ރާއްޖޭގެ އެންމެ ބޮޑު ރިސޯޓުގެ އެންމެ ހިތްގައިމު ފެހި މަގުން ސައިކަލެއްގައި ގާސިމް އިބްރާހިމް ވަޑައިގެންނެވީ ދެ ފަރާތުގައި އިންދާފައި ހުރި ދިގު ރުށްތަކަށް ބައްލަވަމުންނެވެ. އަޅުގަނޑުމެންނާ އަރާ ހަމަވެފައި، ސައިކަލް ހުއްޓާލެއްވުމަށް ފަހު ވިދާޅުވި އެވެ.

"މިއިން އެންމެ ރުކެއް ވެސް ނުހުންނާނެ އެހެން މީހަކު އިންދައިފައެއް، އަޅުގަނޑުގެ ބައްޕަ ނޫނީ،" ވަށައިގެން ހުރި އެތައް ސަތޭކަ ދިގު ރުކަކަށް އިޝާރާތް ކުރައްވައި މި ރިސޯޓުގެ އޯނަރު ވިދާޅުވި އެވެ.

ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާ އަކީ، ރާއްޖޭގެ އެންމެ ވަރުގަދަ އެއް ވިޔަފާރިވެރިޔާ އަށް އާ މަސައްކަތެއް ނޫނެވެ. މި ވަރުގެ މަސައްކަތެއް އަމިއްލަ އަށް ކުރެއްވުމުގެ ގާބިލްކަން އޭނާގެ ކިބައިގައި ހުރިކަން އޭރު ވެސް ގަބޫލުކުރެއްވި އެވެ. ހަމައެއާ އެކު، އެ ކުޅަދާނަ ކަމުގެ ތެރެއަށް އޭނާގެ އަމިއްލަ އެހެން ޝައުގުތަކެއް ވެސް މި ރަށާ އެކު އިތުރުވި އެވެ. ސަބަބަކީ، މިއީ ގާސިމްގެ ސީދާ އަމިއްލަ ދިރިއުޅުއްވުމާ ގުޅިފައިވާ، ހަނދާންތަކާ ގުޅިފައިވާ އަދި އުންމީދުތަކަކާއި ހުވަފެންތަކަކާ ވެސް ގުޅިފައިވާ ރަށަކަށް ވުމެވެ. އެހެންވެ، އޭނާ ބޭނުންފުޅުވީ ހުރިހާ ގޮތަކުން ބެލިޔަސް މީގެ 20 އަހަރު ކުރިން ރާއްޖޭގައި ނެތް ވަރުގެ ރިސޯޓެއް އުފަންކުރުވާށެވެ.

"މިއީ އަޅުގަނޑުގެ ބައްޕަގެ ރަށެއް. އަޅުގަނޑުގެ ބައްޕަގެ ދުނިޔޭގައި އަޅުގަނޑު މި ރަށުގައި ރިސޯޓެއް ހެދުމަކީ ބައްޕަ ދެކެވަޑައިގަތް ހުވަފެނެއް."

ސަން އައިލެންޑް ރިސޯޓް ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: ވިލާ ހޮޓެލްސް
ސަން އައިލެންޑް ރިސޯޓް ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: ވިލާ ހޮޓެލްސް

އަދި ވަރަށް މުހިންމު އެހެން ވާހަކައެއް ވެސް ވިދާޅުވި އެވެ: "މި ރަށަށް އިނގިރޭސިން ސަން އައިލެންޑް ކިޔަސް އަޅުގަނޑު އެ 'ސަން' މާނަކުރަނީ (އެސްއޯއެން/ ދަރިފުޅު)ގެ މާނައިގައި."

އޭނާ އެހެން ވިދާޅުވުމުގައި، ވަރަށް ބޮޑެތި ސަބަބުތަކެއް ވެސް އެބަހުއްޓެވެ.

