަށްފަހު، ރައްޔިތުންގެ ދުޅަހެޔޮ ކަމަށް ހާއްސަ އިސްކަމެއް ދެއްވަމުން ގެންދަވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސް ނެންގެވުމެކެވެ،" އެ ނޫހުގައި ބުނެފައިވެ އެވެ. 

އޭގެ އިތުރުން ރާއްޖޭގައި ވޭޕާއި އީ-ސިނގިރޭޓް އެތެރެ ކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާކުރި ނިންމުން ވެސް ޓައިމް ނޫހުން ފާހަގަކޮށްފައިވެ އެވެ. އޭގެ މައިގަނޑު މަގުސަދަކީ ރާއްޖެއިން ދުންފަތުގެ އިސްތިއުމާލުކުރުން މުޅިން ހުއްޓުވުން ކަމަށް ވެސް ބުނެފައިވެ އެވެ. 

"މިހާތަނަށް ސަރުކާރުތަކުގެ ސިޔާސަތު ބޮޑަށް ބިނާވެފައި އޮތީ ބަލިތަކުން ރައްކާތެރިވުމުގެ ބަދަލުގައި، ބަލިޖެހުމުން ފަރުވާ ދިނުމުގެ މައްޗަށް. ނަމަވެސް އަޅުގަނޑުމެން މިހާރު މި އިސްކަންދެނީ މި ދެބަޔަށް ވެސް ހަމަހަމަ ގޮތެއްގައި ސަމާލުކަން ދިނުމަށް،" ރައީސް މުއިއްޒުގެ މި ވާހަކަފުޅު ޓައިމް ނޫހުގައި ހިމަނާފައިވެ އެވެ. 

ރައީސް މުއިއްޒުގެ ސަރުކާރުގެ ބައެއް ސިޔާސަތުތަކަކީ ހަރުކަށި ސިޔާސަތުތަކެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރި ނަމަވެސް، ދުންފަތް މަނާކުރުމުގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ކްލިނިކްތަކެއް ގާއިމްކޮށްފައިވާ ކަމަށް ޓައިމް ނޫހުގައި އިން ބުނެފައިވެ އެވެ. 

ކޮންމެ ވަގުތަކު ވެސް ގުޅޭނެ ނަފްސާނީ ދުޅަހެޔޮކަމުގެ ހެލްޕްލައިނެއްގެ ހިދުމަތް ވެސް ފަށާފައިވާ ކަމަށް ޓައިމް ނޫހުގައި ހިމަނާފައިވާ ލިޔުމުގައިވެ އެވެ. އޭގެ އިތުރުން، މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ އާއި ސިފިލިސް އަދި ހެޕަޓައިޓިސް-ބީ ވާރުތަވުން މުޅިން ހުއްޓުވި ފުރަތަމަ ގައުމަކީ ރާއްޖެކަން ވެސް ފާހަގަކޮށްފައިވެ އެވެ. 

"މި ހުރިހާ މަސައްކަތްތަކެއް އެކުއެކީގައި ކުރެވެމުން މިދަނީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށާއި މުޅި ގައުމުގެ ސިއްހީ ދުޅަހެޔޮ ކަމަށް މާނަހުރި އަދި ދެމެހެއްޓެނިވި ބަދަލެއް ގެނައުމަށްޓަކައި،" ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.