ޖުމްހޫރީ ޕާޓީން ސަރުކާރަށް ތާއިދުކުރަނީ މި ސަރުކާރަކީ ދަރަނިތައް ދައްކަމުން ވެސް ތަރައްގީ ގެނައުމަށް މަސައްކަތްކުރާ ސަރުކާރަކަށްވާތީ ކަމަށް ގާސިމްގެ ސްޕެޝަލް ޕޮލިޓިކަލް އެޑްވައިޒަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.
ޖޭޕީން ރޭ ބޭއްވި ކެމްޕެއިނު އިވެންޓުގައި ރިޔާޒު ވިދާޅުވީ އެ ޕާޓީން ކައުންސިލް އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުންނަށް ފަހު ދެން އެ ޕާޓީގެ ތާއީދު އޮތީ ސަރުކާރު ކެންޑިޑޭޓުންނަށް ކަމަށެވެ.
އެ ނިންމުން ޕާޓީގެ ޗެއާޕާސަން ގާސިމް އިބްރާހިމް ނިންމެވީ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ އެންމެ ބޮޑު ދަރަންޏާ އެކު ވެރިކަަމަށް އައި ލީޑަރަށް ވެފައި އެމަނިކުފާނުގެ ސަރުކާރުން ދަރަނިތައް ދެއްކުމުގައި އަމަލުކުރަމުން އަނނަ ގޮތުން ކަމަށް ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވި ގޮތުގައި ދަރަނިތަކުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން 800 މިލިއަނެއްހާ ރުފިޔާ މިހާތަނަށް ދައްކައިފައިވެ އެވެ. އަދި މިިއަހަރުގެ ތެރޭގައި 1.2 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހޭ ކަމަށާއި މި ސަރުކާރުން އެ ފައިސާ ދައްކާނެ ކަމުގެ ފެހި ސިގްނަލް ފެންނަމުންދާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ އެހާ ބޮޑު ދަރަންޏަކާ އެކު ވެރިކަމަށް އައުމަށް ފަހު ކަންކަން ކުރުމަކީ އުނދަގޫކަމެއް ނަމަވެސް އެ ދަތިތަކާ އެކު ވެސް މި ސަރުކާރުން އަންނަނީ ރައްޔިތުންނަށް ބޭނުންވާ ތަަރައްގީގެ މަޝްރޫއުތައް ހިންގަމުން ކަމަށެވެ.
"މިހާ ބޮޑު ދަރަންޏަކާ ވެގެން އައިސް ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދިނުމުގައި ދަތި އުނދަގޫތަކެއް ހުންނާނެ. އެހެންނަމަވެސް އެ ދަތި ހުރަސްތަކާ އެކީގައި ވެސް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ވަރަށް ގާތުން އެމަނިކުފާނު [ގާސިމް] ބައްލަވަމޭ،"
އޭނާ ވިދާޅުވީ ރައީސް މުއިއްޒު އަމަލުކުރައްވަމުން ގެންދަވާ ގޮތްތަކަކީ ވެރިކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުންނެވި ނަމަވެސް އަމަލުކުރައްވާނެ ގޮތް ކަމަށެވެ.
ސަރުކާރު ކެންޑިޑޭޓުންނަށް ތާއިދުކުރަން ނިންމީ ވަޒީފާގެ ބޭނުމުގައި ނޫން ކަމަށާއި އެ ކަމުން ޖޭޕީއަށް ލިބޭނެ ފައިދާއެއް ވެސް ނެތް ކަމަށް ރިޔާޒު ވިދާޅުވި އެވެ. އަދި ހިދުމަތްތައް ނުހުއްޓި ރައްޔިތުންނަށް ރަނގަޅު ހިދުމަތްތަކެއް ލިބެމުންދާ ނަމަ، ޖޭޕީ އޮންނާނީ ސަރުކާރާ އެކު ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
"ރާއްޖޭގައި މިއޮތް ވެރިކަން މި ދަތި އުނދަގޫ ދަނޑިވަޅުގައި ޖުމްހޫރީ ޕާޓީން ބޭނުންވަނީ އެމަނިކުފާނުގެ އެހީތެރިކަން ދީގެން އަޅުގަނޑުމެންގެ ރައްޔިތުންނަށް މި ލިބޭ ހިދުމަތް އެއް ދުވަހުން އަނެއް ދުވަހަށް ދިނުން. އެހެންވީމަ އެގޮތަށް ތާއީދުކުރަނީ. މިއަދު މިދެކޭ ތަރައްގީ މާދަމާ ވެސް ބޭނުންވޭ." ރިޔާޒު ވިދާޅުވި އެވެ.
އެހެންވެ، ރާއްޖޭގެ މުސްތަގުބަލަށްޓަކާ ޖޭޕީން ދެމި އޮންނާނީ ސަރުކާރާ އެކު ކަަމަށް ވެސް ވިދާޅުވި އެވެެ.