ނަލަގުރައިދު އާއި ގާސިމްގެ ހަނދާންތައް

މުޅި އަރިއަތޮޅުގައި ވެސް އޮތް އެންމެ ބޮޑު ފަޅުރަށަކީ މި އެވެ؛ ނަލަގުރައިދު އެވެ. ދިގުމިން 1.8 ކިލޯ މީޓަރު، އަދި ފުޅާމިނުގައި ގާތްގަނޑަކަށް 500 މީޓަރު އެބަހުއްޓެވެ، އެއް އިރަކު ވެސް މި ރަށަކު މީހުންނެއް ނޫޅެ އެވެ. ގާސިމް ވިދާޅުވި ގޮތުގައި ހަނދާން ހުންނަން ފެށީއްސުރެ ވެސް މި ރަށް ބަލަހައްޓަވަމުން ގެންދެވީ އޭނާގެ ބައްޕަ އެވެ. ގާސިމް ބޮޑުވި މާމިގިއްޔާއި މި ރަށަކީ އެއް ފަޅެއްގައި އޮތް ދެ ރަށް ކަމަށް ވާތީ، އެންމެ ތުއްޕުޅުގެ ހަނދާންތަކާ މި ރަށް އޮތީ ވަރަށް ބޮޑަށް ލާމެހިފަ އެވެ.

"އަޅުގަނޑު އުމުރުން އަށް އަހަރުގައި ވެސް މާމިގިލިން ބޮއްކުރާގައި މި ރަށަށް ދޫނި ހިފަން އަންނަ ހަނދާން މިހާރު ވެސް އެބަހުރި. މި ރަށަށް އަންނަ އިރު ބައްޕަ އުޅުއްވާނެ މި ރަށުގައި. ރަށަށް އަރާފައި ކުރުނބާ އަޅާފައި ކުރުނބާ ބޮއިގެން ބޮއްކުރާގައި ކަަނބާފައި އެނބުރި ރަށަށް ދާ ހަނދާން ވަރަށް ބޮޑަށް އެބަހުރި،" ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑު ކުޑައިރު ވެސް މި ރަށް އޮންނަނީ އަޅުގަނޑުގެ ބައްޕަ އަށް. މުހަންމަދު އަމީންގެ ދައުރުގައި، ފަޅުރަށް ބެލެހެއްޓުމުން އެއްވަނަ އަށް އައިސްގެން، އަޅުގަނޑުގެ ބައްޕައާ މި ރަށް ސީދާ މާލިއްޔާއިން ހަވާލުކުރީ. މި ރަށުގައި ނުހުންނާނެ ބައްޕަ އިންދަވާފައި ހުރި ރުކެއް ނޫނީ. ގާތްގަނޑަކަށް ފަންސާހަކަށް އަހަރު ވަންދެން ބައްޕަ މި ރަށް ބެލެހެއްޓެވި."

ސަން އައިލެންޑްގެ މޫދު ކޮޓަރިތައް ކައިރިން ގާސިމް ވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ސަން އައިލެންޑްގެ މޫދު ކޮޓަރިތައް ކައިރިން ގާސިމް ވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގާސިމްގެ ބައްޕަ އަވަހާރަވުމާ ހަމައަށް ރަށް އޮތީ އޭނާގެ ބެލެނިވެރިކަމުގަ އެވެ. އެހެން ނަމަވެސް، އަވަހާރަވުމުގެ ފަސް ވަރަކަށް އަހަރު ކުރިން ވަރަށް ބޮޑަށް އާލާސްކަންފުޅާ އުޅުއްވުމާ ގުޅިގެން އެ ރަށުގައި ރިސޯޓެއް ހެއްދެވުމަށް، އޭރު އޮތް އިބްރާހިމް ނާސިރުގެ ވެރިކަމުގެ އެގްރިކަލްޗާ މިނިސްޓްރީ އަށް ސިޓީ ލެއްވި އެވެ.

