ދިވެހިންގެ މެދުގައި ކުޅިވަރުގެ ހުނަރު ކުރިއަރުވައި އަދި ކުޅިވަރު ތަރައްގީ ކުރަން ގައުމީ ބޭންކު، ބީއެމްއެލް ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް ސަރުކާރުން މިރޭ އިނާމު ދީފި އެވެ.
ރާއްޖޭގައި އެންމެ ކަސްޓަމަރުން ގިނަ އަދި އިޖުތިމާއީ ޒިންމާގެ ދަށުން އެންމެ ގިނަ ބަޔަކަށް އެހީތެރިވާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ބީއެމްއެލްގެ އަގު ސަރުކާރުން ވަޒަންކުރީ މިރޭ ބޭއްވި 2024 ވަނަ އަހަރުގެ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގަ އެވެ.
ސޯޝަލް ސެންޓަރުގައި ބޭއްވި މި ހަފުލާގައި ބީއެމްއެލްގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގަތީ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފެވެ.
ބީއެމްއެލުން ބުނީ، ރާއްޖޭގައި ކުޅިވަރުތައް ކުރިއަރުވަން އެ ބޭންކުން ކޮންމެ އަހަރަކު ވެސް ގައުމީ ކުޅިވަރު ޖަމިއްޔާތަކާ ގުޅިގެން، ގައުމީ ފެންވަރުގެ މުބާރާތްތައް ބާއްވަން އެހީތެރިވެ، ކުޅުންތެރިންގެ ހުނަރު ތަރައްގީ ކޮށްދޭން މަސައްކަތްކުރާ ކަމަށެވެ.
"އެގޮތުން ފުޓުބޯޅަ، ސުވިމިން، ބާސްކެޓް ބޯޅަ، ޓެނިސް އަދި ސާފިން އެސޯސިއޭޝަންތަކާ އެކު ގާއިމުކޮށްފައިވާ ދިގު މުއްދަތުގެ ޕާޓްނާޝިޕްތަކުގެ ދަށުން އެސޯސިއޭޝަންތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ދެ އެވެ،" ބީއެމްއެލުން ބުންޏެވެ.
އެ ބޭންކުން ބުނި ގޮތުގައި، 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބީއެމްއެލް ސްޕޯޓްސް ސްކޮލަޝިޕްގެ ދަށުން ތަމްރީނު ހޯދުމުގެ ފުރުސަތު ފަހިކޮށްދެ އެވެ. އެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް ވެސް 8 އެތުލީޓަކަށް ތަމްރީނު ދީފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.
"މީގެ އިތުރުން ބޭންކުން މިހާރު ވެސް ވަނީ ބާސްކެޓްބޯޅަ އެރީނާއެއް ގާއިމުކުރުމަށް އެމްބީއޭއާ އެކު އެއްބަސްވެފަ އެވެ،" ބީއެމްއެލުން ބުނެ އެވެ.
އެ ބޭންކަކީ 2017 ވަނަ އަހަރުން ފެށިގެން ދިވެހި ގައުމީ ފުޓުބޯޅަ ޓީމުގެ ރަސްމީ ސްޕޮންސަރު ވެސް މެ އެވެ.