އެމެރިކާގެ ޓައިމް ނޫހުން އެކުލަވާލި ސިއްހީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނަންފުޅު ހިމަނާފައިވާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އެ މަނިކުފާނަށް މަރުހަބާ ދަންނަވައިފި އެވެ.
ޓައިމް ނޫހުން އެކުލަވައިލި ސިއްހީ ދާއިރާ އިން މި އަހަރުގެ އެންމެ ނުފޫޒުގަދަ މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު ހިމަނާފައިވަނީ އާންމު ސިއްހަތުގެ ދާއިރާ އަށް އެ މަނިކުފާނު ދެއްވާ އިސްކަމާއި ސަމާލުކަމާ ގުޅިގެންނެެވެ.
އެހެންވެ، ރައީސަށް ތަހުނިޔާ ފޮނުއްވައި ސޯޝަލް މީޑިއާގައި ޑަބްލިއުއެޗްއޯ އިން ކުރި ޕޯސްޓެއްގައި މިއަދު ބުނީ ސިއްހީ ދާއިރާގައި އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު ހިމެނުމަކީ ބަލިތަކުން ދުރާލައި ރައްކާތެރިވުމާއި އާންމު ސިއްހަތާ ގުޅޭ ކަންކަން ކުރިއަރުވަން އެ މަނިކުފާނު ކުރެއްވި ބުރަ މަސައްކަތްޕުޅުގެ އަގުވަޒަންކުރުން ކަމަށެވެ.
ސިއްހަތާއި އާންމުންގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ރާއްޖެ އިން ކުރަމުން އަންނަ މަސައްކަތްތައް ޓައިމް ނޫހުގެ ލިސްޓުން ދައްކުވައިދޭ ކަމަށް ވެސް ޑަބްލިއުއެޗްއޯ އިން ބުންޏެވެ.
އެ ޖަމާއަތުން ބުނީ ޔުނިވާސަލް ހެލްތު ކަވަރޭޖާއި އެންމެންނަށް ސިއްހީ ރައްކާތެރިކަން ހޯދައިދިނުމަށް ދިވެހި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގައި ދެމިއޮންނާނެ ކަމަށެވެ.
https://web.facebook.com/photo?fbid=953543273997904&set=a.173151365370436
ސިއްހީ ދާއިރާގައި ނުފޫޒުގަދަ މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު ހިމަނައި ޓައިމް ނޫހުން ލިޔެފައި ވަނީ ރާއްޖެ އިން ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން "ޖެނަރޭޝަން ބޭން"އެއް ތައާރަފްކޮށް، އެ ސިޔާސަތު ތަންފީޒުކުރި ފުރަތަމަ ގައުމަށް ވެފައި ކަމަށެވެ. އެ ނިންމުމާ އެކު، ޖެނުއަރީ 2007 ގެ ފަހުން އުފަންވި އެއްވެސް މީހަކަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވާކަން އެ ނޫހުން ފާހަގަކޮށްފައިވެ އެވެ.
"މިއީ 2023 ވަނަ އަހަރު އިންތިހާބުވެވަޑައިގަތުމަށްފަހު، ރައްޔިތުންގެ ދުޅަހެޔޮ ކަމަށް ހާއްސަ އިސްކަމެއް ދެއްވަމުން ގެންދަވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސް ނެންގެވުމެކެވެ،" ޓައިމް ނޫހުގައި ލިޔެފައިވެ އެވެ.
ރާއްޖޭގައި ވޭޕާއި އީ-ސިނގިރޭޓް އެތެރެ ކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވާތީ އެކަން ވެސް އެ ނޫހުން ފާހަގަކުރި އެވެ. އެއީ ރާއްޖެ އިން ދުންފަތުގެ އިސްތިއުމާލުކުރުން މުޅިން ހުއްޓުވުން ކަމަށް ވެސް ބުނެފައިވެ އެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގެ ބައެއް ސިޔާސަތުތަކަކީ ހަރުކަށި ސިޔާސަތުތަކެއްގެ ގޮތުގައި ބައެއް މީހުން ސިފަކުރި ނަމަވެސް، ދުންފަތް މަނާކުރުމުގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް ހާއްސަ ކްލިނިކްތަކެއް ގާއިމްކޮށްފައިވާ ކަމަށް ޓައިމް ނޫހުގައި ބުނެފައިވެ އެވެ.
ކޮންމެ ވަގުތަކު ވެސް ގުޅޭނެ ނަފުސާނީ ދުޅަހެޔޮކަމުގެ ހެލްޕްލައިނެއްގެ ހިދުމަތް ވެސް ފަށާފައިވާ ކަމަށް ޓައިމް ނޫހުގައި ހިމަނާފައިވާ ލިޔުމުގައިވެ އެވެ. އޭގެ އިތުރުން، މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ އާއި ސިފިލިސް އަދި ހެޕަޓައިޓިސް-ބީ ވާރުތަވުން މުޅިން ހުއްޓުވި ފުރަތަމަ ގައުމަކީ ރާއްޖެ ކަމަށް ވެސް ޓައިމް ނޫހުން ބުންޏެވެ.