"އެ ސިޓީގައި ބައްޕަ އޮންނާނީ ރިސޯޓެއް ހަދަން އަޅުގަނޑަށް [ގާސިމަށް] މި ރަށް ލިބޭނެ ގޮތެއް ހައްދަވައިދެއްވާތޯ. އެކަމަކު އެގޮތަކަށް އެކަމެއް ނުދިޔަ،" ގާސިމް ވިދާޅުވި އެވެ. "ފަސްް އަހަރު ބަލިވެ އުޅުއްވުމަށް ފަހު ބައްޕަ ދުނިޔެ ދޫކުރެއްވީ. ދެން އަޅުގަނޑުމެންގެ އަތުން މި ރަށް ނަގާފައި އެސްޓީއޯއާ ހަވާލުކުރީ ރިސޯޓެއް ހަދަން. އެކަމަކު ފަޅުރަށް ނެގުމުގައި އޭރު އޮންނަ އުސޫލަކީ ފަޅުރަށް ބަލަައްޓާ މީހާ މަރުވެއްޖިއްޔާ އޭނާގެ ދަރިންނަށް އެ ރަށް ލިބޭ ގޮތަށް. އެކަމަކު އަޅުގަނޑުމެންނަށް ނުލިބުނު."

ގާސިމް ސަން އައިލެންޑް ރިސޯޓުގައި "މިހާރު"ގެ ނޫސްވެރިންނަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ގާސިމް ސަން އައިލެންޑް ރިސޯޓުގައި "މިހާރު"ގެ ނޫސްވެރިންނަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑް ރިސޯޓް އުފެދުން

ބައްޕަ އަވަހާރަވުމަކީ އުންމީދު ކަނޑާލައި، ދެ އަތްފޮޅާލައިފައި ދާން ޖެހޭ ސަބަބެއް ނޫން ކަމަށް ގާސިމަށް ގަބޫލު ކުރެއްވުނެވެ. ސަބަބަކީ، އޭނާ އަކީ ކުރައްވަން ދިމާކުރެއްވި ކޮންމެ ކަމެއް ވެސް ކުރައްވާފައިވާ ބޭފުޅަކަށް ވާތީ އެވެ. އަދި ކަމަކާ ކުރިމަތިލައްވައިފި ނަމަ، އެކަން ކާމިޔާބާ ހަމައަށް ގެންދެވުމަކީ އޭނާގެ އެންމެ އިސް އަމާޒެވެ. އެ އަމާޒުގައި ހުންނަވަނިކޮށް، އެސްޓީއޯ އަތުން މި ރަށް އަލުން ސަރުކާރަށް ނެގި އެވެ.

"އަށެއްކަ އަހަރު ވީ އިރު ވެސް މި ރަށުގައި އެސްޓީއޯއަކަށް ރިސޯޓެއް ނުހެދުނު. އެހެންވެ މި ރަށް ސަރުކާރުން އަނެއްކާވެސް އަތުލައިފައި ޓެންޑާ ކުރީ،" ގާސިމް ވިދާޅުވި އެވެ. "މި ރަށަކީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭންކް ގެރެންޓީއަކާ އެކު ނޫނީ ދޫނުކުރަން އިއުލާން ކުރި ދެ ރަށުގެ ތެރެއިން އެއް ރަށް. އަނެއް ރަށަކީ ލިލީ ބީޗް (އ. ހުވަހަންދޫ). އަޅުގަނޑާ ލިލީ ބީޗް މީހުން ބޭންކް ގެރެންޓީ ހުށަހެޅީ. އެކަމަކު ކުރިމަތިލި ހަތަރު ފަސް ޕާޓީއަކުން."

ސަން އައިލެންޑްގެ ރީތި މަގެއްގައި ގާސިމް ސައިކަލް ދުއްވަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ސަން އައިލެންޑްގެ ރީތި މަގެއްގައި ގާސިމް ސައިކަލް ދުއްވަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނަލަގުރައިދޫ ލިބުނީ ގާސިމްގެ ވިލާ ހޮޓެލްސް އަށެވެ. މިއީ، ސަން އައިލެންޑް ނުވަތަ ރާއްޖޭގެ އެންމެ ބޮޑު ރިސޯޓްގެ ފެށުމެވެ.

