ކުރިއަށް އޮތް ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮންލައިންކޮށް ފިތުރު ޒަކާތް ބަަލައިގަންނާނެ އިންތިޒާމު އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
ކަލަންޑަރުގައިވާ ގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހަފުތާގެ ބުދަ ދުވަހެވެ.
މިނިސްޓްރީން ބުނީ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް އޮންލައިންކޮށް ޒަކާތް ބަލައިގަންނާނެ ކަމަށެވެ.
އޮންލައިންކޮށް ޒަކާތް ދެއްކޭނީ؛
- ދިރާގު އެޕް/ ދިރާގު ޕޭ
- އުރީދޫ އެމް ފައިސާ
- އިސްލާމިކް ބޭންކް ފައިސާ މޯބައިލް އެކްސް
- ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް އެޕް
- ފަހިޕޭ
- އަވަސް އެޕް
- ފިނޭންސް މިނިސްޓްރީ ބަނޑޭރިޕޭ
ޒަކާތު ހައުސް އިން ބުނި ގޮތުގައި ބަނޑޭރި ޕޭ އާއި ފަހިޕޭ މެދުވެރިކޮށް ރޯދަ މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނެ އެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން މީހުންނަށް އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލާމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.
ރޯދަ މަހުގެ ފަހު ދިހައަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުން އެ ދުވަސްތަކުގައި ކައުންޓަރުން ޒަކާތް ބަލައިގަންނަ ގަޑިތައް ބަދަލުވާނެ އެވެ.
ޒަކާތު ހައުސް އިން ބުނީ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 1:00 އަށް ޒަކާތް ބަލައިގަންނާނެ ކަމަށެވެ. އަދި ބަންދު ދުވަސްތަކުގައި ޒަކާތް ބަލައިގަންނާނީ މެންދުރު 11:00 އިން 2:00 އަށެވެ.
ޒަކާތް ބަލައިގަންނާނެ ބާވަތްތައް:
- އާދައިގެ ހަނޑޫ 12ރ.
- ތައިލެންޑު ހުދު ހަނޑޫ 53ރ.
- ރަތް ހަނޑޫ 96ރ.
- އާދައިގެ ބާސްމަތީ ހަނޑޫ 77ރ.
- ބާސްމަތީ މޮޅު ހަނޑޫ 109ރ.
- އެންމެ މޮޅު ބާސްމަތީ ހަނޑޫ 136ރ.
- އާދައިގެ ފުށް 10ރ.
- އާޓާ ފުށް 75ރ.
މިދިޔަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި މުޅި ރާއްޖެއިން 13،264،819ރ. ލިބިފައިވެ އެވެ. އެއީ، މިހާތަނަށް އެންމެ ގިނައިން ފައިސާ ލިބުނު އަހަރެވެ.