އެއް ދުވަސް ތެރޭގައި 7،000 އަށް ވުރެ ގިނަ ފަސިންޖަރުން އުފުލައި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން ތާރީހީ ރެކޯޑެއް އިއްޔެ ހަދައިފި އެވެ.
ރާއްޖޭގެ އަދި ދުނިޔޭގެ ވެސް އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓީމްއެމްއޭ އިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކުންފުނިން އޮޕަރޭޝަނަލް ގޮތުން ތާރީހީ ބޮޑު ކާމިޔާބީއެއް އިއްޔެ ހާސިލުކޮށްފައިވާ ކަމަށެވެ.
އެއް ދުވަހުގެ ތެރޭގައި 7,000 އަށް ވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީ، 800 އަށް ވުރެ ގިނަ ފްލައިޓް (ޓޭކް-އޮފް އަދި ލޭންޑިން) ފުރިހަމަކޮށްފައިވާ ކަމަށް އެ އެއާލައިނުން ބުންޏެވެ.
ޓީއެމްއޭ އިން ބުނީ މިއީ އެ ކުންފުނީގެ ތާރީހުގައި ވެސް އެއް ދުވަހުގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ އޮޕަރޭޝަންތައް ކުރިއަށް ގެންދެވުނު ފުރަތަމަ ފަހަރު ކަމަށެވެ.
މިއީ އެ ކުންފުނީގެ އޮޕަރޭޝަނަލް ތައްޔާރީތަކާއި ގިނަ އަދަދެއްގެ ދަތުރުތައް އެއްވެސް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމުގެ ގާބިލުކަން ހުރިކަން ހާމަކޮށްދޭ ހެއްކެއް ކަމަށް ޓީމްއެމްއޭ އިން ބުންޏެވެ.
ޓީއެމްއޭ އިން ބުނީ މިއީ އެ އެއާލައިންގެ މުވައްޒަފުންގެ ބުރަ މަސައްކަތާއި އެކަކު އަނެކަކަށް ބަހައްޓާ ގާތް ގުޅުމުގެ ނަތީޖާ ކަމަށެވެ. އަދި ޓޫރިޒަމްގެ ޕީކް ސީޒަންގައި ވެސް އެ ކުންފުނީގެ އޮޕަރޭޝަންތަކުގެ އިންތިޒާމުތައް ފުރިހަމަ ކަމުގެ ރަމްޒެއް ކަމަށް ޓީއެމްއޭ އިން ބުންޏެވެ.
ޓީމްއޭގެ ޕޯސްޓުގައި ވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފަ އެވެ.
ރާއްޖޭގެ ޓޫރިޒަމް ރެކޯޑްތައް ދައްކާ ގޮތުގައި، އިއްޔެއަކީ އެއް ދުވަހެއްގައި ތެރޭގައި އެންމެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި ދުވަހެވެ. އެ ރިކޯޑް ގާއިމްކުރީ އިއްޔެ ރާއްޖެ އައި 11،136 ޓޫރިސްޓުންނާ އެކު އެވެ. އެހެންވެ، އިއްޔެއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ތާރީހުގައި ވެސް މިހާތަނަށް އެންމެ ބާރުބޮޑުވި ދުވަހެވެ.