"އަޅުގަނޑަށް 1994ގައި މި ރަށް ލިބިއްޖެ. އޭރު އަޅުގަނޑު ދިޔައީ ހޮލިޑޭ އާއި ޕެރެޑައިސް ރިސޯޓް ވެސް ހަދަމުން. ހަމަ އެ އަހަރު އެ ދެ ރިސޯޓް ނިންމާފައި ދެން ފެށީ މި މަޝްރޫއު."

އެންމެ އިސް މޭސްތިރިއަކީ ގާސިމް

ރިސޯޓްގައި ފުރަތަމަ ރޯނު ދަމާލި އިރު ވެސް މިއީ ކިހާ ވަރެއްގެ މަސައްކަތެއް ކަން ގާސިމަށް ވިސްނިވަޑައިގަތެވެ. އެކަމަކު އޭނާ ވެސް ވިދާޅުވާ ގޮތުން "އިގްތިސާދީ ކަންތައްތަކުގައި އަޅުގަނޑަކީ ކޮށްފައި ނޫނީ ހުއްޓާލާ މީހެއް ނޫނެ"ވެ. ސަން އައިލެންޑް ރިސޯޓް ފެށިގެން ނިމުނީ ވެސް އެ ގޮތަށެވެ. މި މަސައްކަތް ވެގެން ދިޔައީ ގާސިމްގެ ޚާއްސަ ޝައުގެއް އޮތް، ގޮންޖެހުންތަކެއް ވެސް އޮތް ކަމަކަށެވެ. އެހެންވެ، މި ރަށް ރިސޯޓަކަށް ބަދަލުވެ ހުޅުވުމާ ހަމައަށް އެކަމެއްގައި ގާސިމް ހާޒިރުވެވަޑައިގެން ނެތް ވަގުތެއް މަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގިނަ ފަހަރަށް ތަންތަން ކުރަހާ ވެސް ހަދަނީ އަޅުގަނޑު. ކަޑަ ޖަހާފައި ރޯނު ވެސް ދަމަނީ އަޅުގަނޑު. މިހާރު ވެސް ތިބޭފުޅުން ބައްލަވާ، މިއަށް ވުރެ ޕްރެކްޓިކަލީ އޮޕަރޭޓް ކުރަން ފަސޭހަ އެއްވެސް ރިސޯޓެއް ރާއްޖެއަކު ނޯންނާނެ. އެހެން ކިޔާފައި ބޭރު މީހުން ކޮމެންޓް ކޮށްފައި އެބަހުރި. ބައްލަވާ މިއޮތް ފުރާޅަށް. މިއޮތީ އެއް ފުރާޅެއްގެ ދަށުގައި މުޅި ހުރިހާ ސާވިިސް ތަންތަން،" ބޯމަތީގައި އޮތް، ރާއްޖޭގެ ރިސޯޓެއްގައި އޮތް އެންމެ ބޮޑު ފުރާޅު ދައްކާލައްވަމުން އޭނާ ވިދާޅުވި އެވެ.

ސަން އައިލެންޑްގެ މޫދު ކޮޓަރިތައް ހުރި ސަހަރައްދުން ގާސިމް ވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ސަން އައިލެންޑްގެ މޫދު ކޮޓަރިތައް ހުރި ސަހަރައްދުން ގާސިމް ވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މިތަނަށް މުށިގަނޑެއް ގަތަސް، އެހެން އެއްޗެއް ގަތަސް އެ ގަންނަން ވެސް ދަނީ އަޅުގަނޑު. އެ ޗޫސް ކުރަނީ ވެސް އަޅުގަނޑު. ކޮންމެ ތަނެއްގައި ވެސް އަޅުގަނޑު ހުރެގެން އެކަން މީހުން ލައްވާ ކުރުވަމުން ގެންދިޔައީ."

