މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކަށް ފިޔަވަޅު އެޅުން ލަސްކުރުމުން، މުސްތަގުބަލުގައި އެކަމަށް ކުރަންޖެހޭ ހޭދަ އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމުގެ ފިލާވަޅު ރާއްޖެއަސް ލިބިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޖަރުމަނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ބާލިންގެ ހުމްބޯލްޑްޓް ޔުނިވާސިޓީއަށް ޒިޔާރާތް ކުރައްވައި ދެއްވި ތަގުރީރުގައި ރައީސް ވިދާޅުވީ ދުނިޔޭގެ ނިސްބަތުން ރާއްޖެއަކީ ޖައްވަށް ވިހަ ގޭސް ބޭރުކުރާ މިންވަރު، މަދު ގައުމެއް ނަމަވެސް މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިލާން ޖެހިފައިވާ ގައުމަކީ ރާއްޖެ ކަމަށެެވެ.
މޫސުމީ ބަދަލުތަކަށް ހޭނި، އެކަމަށް އަހުލުވެރިވުމަކީ ރާއްޖެއަށް އިހުތިޔާރީ ކަމެއް ނޫން ކަަމަށް ރައީސް ވިދާޅުވި އެވެ. އެއީ ގައުމުގެ ދެމިއޮތުމާއި ސަގާފަތާއި އަމިއްލަވަންތަކަން ހިމާޔަތްކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ މޫސުމީ ސައެންސްގެ އިލްމުގެ އަލީގައި ގައުމީ ފެންވަރުގައި ރާވާ ރޭވުންތަކާއި ބަޖެޓު އެކުލަވާލުމުގައި މޫސުމީ ނުރައްކާތައް ހިމެނުމުގެ މުހިންމުކަމަށް ވިދާޅުވެފަ އެވެ. އަދި މޫސުމީ ނޭދެވޭ ބަދަލުތަކަށް ހޭނި، އަހުލުވެރިކުރުވުމުގެ މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދުން އިތުރުކުރުމާއި ލޯކަލް ގަވާނަންސްގެ ގާބިލުކަން އިތުރުކުރުމާއި އެ މަސައްކަތްތަކަކީ މުޖުތަމައުގެ ބައިވެރިވުން ހިމެނޭ އަދި ރައްޔިތުން އިސްވެ ކުރާ މަސައްކަތްތަކަކަށް ހެދުމަށް ރައީސް މުއިއްޒު ގޮވާލެއްވި އެވެ.
ރައީސް ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާންޖެހޭ ގައުމުތަކަށް އެޑަޕްޓޭޝަން ފައިނޭންސިންގް ލިބުމަކީ، މޫސުމީ އިންސާފާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި ރާއްޖެ ފަދަ ގައުމުތަކަށް ދުރާލާ ކަށަވަރުކުރެވޭ، އެކަށީގެންވާ ލުއި ގޮތްތަކެއްގެ މަތިން ކްލައިމެޓް ފައިނޭންސް ލިބުމުގެ މުހިއްމުކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކަށް އަހުލުވެރިވުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކުން ލިބުނު ފިލާވަޅަކީ އެ މަސައްކަތް ލަސްކުރުމަކީ މުސްތަގުބަލުގައި ކުރަންޖެހޭ ހޭދަ ބޮޑުވާނެ ކަމެއް ކަމަށެވެ. އެހެންވެ، މުޖުތަމައުތަކަކީ ބަދަލުތައް ގެނައުމުގައި އިސް ދައުރެއް އަދާ ކުރާ ބައެއް ކަމަށާއި ފަރުތަކާއި ކަނޑޫފާތަކާއި ގުދުރަތީ ވަސީލަތްތަކަކީ މުސޫމީ ނުރައްކަލުން ދިފާއުވުމަށް އޮތް އެންމެ އަގުހެޔޮ އަދި އެންމެ ފައިދާހުރި ވަސީލަތްކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވަނީ ބާލިންގެ ހުމްބޯލްޑްޓް ޔުނިވާސިޓީއަކީ ސައިންސާއި ސިޔާސަތުތައް އެކައްޗެއްގެ ގޮތުގައި އެކުލަވާލުމުގައި ނާޒުކު ހާލަތްތަކުގައި ތިބި މީހުންގެ އަޑު އުފުލުމާއި މުސްތަގުބަލުގެ މާހިރުންނާއި ލީޑަރުން ތަމްރީނުކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ބައެއް ކަމަށް ވިދާޅުވެފަ އެވެ. އަދި މޫސުމީ ގޮތުން އަންނަ ނޭދެވޭ ބަދަލުތަކަކީ ވަކި ބޯޑަރެއް ނެތް ނުވަތަ ވަކި ސަރަހައްދީ އިމަކަށް ބެލުމެއް ނެތް ކަމެއް ކަމަށާއި އެހެންވެ އެކަމާ ކުރިމަތިލުމަށް އިލްމީ މަސައްކަތްތަކެއް ބޭނުންވާ ކަމަށައި ދުރު މުސްތަގުބަލަށް އަމާޒުވާނެ ހައްލުތަކެއް ހޯދުމަށް އެދިވަޑައިގެންފަ އެވެ.
ޖަރުމަނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ޖާމަން ކައުންސިލް އޮން ފޮރިން ރިލޭޝަންސް، ޑޮއިޝް ގެޒޭލްޝާފްޓް ފުއާ އައުސްވެއާޓީގަ ޕޮލިޓީކް (ޑީޖީއޭޕީ) އަށް ވެސް ޒިޔާރާތް ކުރައްވައިފަ އެވެ.
އެތަނުގައި ދެއްވި ތަގުރީރުގައި ރައީސް ވަނީ ކަނޑުތައް ބެލެހެއްޓުމާ ބެހޭގޮތުން ރާއްޖެއިން ގެންގުޅޭ ވިސްނުން ބަޔާންކޮށްދެއްވައި ހާރިޖީ ސިޔާސަތުގައި ކަނޑުތައް އަދާކުރާ ދައުރާ ގުޅިގެން ވާހަކަ ދައްކަވައިފަ އެވެ.
ތާރީހީ، އިގްތިސާދީ އަދި ސަގާފީގޮތުންނާއި ދިފާއީ ގޮތުން ވެސް ރާއްޖެ އާއި ކަނޑާ ލާމެހިފައިވާ މިންވަރާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ރާއްޖޭގެ އިގްސާދާއި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި އަސަރުތަކުގެ ކޮށްފާނެ ކަމަށެވެ.
ޖަރުމަނުގެ ރައީސްގެ ދައުވަތަކަށް ކުރައްވާ އެ ދަތުރުފުޅުގައި ރައީސް ވަނީ ގޮނޑުދޮށް ހިމާޔަތްކުރުން ފަދަ އިސްނެގުންތައް ހިމެނޭހެން، އެއް ގައުމު، އަނެއް ގައުމަށް ދޭ އެއްބާރުލުން އިތުރުކުރުމަށް ހުރި ފުރުސަތުތަކާ ގުޅިގެން ވެސް ވާހަކަ ދައްކަވައިފަ އެވެ.