ދުންފަތާ ދުރުކުރަން ސިވިލްސޮސައިޓީ މެދުވެރިކޮށް ގައުމީ ބޮޑު ޕްރޮގްރާމެއް ފަށަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މީހުން ދުންފަތާ ދުރުކުރަން ރަށްރަށުގައި މަސައްކަތްކުރާ ޖަމިއްޔާ، ޖަމާއަތްތަކަށް ސަރުކާރުން އެހީތެރިވާ ގޮތަށް ހިންގާ އެ ޕްރޮގްރާމްގައި ޖަމިއްޔާ، ޖަމާއަތްތަކަށް ފައިސާގެ އެހީ  ދިނުން ވެސް ހިމެނޭނެ ކަމަށެވެ. ޖަމިއްޔާ، ޖަމާއަތްތަކަށް ސަރުކާރުން އެހީތެރިވާ މިންވަރު ކަނޑައަޅާނީ އެ މީހުންގެ މަސައްކަތުން މީހުން ދުންފަތާ ދުރުވާ ނިސްބަތަށް ބަލައިގެން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"[ދުންފަތާ މީހުން ދުރުކުރަން ކުރާ މަސައްކަތުގެ] މަރުހަލާތަކެއް މިދަނީ. އެ މަރުހަލާތަކުގެ ތެރެއިން މިޙާރު އަޅަން ޖެހޭ ފިޔަވަޅު މި އަޅަނީ. މީގެ ހުރިހާ ވެސް މަގުސަދަކީ ދުންފަތުގެ އިސްތިއުމާލްކުރުމުން ދުރުކުރުން،" ރައީސް ވިދާޅުވި އެވެ.

"އެއީ މިއާ އެކީ އަޅުގަނޑުމެން އެބަ ފަށަން ސިވިލް ސޮސައިޓީ އެމްޕަވާ ކޮށްދޭ ވަރަށް ބޮޑު ނެޝަނަލް ޕްރޮގްރާމެއް ވެސް. މާނައަކީ އެކި ކަހަލަ ޖަމިއްޔާ، ޖަމާއަތްތައް ރަށްރަށުގައި މަސައްކަތްކުރަން އެ މީހުންނަށް އަޅުގަނޑުމެން އެކި ކަހަލަ ކަންކަން ފަހިކޮށްދޭނަން އަދި ފައިސާގެ އެކި ކަހަލަ އިނާމުތައް ދިނުން، ނޫނިއްޔާ އެކި ކަހަލަ އިންސެންޓިވް ދިނުން ވެސް މީގައި ހިމެނޭނެ."

ނަމަވެސް އެ ޕްރޮގްރާމް ފަށާނެ ވަކި ތާރީހެއް އެ މަނިކުފާނު ނުދެއްވަ އެވެ. 

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެ ޕްރޮގްރާމް ފަށާއިރު، ދުންފަތުން މީހުން ދުރުކުރަން ބޭނުންކުރާ ވަސީލަތްތަކުން ނަގާ ޑިއުޓީ ވެސް ކަނޑާލާނެ އެވެ. ޑިއުޓީ ކަނޑާލުމުން އެ ބާވަތްތަކުގެ އަގު ވެސް ހެޔޮވާނެ ކަމަށާއި ދުންފަތާ މީހުން ދުރުކުރަން ސަރުކާރުން ހިންގަނީ ވަށާ ޖެހޭ ޕްރޮގްރާމެއް ކަަމަށް ވެސް އެ މަނިިކުފާނު ވިދާޅުވި އެވެ.

ވޭޕް ބޭނުންކުރުމުން މުޅިން މަނާކުރިއިރު ސިނގިރެޓާއި ދުންފަތުގެ އެެކިއެކި އުފެއްދުންތަކުން ނަގާ ޑިއުޓީ ސަރުކާރުން ބޮޑުކުރި އެވެ. އެކަމަކު، ސިނގިރެޓުން ނަގާ ޑިއުޓީ ކުޑަކުރަން ސަރުކާރުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ.

ޕޮޑްކާސްޓްގައި އެކަމާ ބެހޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ޑިއުޓީ ކުޑަކުރަން ނިންމީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ހެދި ދިރާސާއެއްގައިވާ ތާވަލަކާ އެއްގޮތަށް ކަމަށެވެ. ދުންފަތާ ދުރަށްދާން ބޭނުންވާ މީހުންނަށް މި ފިޔަވަޅުގެ ސަބަބުން ވާނީ ފަސޭހަކަމަށާއި ނުރައްކާތެރިކަން ބޮޑު ބާވަތްތައް ބޭނުންކުރާ މީހުން އެ ބާވަތްތަކާ ދުރުވާން ވެސް އޭރުން ފަސޭހަވާނެކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.