އެއީ، ގާސިމް ވިދާޅުވި ގޮތުގައި، ޚަރަދު ވެސް ކުޑަކުރެއްވުމުގެ ބޭނުމާ އެކު އޭނާ ކުރައްވާ ކަމެކެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ބޭންކަކުން ފައިނޭންސް ކުރި ރިސޯޓަކަށް ސަން އައިލެންޑް ވި އިރު އޭރަށް ބަލާއިރު އެއީ އިންވެސްޓްމަންޓުގެ ގޮތުން ވެސް އެންމެ އަގު ބޮޑު ރިސޯޓެވެ.

"އައިއެފްސީން އަޅުގަނޑުމެންނަށް ދިން ފަސް މިލިއަން ޑޮލަރުގެ ލޯނެއް. ދެން ރާއްޖޭގެ އެކި ބޭންކުތަކުން ލޯނުތައް ނަގައިގެން ގާތްގަނޑަކަށް 48 މިލިއަން ޑޮލަރު ވަރު ހޭދަވި މުޅި ރިސޯޓަށް. އެކަމަކު އެވަރު އެވީ އަޅުގަނޑުމެން މި ރިސޯޓުގެ ހުރިހާ މަސައްކަތެއް އަމިއްލަ އަށް ކުރީމަ. އެހެން ނޫނިއްޔާ 200 މިލިއަން ޑޮލަރުން ވެސް ސަލާމަތެއް ނުވީސް،" ގާސިމް ވިދާޅުވި އެވެ.

ބައްޕަގެ "ދަރިފުޅުގެ" ރިސޯޓް

ތުއްޕުޅުއިރު ދޫނި ހިފަން ވަޑައިގެންނެވި ރަށް، މުޅި ދުނިޔޭގެ ސަމާލުކަމަށް ގެންނަވައި، އަގުބޮޑު ރިސޯޓަކަށް ބަދަލުވެ ނިމުނު އިރު، އެއީ މުޅި ރާއްޖޭގެ ޓޫރިޒަމް ސެކްޓަރަށް ވެސް އައި ބޮޑު އިންގިލާބެކެވެ. ސަން އައިލެންޑް ރިސޯޓް 1998ގައި ހުޅުވީ، ވަރަށް ގިނަ އާ ކަންތައްތަކެއް ތައާރަފު ކުރަމުންނެވެ.

މި ރަށް ލިބިވަޑައިގަތުމާ އެކު ގާސިމް ބޭނުންފުޅުވީ ވީހާ ގިނަ ކޮޓަރިތަކެއް އަޅުއްވާށެވެ. ސަބަބަކީ، މިއީ ވަށައިގެން މޫދު އޮވެފައި، ރީތި ގޮނޑުދޮށެއް އޮތް ރަށަކަށް ވުމެވެ. މުޅި ރަށުގައި 472 ކޮޓަރި އެބަ ހުއްޓެވެ. އޭގެ ތެރޭގައި 72 މޫދު ކޮޓަރި ހިމެނެ އެވެ.

ސަން އައިލެންޑް ރިސޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ގާސިމް އާ އެކު އޭރުގެ ރައީސް މައުމޫން -- ފޮޓޯ: ވިލާ ހޮޓެލްސް
ސަން އައިލެންޑް ރިސޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ގާސިމް އާ އެކު އޭރުގެ ރައީސް މައުމޫން -- ފޮޓޯ: ވިލާ ހޮޓެލްސް

