ހުއްދަ ދިނަސް ގާސިމްގެ ރިސޯޓުތަކަށް ރާ އެތެރެއެއް ނުކުރެވޭ: ވިލާ

ވިލާ ގްރޫޕްގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރިސޯޓުތަކަށް ރަލާއި އޫރުމަސް އެތެރެކުރުމަށް ސަރުކާރުން ދެ ހަފްތާގެ މުއްދަތެއް ދީފައިވިޔަސް ކަސްޓަމްސް މެދުވެރިކޮށް އެ ތަކެތި އެތެރެ ނުކުރެވޭ ކަމަށް ވިލާ ގްރޫޕުން މިއަދު ބުނެފި އެވެ.


ގާސިމްގެ ފަސް ރިސޯޓު ކަމުގައިވާ ރޯޔަލް އައިލެންޑް ރިސޯޓާއި ޕެރެޑައިސް އައިލެންޑް ރިސޯޓާއި ފަން އައިލެންޑް ރިސޯޓާއި ހޮލިޑޭ އައިލެންޑް ރިސޯޓާއި ސަން އައިލެންޑް ރިސޯޓަށް ބަނގުރަލާއި އޫރުމަސް އެތެރެކުރުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ބާތިލްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ރަލާއި އޫރުމަސް އެތެރެކުރުމަށް 14 ދުވަހުގެ ވަގުތީ ލައިސަންސެއް ދިނީ މިދިޔަ ހޯމަ ދުވަހެވެ.

ވިލާގެ އޮފިޝަލަކު މިއަދު ވިދާޅުވީ ގާސިމްގެ ރިސޯޓުތަކަށް ވަގުތީ ހުއްދައެއް ސަރުކާރުން ދިނުމާ ގުޅިގެން ކަސްޓަމްސް މެދުވެރިކޮށް، ބަނގުރަލާއި އޫރު މަސް އެތެރެކުރަން މަސައްކަތް ކުރުމުން އެކަމަށް ކަސްޓަމުން ދެކޮޅު ހަދައި، އެ ތަކެތި ދޫނުކުރެވޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

"ކަސްޓަމުން ބުނަނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ އިރުޝާދެއް (ބަނގުރަލާއި އޫރުމަސް އެތެރެކުރަން) ދީފައިނުވާ ކަމަށް، އެކަމަކު އަޅުގަނޑުމެން ހުރިހާ ލިޔެކިޔުންތަކެއް ދައްކާފައި އޮންނާނީ. އެކަމަކު ވެސް ގާސިމްގެ ރިސޯޓުތަކަށް އެތަކެތި އެތެރެއެއް ނުކުރެވޭ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިކަމުގެ ސަބަބުން، ސަރުކާރުގެ ނިންމުމަކީ ތާކުން ތާކު ނުޖެހޭ ނިންމުމެއް ކަން ހާމަވެގެންދެ އެވެ. އަދި ކަސްޓަމްސްގެ މި ނިންމުމާ ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަކު، އޭގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

މިކަމާ ގުޅިގެން ކަސްޓަމްސްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

މިދިޔަ މާޗް މަހުން ފެށިގެން ރޯޔަލް ފިޔަވައި ގާސިމްގެ ހަތަރު ރިސޯޓަށް ބަނގުރަލާއި އޫރު މަސް އެތެރެކުރުމަށް އޮތް ހުއްދަ ވަނީ ބާތިލްކޮށްފަ އެވެ. އެންމެ ފަހުން ހުއްދަ ހިފެހެއްޓީ، ގާސިމްގެ އައިލެންޑް ޓްރެވެލް އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑުގެ ދަށުން ހިންގާ ރޯޔަލް އައިލެންޑް ރިސޯޓަށް ބަނގުރަލާއި އޫރުމަސް އެތެރެކުރުމަށް ދީފައިވާ ހުއްދަ އެވެ.

ގާސިމްގެ ރިސޯޓުތަކަށް ބަނގުރަލާއި އޫރު މަސް އެތެރެކުރަން ވަގުތީ ހުއްދައެއް ދިން ކަން ހާމަކޮށް ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ވަގުތީ ލައިސަންސެއް ދޭން ނިންމީ ރާއްޖޭގެ ޓޫރިޒަމަކީ އިގްތިސާދަށް މުހިއްމު ސިނާއަތަށް ވާތީވެ، ރާއްޖެ އަށް ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓުންގެ ހިތްހަމަޖެހުމަށެވެ.

ގާސިމްގެ ރިސޯޓުތައް ފާސްކުރީ ރޯޔަލް އައިލެންޑަށް ގެންދަން ހުއްދަ ދީފައިވާ، އޫރު މަހާއި ރާ، ސަން އައިލެންޑާއި ޕެރެޑައިސް އާއި ފަން އައިލެންޑާއި ހޮލިޑޭ އައިލެންޑް ރިސޯޓަށް ގެންދާ ކަމަށް ބުނެ އެވެ. އަދި ފަންގައި ހުރި ގިނަ އަދަދެއްގެ ރާ ފުޅިތައް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ ވިލާގެ ހަތަރު ރިސޯޓަކުން މިދިޔަ މާޗު މަހުން ފެށިގެން ޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި 5.1 މިލިޔަން ޑޮލަރު ނުދައްކާ ކަމަށެވެ.