"އެހާ ބައިވަރު ކޮޓަރިތަކެއް އެޅުމުގެ އިތުރުން ސާވިސް އޭރިޔާ އާއި ސްޓާފުންނަށް އާ ކަންކަން ތައާރަފު ކުރުމުގެ ވިސްނުން އަޅުގަނޑުގެ އޭރު ހުރި. މި ރިސޯޓު ނިމުނު އިރު، ސްޓާފުންނަށް ހާއްސަ ބައިބައި ހެދުނު. ރާއްޖޭގައި ފުރަތަމަ ފަހަރަށް ފައިބަ އޮޕްޓިކް ކޭބަލް ބޭނުންކުރީ މި ރަށުގައި. މިއީ ރާއްޖޭގައި އެންމެ ފުރަތަމަ މި ގޮތަށް ވޯޓާ ބަންގްލޯ އެންމެ ގިނަ އަދަދަކަށް އެޅި ރިސޯޓް. އެންމެ ބޮޑު ރެސްޓޯރަންޓް މިއޮތީ މި ރަށުގައި. މިއީ 1000 މީހުންނަށް އެއް ފަހަރާ ސާވް ކުރެވޭނެ ރެސްޓޯރަންޓެއް. އެންމެ ބޮޑު ސްވިމިން ޕޫލު މިއޮތީ މި ރަށުގައި،" ފަސް ރިސޯޓުގެ އޯނަރު ވިދާޅުވި އެވެ.

"ހަމަ އެގޮތަށް މިއީ މިގޮތަށް ރިސޯޓެއްގެ މަގުތަކުގައި ފުރަތަމަ ފަހަރަށް ގާ އެތުރި ރިސޯޓު ވެސް މެ."

ރިސޯޓެއްގެ މަގުތަކުގައި ގާ އެތުރުން ވީ ވަރަށް ގިނަ ބަޔަކު އެކަމަށް ޖޯކު ޖެހި ކަމަކަށެވެ. ޓޫރިޒަމް ދާއިރާގެ އިސް ބައެއް ބޭފުޅުން ވެސް އެ ވާހަކަ ގާސިމާ ދެއްކެވި އެވެ.

"އަޅުގަނޑު ދުށިން އޭރު ވަރަށް ބޮޑު ރިސޯޓެއް. ވާރޭ ވެހިއްޖިއްޔާ މީހުން އުފުލާއިރު މަގުމަތި އޮންނަނީ ޗަކަސް ވެފައި. މީހުން ގަޔަށް ވެސް ޗަަކަސް ދަނީ. ދުއްވާފައި ދާ އުޅަނދު ވެސް އޮންނަނީ ޗަކަވެފައި. މާލޭގެ މަގުތަކުން ވެސް އޭރު ފެނުނީ ހަމަ އެ މަންޒަރު. އެހެންވެ އެ ހުރިހާ ކަމެއް ފެނިފައި އަޅުގަނޑު ހިތަށްއެރީ މި ރަށުގެ މަގުތަކުގައި ގާ އަތުރާނީއޭ. ޓޫރިސްޓުން ނުލާހިކު ސާފުތާހިރުކޮށް ރޭގަނޑު ކާން ވެސް މި އަންނަނީ. އެ މީހުން ބޭނުމެއް ނުވާނެ ޗަކަތަކުގެ ތެރޭގައި ހިނގާކަށް. އަނެއްކޮޅުން މިއީ އެހާ ބޮޑު ރަށެއް،" ގާސިމް ވިދާޅުވި އެވެ.

ސަން އައިލެންޑް ރިސޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ގާސިމާ އެކު ރައީސް މައުމޫން އެ ރިސޯޓް ބައްލަވާލައްވަނީ -- ފޮޓޯ: ވިލާ ހޮޓެލްސް
ސަން އައިލެންޑް ރިސޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ގާސިމާ އެކު ރައީސް މައުމޫން އެ ރިސޯޓް ބައްލަވާލައްވަނީ -- ފޮޓޯ: ވިލާ ހޮޓެލްސް

"ވަރަށް ގިނަ މީހުން އެކަމަށް ޖޯކު ވެސް ޖެހި. އެކަމަކު މިހާރު އެއީ މޮޅު ކަމަކަށް ވެސް ވެއްޖެ. މިހާރު ގަބޫލު ކުރެވިއްޖެ މިއީ ކަން ގޮތަކީ."

ރިސޯޓު ހުޅުވީ ވެސް ރާއްޖޭގެ ރިސޯޓެއް ނުހުޅުވާހާ ވަރުގަދަ ހަފުލާއެއްގަ އެވެ. މުޅި ދުނިޔެއިން 200 ވަރަކަށް ނޫސްވެރިން ގެނެސް، އިންޑިއާގެ ފިލްމީ ތަރިން ވެސް ބައިވެރިކޮށްގެން މުޅި ދުނިޔެ އަށް ބޮޑު އިޝްތިހާރެއްގެ ގޮތަށް ސަން އައިލެންޑް ހުޅުއްވައިދެއްވައިވީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.

ސަން އައިލެންޑަށް ވުރެ ހިދުމަތާއި ފެންވަރުގެ ގޮތުން މަތީ އެހެން ރިސޯޓުތައް ރާއްޖޭގައި ހުއްޓަސް، މިއީ މީގެ ވިއްސަކަށް އަހަރު ކުރިން ރާއްޖޭގެ އެންމެ އަގު ބޮޑު ރިސޯޓެވެ. މިހާރަށް ބެލިޔަސް ރާއްޖޭގެ އެންމެ ބޮޑު ރިސޯޓެވެ. އެންމެ ބޮޑު އޮޕަރޭޝަނެއް ވެސް ހިންގަމުން އަންނަ އަދި އެންމެ މުވައްޒަފުން ވެސް ގިނަ ރިސޯޓެވެ. ހަމަ އެހެންމެ، ރާއްޖޭގެ އެހެން އެއްވެސް ރިސޯޓަކުން ނުފެންނަ އެހެން މަންޒަރުތަކެއް އޮތް ރިސޯޓެއް ވެސް މެ އެވެ. އެއީ ރަށުގެ ކޮންސެޕްޓެވެ. މިއީ، އާދައިގެ ކޮންސެޕްޓަކަށް އޮތް ރަށެއް ނޫނެވެ. އޭގެ ތެރެއިން އެއް ކޮންސެޕްޓްގައި ގާސިމްގެ ބައްޕަގެ ހަނދާންތައް ވަރަށް ބޮޑަށް ސިފަވެގެން ދެ އެވެ. ބޮޑެތި ބިޔަ ގަސްތަކެވެ. ސީދާ ބައްޕަގެ ފަޅުރަށް އަދިވެސް އެއޮތީ ހަމަ އެގޮތަށެވެ!

"ރަށުގެ އެއްބައި މިހާރު ވެސް މި އޮންނަނީ ވަލެއްގެ ގޮތަށް ފަޅުރަށެއްގެ ގޮތުގައި. އެއީ ބައްޕަގެ މަސައްކަތް. ބައްޕަ ކުރެއްވި އެއްވެސް މަސައްކަތެއް އަޅުގަނޑު މި ރަށަކުން ނައްތަލެއް ނުލަން،" ގާސިމް ވިދާޅުވި އެވެ.

ގާސިމްގެ ތުއްޕުޅު އިރުގެ ހަނދާންތައް މި ރިސޯޓުގައި އަބަދުވެސް ދެމިހުރުން އެއީ ގާސިމްގެ އުންމީދެވެ. ހަގީގަތަކީ، ގާސިމް ވިދާޅުވި ގޮތަށް، މާތްﷲ އޭނާގެ ބައްޕަގެ ހުވަފެން ދަރިފުޅު މެދުވެރިވެގެން ހަގީގަތަކަށް ހެއްދުވީ އެވެ.

"އާޚިރުގައި ﷲގެ މިންވަރުފުޅުން އަޅުގަނޑުމެންނަށް އެންމެ ފަހުން މި ރަށް މި ލިބުނީ ވެސް. ބައްޕަގެ އެދުން މާތްﷲ ފުއްދަވައިދެއްވީ،" ގާސިމް ވިދާޅުވި އެވެ.